އެއީ މާޒީއެވެ. ގައުމުގެ ވެރިކަމުގައި އެދުވަހު ހުންނެވީ އެމްޑީޕީގެ ފަރާތުން ރިޔާސީ ރޭހަށް ނިކުންނެވި ކެނޑިޑޭޓް ގ. ކެނެރީގޭ މުހައްމަދު ނަޝީދެވެ.
ރައީސް މުހައްމަދު ނަޝީދު ވެރިކަމަށް ވަޑައިގެންނެވީ މެނިފެސްޓޯއަކާއި ހެޔޮވެރިކަމެއް ގައުމުގައި ގާއިމް ކުރެއްވުމުގެ އުސޫލެއް ހިއްޕަވައިގެންނެވެ. އެމަނިކުފާނަށް މާޒީގައި ލިބިވަޑައިގެންނެވި އަނިޔާގެ ބަދަލު ހިއްޕެވުމުގެ ގޮތުން އެއްވެސް ބޭފުޅަކު ހައްޔަރުކޮށް ކުޑަގޮޅީގެ އަނިޔާ ދެއްވުމަކަށް އެއްބަސްވެ ވަޑައެއް ނުގަތެވެ. އަދި އެފަދަ ގޮތަކަށް އަމަލު ކުރެއްވުމަށް އެމަނިކުފާނު އެއްބަސްވެވަޑައިނުގަތުމުން ޕާޓީގެ އިސްސަފުގައި ތިއްބެވި ބައެއް ބޭފުޅުން ހިތްހަމަ ނުޖެހުން ފާޅުކުރެއްވިޔަސް އެމަނިކުފާނުގެ ވެރިކަމުގައި ރައީސްކަން ކުރައްވައި ސަރަފްވެރިކަމާއެކު ހުންނަވަން ޖެހޭ ބޭފުޅަކު ޝަރުއީ ހަމަތަކުގެ މަތިން ކުރެވޭ ހުކުމަކުން މެނުވީ ޖަލަށް ލުމަކީ ކުރައްވާނެ ކަމެއް ނޫންކަން މުޅިގައުމަށް ސާބިތުކޮށްދެއްވިއެވެ.
ގާނޫނު އަސާސީގައި ބާރުތައްވަކިވެފައި އޮތުމުން ރައީސް ނަޝީދު އެކަމަށް އިހްތިރާމް ކުރެއްވިއެވެ. ފުލުހުންގެ މުއައްސަސާގެ ތެރޭގައި އުފެދިގެންދިޔަ އުދާސްތަކާއެކު ވެރިކަމުގެ ނިޒާމަށް ލޮޅުން އެރިނަމަވެސް އެމަނިކުފާނުގެ ވެރިކަމުގެ އެންމެ ފަހުވަގުތާއި ހަމައަށް ވެސް ރައްޔިތަކަށް ނުހައްގު އަނިޔާއެއް ދެއްވުމަށް މަސައްކަތް ކުރެއްވި ތަނެއް ނުފެނުނެވެ. ބައެއް ފުލުހުންނާ ސިފައިންގެ ފަރާތުން 7 ފެބްރުއަރީ 2012 ވަނަ ދުވަހު ފެނިގެން ދިޔަ މަންޒަރުތަކަށް ވެސް އެމަނިކުފާނު ކެތް ކުރެއްވިއެވެ. އެނޫން ދުވަހެއްގައި މައްސަލަތައް ބެލޭނެ ކަމުގެ އުންމީދުގައި ހުންނަވައިގެންނެވެ. ހައްގަށް ނަސްރު ލިބުމަކީ އިލާހީ ގާނޫނު ކަމުގައި ގަބޫލުފުޅު ކުރައްވައި ރައްޔިތަކަށް އިތުރު ގެއްލުމެއް ލިބުމުގެ ފުރުސަތު ނިމުމަކަށް ގެނައުމަށް ރައީސުލްޖުމްހޫރިއްޔާގެ މަގާމުން އިސްތިއުފާދެއްވީއެވެ.
