ނިއު ޔޯކްގެ ލޯވާ މެންހަޓަންގެ ބައިސިކަލް ދުއްވަން ހާއްސަ ސަރަހައްދެއްގައި ޓްރަކެއް ބޭނުންކޮށްގެން ދިން ހަމަލާގައި ތުހުމަތު ކުރެވޭ މީހާ "ހައްދުފަހަނައަޅަފައި ވަނީ" އެމެރިކާގައި ކަމަށާއި އޭނާ ހައްދުފަހަނައަޅައި ދިޔައީ ހަނގުރާމަވެރި ޖަމާއަތް ކަމަށްވާ އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ސަބަބުން ކަމަށް އޮފިޝަލުން ބުނެފިއެވެ.
ނިއު ޔޯކްގެ ގަވަނާ އެންޑްރޫ ކޯމޯ ބުދަ ދުވަހު ވިދާޅުވީ ހަަމަލާ ދިން ކަމަށް ތުހުމަތު ކުރެވޭ ސައިފުﷲ ސައިޕޯވް އަކީ އުޒްބަކިސްތާނަށް ނިސްބަތްވާ ޓްރަކް ޑްރައިވަރެއް ކަމަށާ އޭނާ ހައްދުފަހަނައަޅައި ދިޔައީ އިންޓަނެޓުގައި ހުރި އައިސިސްގެ ޕްރޮޕަގަންޑާގެ ސަބަބުން ކަމަށާ، ޓްރެއިނިން ކޭމްޕަކަށް ދިޔުމުގެ ސަބަބުން ނޫން ކަމަށެވެ.
ހަމަލާ ދިން އުމުރުން 29 އަހަރުގެ ފިރެހެން މީހާގެ ގަޔަށް ބަޑިޖަހައި ފުލުހުން ވަނީ އޭނާ ހައްޔަރުކޮށްފައެވެ. އޮފިޝަލުން ވަނީ އެއީ ޓެރެރިސްޓް ހަމަލާއެއްކަމަށް ބުނެފައެވެ. މިހަމަލާގައި އަށް މީހުން މަރުވިއެވެ. އަދި އެގާރަ މީހަކު ޒަޚަމްވިއެވެ.
ސައިފުﷲ ސައިޕޯވް ނަމަކަށް ކިޔާ އެ މީހާ އަކީ 2010 ވަނަ އަހަރު އެމެރިކާއަށް ހިޖުރަކޮށްފައިވާ މީހެެއް ކަމަށް ރިޕޯޓުތައް ބުނެއެވެ. ގާނޫނު ތަންފީޒު ކުރާ އިދާރާތަކުން ބުނެފައިވާ ގޮތުގައި ހަމަލާދޭން ބޭނުން ކުރި ޕިކަޕުގެ ތެރެއިން އައިއެސް ޖަމާއަތުގެ ނޯޓެއް ފެނިފައިވެއެވެ.