ދުންފަތުގެ ނުރައްކާ ތަސްވީރު ހާމަކުރުމާއި ސިނގިރޭޓް އަދި ބިޑި ވަކިވަކިން ވިއްކުން މަނާ ކުރާ ގަވައިދު ގެޒެޓް ކުރުން ލަސްވުން، މާނަ ކުރައްވަނީ ކޮންގޮތަކަށްކަން އެނގިވަޑައިނުގަންނަވާ ކަމަށާ އެކަމަކީ ވަކި ދުވަހަކަށް ނިންމަވަންޖެހޭ ކަމެއް ނޫން ކަމަށް ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ހެލްތް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ނާޒިމު ވިދާޅުވީ، ދިވެހި ރާއްޖޭގައި ސިނގިރޭޓު ނުގެންގުޅޭ ދުވަސްވަރެއް ހަނދުމަފުޅު ނެތް ކަމަށާއި ސިނގިރޭޓް ރާއްޖޭއަށް އިމްޕޯޓް ކޮށް އާންމު އެއްޗަކަށްވެފައިވާތާ އެތަށް ދުވަހެއް ވެފައިވާ ކަމަށެވެ. މިނިސްޓަރ ވިދާޅުވީ، ދުންފަތުގެ ތަސްވީރު ހާމަކުރުމަކީ ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުން ވެސް ކޮށް އުޅޭ ކަމެއް ކަމަށާއި އެހެން ނަމަވެސް ރާއްޖެއިން އެ މަސައްކަތް ފަށާފައިވަނީ ވަރަށް ފަހުން ކަމަށެވެ.
" މިކަމާ ގުޅޭ ގާނޫނީ ލަފާ ހޯދުމުގެ މަސައްކަތް ކުރަމުންދަނީ. މި ގަވައިދު ލަސްވުން މާނަ ކުރާ ގޮތެއް އަޅުގަނޑަކަށް ނޭންގެ. މިއީ ސީދާ އެހެން ވަކި ދުވަހަކަށް ނިންމަން އޮތް ކަމެއް ނޫން. އެހެން ނަމަވެސް މިކަމަށް އޮންބޯޑް ކުރަންޖެހޭ ހުރިހާ ފަރާތްތަކެއް އޮންބޯޑު ކުރަމުން މިދަނީ" ނާޒިމް ވިދާޅުވި އެވެ.
މިނިސްޓަރ ނާޒިމް ވިދާޅުވީ، ގެޒެޓް ކުރުމަކީ ވަރަށް ކުޑަ ކަމެއް ކަމަށާއި އެހެން ނަމަވެސް އޭގެ ކުރިން ކުރަންޖެހޭ ކަންކަން އެބަ ހުރި ކަމަށެވެ. މިނިސްޓަރ ވިދާޅުވީ، އެހެން ނަމަވެސް މިކަން އަވަސް ކުރުމަށް އެ މިނިސްޓްރީން ވެސް މަސައްކަތް ކުރާ ކަމަށެވެ.
މިނިސްޓަރ މިހެން ވިދާޅުވެފައިވާ އިރު މި ގަވައިދުގެ ހުރިހާ މަސައްކަތެއް ނިންމާ ގެޒެޓް ކުރުމަށް ހެލްތް މިނިސްޓްރީން ފޮނުވާފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގަ އެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވީ ދުންފަތް ކޮންޓްރޯލް ކުރުމުގެ މަސައްކަތް ކުރުމަކީ ޗެލެންޖިންގ މަސައްކަތެއް ކަމަށާއި މި މަސައްކަތް ކުރުމުގައި ކަޑައްތު ކުރަންޖެހޭ މަރުހަލާތަަކަކީ ކެތްތެރިކަމާ އެކު ކުރަންޖެހޭ ކަމެއް ކަމަށެވެ. އެހެން ނޫނީ ދެމެހެއްޓިވި ގޮތެއްގައި އެފަދަ މަސައްކަތްތަކެއް ނުކުރެވޭނެ ކަމަށް މިނިސްޓަރ ނާޒިމް ވިދާޅުވި އެވެ.
މިނިސްޓަރ ވިދާޅުވީ، އާންމުތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރުން އެންމެ އެކަށީގެންވާ ގޮތުގައި ކުރިއަށް ނުދަނީ ކަނޑައެޅިފައިވާ އުސޫލުތަކުގެ ސަބަބުން ކަމަށެވެ. ކުރިއަށް އޮތްތަނުގައި މި އުސޫލުތަކަށް ރަގަޅު ބަދަލުތަކެއް ގެންނާނެ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.