މިއީ 2017 ވަނަ އަހަރެވެ. ރާއްޖޭގެ ކަންކަން ހިނގާމަގު އެމަނިކުފާނަށް ވެސް އޮޅިވަޑައިގެންފައެއް ނެތެވެ. ގާނޫނުތަކުން މުއައްސަސާތަކަށް ބާރުތައް ލިބިދީފައި އޮތަސް ގާނޫނުތަކުގެ ބާރު ފުރިހަމައަށް ތަންފީޒު ކުރެވޭ ހާލަތު މަދުން މެނުވީ ނެތެވެ. މިނިވަންކަމާއެކު ތިއްބަވަން ޖެހޭ ގިނަ ބޭފުޅުން ތިއްބެވީ އެގޮތަކަށް ނޫނެވެ. އެބޭފުޅުންގެ އަމަލުތަކަށް ބަލާލުމުން އެބޭފުޅުންނަށް ވަކިކަމެއް ވަކިގޮތަކަށް ކުރުމަށް މަޖުބޫރުވާ ފަދަ ހާލަތެއް އައިސްފައި އޮތްހެން ހީވެއެވެ.
ގައުމުގައި އޮތް އޮއިވަރުގެ ސަބަބުން ސަލާމަތާ ރައްކާތެރިކަން ކަށަވަރުވާ ރައްޔިތުންގެ އަދަދު ބުނާކަށް ނޭންގޭނެއެވެ. ވަޒީފާގެ ކަށަވަރުކަން ލިބެނީ ވަކި ކުލަޔަކަށް ހިތާދެކޮޅަށް ވެސް ތާއީދުކޮށް ބަސް އަހައިގެން ހުރުމުންނެވެ. ލޯނާއި ފްލެޓްގެ ފުރުސަތު ފަސޭހައިން ލިބެނީ ވަކިބަޔަކު ބުނާ މަސައްކަތްތަކެއް ކޮށްގެން ކަމަށް ކުރާ ތުހުމަތުގެ އަޑު ކެނޑިނޭޅި އިވެނީއެވެ. ރިޔާސީ ރޭހަށް ނިކުންނަވަން އުންމީދު ކުރައްވާ ބޭފުޅުންނަށް އެކަން ކުރެއްވޭނެ ކަމުގެ އެއްވެސް އުންމީދެއް ނެތެވެ. ގާނޫނުތަކުގެ ބާރުގައި އެބޭފުޅުންނަށް ސަލާމަތުން މަގުމަތީގައި ސިޔާސީ ހަރަކާތެއް ހިންގޭނެ ފުރުސަތު ނެތް ވާހަކަ އާންމު ކުރައްވައިފިއެވެ.
ސަރަފްގެ މެޑަލް އާއި އިހްލާސްތެރި ޚިދުމަތުގެ މެޑެލް ލިބިވަޑައިގެން ތިއްބެވި ބައެއް ފުލުހުންނާއި ސިފައިން މިއަދު ގައުމާމެދު ވިސްނެވުމުން ގައުމަށް ވަމުންދާ ގޮތް އެނގިވަޑައިގަންނަވާނެއެވެ. ރައްޔިތުންގެ މަޖިލީހުގައި އިއްޒަތްތެރިންގެ ގޮތުގައި ތިއްބެވި ބޭފުޅުން ގައުމު ދަތުރުކުރާ މިސްރާބާ މެދު ވިސްނެވުމުން ގައުމުގެ މިސްރާބު ހުރީ ރަގަޅަށް ނޫންކަން އެނގިވަޑައިގަންނަވާނެއެވެ. ގައުމީ ޚިދުމަތުގައި މުޅި ހަޔާތް ވޭތުކުރައްވައިފައި ތިއްބެވި ބޭފުޅުން ގައުމުގެ މުސްތަގުބަލަށްޓަކައި ކޮށްޓެވި މަގުތައް ބެދި ދިޔުމަށް ފުރުޝަތު ދިނީ ކޮންބައެއްގެ އިހްމާލުންކަން ބުނެދޭންވީ ވަގުތު އަތުވެއްޖެއެވެ.
ކުރުކޮށް ދަންނަވާނަމަ އިއްޔެ ބަޔަކަށް އަނިޔާ ދިންކަމަށް ތުހުމަތު ކުރެވޭ މީހުންނަށް މިއަދު އުފަލެއް ނެތެވެ. އަނިޔާދިން ކަމަށް ބުނެ ތުހުމަތުކުރެވުނު މީހުންނަށް މިއަދު އިނާމެއްގެ ގޮތުގައި ލިބެނީ އެމީހުން ވިސްނާލުމެއްނެތި ކުރި ކަންތައްތަކުގެ ހިތި ނަތީޖާއެވެ. މިއަދު އެކަންކަމާ މެދު ވިސްނާލުމަށް އެދެމެވެ.