ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތުދިގެން މަޖިލީހުގެ ތެރެއިން ވެރިކަން ވައްޓާލަން މަސައްކަތްކުރިކަމަށް ރައީސް އަބުދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ދ. މާއެނބޫދޫގެ ނަރުދަމާގެ ނިޒާމު އިފްތިތާހުކޮށް ދެއްވުމަށް އެ ރަށުގައި ބުދަދުވަހު ބޭއްވި ޖަލްސާގައި އެމަނިކުފާނު ވިދާޅުވީ، ރާއްޖޭގައި ގާނޫނުގެ ފައި ހަމަކުރަން ނުޖެހޭ މީހުން ތިބި ކަމަށް ބަޔަކު ގަބޫލު ކުރަމުންދާ ކަމަށެވެ. އަދި ސަރުކާރާއި އެމަނިކުފާނާ ދޭތެރޭގައި އިދިކޮޅު މީހުންގެ ކުރިމަތީގައި މައްސަލަތަކެއް އުފެދުނީ އެ ސަބަބާ ހުރެކަމަށް ވިދާޅުވިއެވެ.
"އަބަދުވެސް ދައްކާ ވާހަކަ އަކީ ރިޝްވަތާއި ފަސާދައިގެ ވާހަކަ. އެކަމަކު ދީބާޖާއެއް ގޮތަށް ފަށަން އުޅޭ ވާހަކަ އެ އަށް ވުރެ ކުރިން ފުލުސް ސްޓޮޕަކުން ނިންމާލަން ޖެހެނީ މަޖިލީހުގެ ތެރޭގައި އެ ކުރެއްވީ ކީއްހެއްޔޭ؟ ހަމަ ރިޝްވަތާއި ފަސާދަ ބޭނުން ކުރައްވައިގެން ދައުލަތެއް ވައްޓާލަން މަސައްކަތް ކުރެއްވީ. އެހެންވީމަ ނެތެއް ނޫންތޯ އެ ވާހަކަ ވެސް ދެއްކޭކަށް؟ އެހެންވީމަ މިކަހަލަ ހާލެއްގައި އިދިކޮޅު ސިޔާސީ ބޭފުޅުން ތިއްބެވީ." ރައީސް ވިދާޅުވި އެވެ.
"މަޖިލީހުގެ ތެރޭގައި އަޅުގަނޑުމެންގެ މައްޗަށް ރިޝްވަތާއި ފަސާދައިގެ ވާހަކައިން ބަދުނާމް އައިސް ކުށްވެރިކުރާއިރު، ކުށްވެރި ކުރާ ބޭފުޅުން މި ކަންކަމުގެ އެހީތެރިވެ ސަރުކާރެއް ވައްޓާލަން މަސައްކަތް ކުރުމަކީ އެންމެ ރަނގަޅު ކަމެއްތޯ؟" އެމަނިކުފާނު ސުވާލުއުފައްދަވަމުން ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި މެމްބަރުންގެ ތެރޭގައި ފައިސާ ދައުރުވެ، ނާޖައިޒު ނުފޫޒުތަކެއް މެމްބަރުންނަށް ލިބިފައިވެ އެވެ. އަދި އޭގެ ތެރެއިން ގިނަ މެމްބަރުންނަކީ ސަރުކާރަށް ވަރަށް ވަރުގަދަ ތާއީދެއް ކޮށްގެން ތިއްބެވި މެމްބަރުން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. މަޖިލީހުގެ އަޣުލަބިއްޔަތު ރައްޔިތުން ދިނީ ޕީޕީއެމަށާއި އެމްޑީއޭ އަށް ކަމަށާއި ޖުމްހޫރީ ޕާޓީއަށް ގޮނޑިތަކެއް ލިބުނީ، ޕީޕީއެމުން އެ ގޮނޑިތަކަށް ވާދަ ނުކުރުމުން ކަމަށް ރައީސްގެ ވާހަކައިގައި ފާހަގަކުރެއްވި އެވެ.
ރައީސް އެހެން ވިދާޅުވިއިރު، ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަށް ރިޝްވަތު ހުށަހެޅުމުގެ ކުށުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވަނީ ތިން އަހަރަށް ޖަލަށްލައިފަ އެވެ. އަދި ދިއްގަރު ދާއިރާގެ މެމްބަރު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫން ރިޝްވަތު ދިން ކަމަށް ބުނާ މައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ދަނީ ހިނގަމުންނެވެ.
ޕީޕީއެމްގެ 10 މެމްބަރަކު އެ ޕާޓީން ވަކިވީ ސަރުކާރާ އުފެދުނު ހިޔާލު ތަފާތުވުންތަކަކާ ހެދި އެވެ. އަދި ޕާޓީން ވަކިކުރާ، އަދި ބަދަލުވާ މެމްބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅައިދޭން ދައުލަތުން އެދުމުން، ސުޕްރީމް ކޯޓުން ވަނީ އެގޮތަށް ހުކުމްކޮށްފަ އެވެ. އެހެންވެ، ޕީޕީއެމުން އެދިގެން، އޭގެ ތެރެއިން މެމްބަރުންތަކެއްގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ ނިންމައިފަ އެވެ.