ސިވިލް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމުގައި އާއިޝާ ޝުޖޫން މުހައްމަދު ހުންނެވި އިރު ބެއްލެވި މައްސަލައަކާ ގުޅިގެން ފަސް މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ހުށަހެޅި ކަމަށް ބުނާ މައްސަލައިގައި ކޮރަޕްޝަނުގެ އަމަލެއް ހިންގާފައިނުވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކަނޑައަޅައިފި އެވެ.
ފަސް މިލިއަން ޑޮލަރު (ގާތްގަނޑަކަށް 77.1 މިލިއަން ރުފިޔާ) ހުށަހެޅި ކަމަށް ފަނޑިޔާރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވާފައިވާ ޝުޖޫން ވިދާޅުވީ 2014 ވަނަ އަހަރުގެ ފެބްރުއަރީ މަހު ޓީވީއެމް އިން ގެނެސްދިން "ހޭޔަންބޯ" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ.
އޭސީސީން އެ މައްސަލަ ބެލުމަށް ފަހު މިއަހަރުގެ ޖުލައި މަހު ނިންމާފައި ވަނީ އެ މައްސަލަ ކުރިއަށް ގެންދިއުމަށް ބޭނުންވާ ވަރަށް މައުލޫމާތު ލިބިފައިނުވާ ކަމަށާއި، ލިބުނު މައުލޫމާތުތަކަށް ބަލާއިރު ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ފަދަ އަމަލެއް ހިންގާފައިވާކަން ފާހަގަކުރެވިފައިނުވާ ކަމަށެވެ.
"ހޭޔަންބޯ" އަށް ޝުޖޫން ދެއްވި އިންޓަވިއުގައި ވިދާޅުވެފައި ވަނީ މީހަކު އޭނާއަށް ރިޝްވަތުގެ ގޮތުގައި ފަސް މިލިއަން ޑޮލަރު ހުށަހެޅި ކަމަށެވެ. އަދި ފަނޑިޔާރުން ރިޝްވަތު ނުހިފާ ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި ރިޝްވަތު ހުށަހަޅާ ނަމަ ހިފާ ބަޔަކު ވެސް ތިބޭނެ ކަމަށް ބުނެވިދާނެ ކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.
މި މައްސަލަ އޭސީސީއިން ބަލަން ފެށީ 2014 ވަނަ އަހަރު އެވެ. ފަނޑިޔާރުންގެ ސުލޫކާ ހިލާފު ވާހަކަފުޅެއް ދައްކަވާފައިވާ ކަމަށް ބުނެ ޝުޖޫންގެ މައްސަލަ ޖުޑިޝަލް ސަރވިސަސް ކޮމިޝަން(ޖޭއެސްސީ) އިން ވެސް ބެލި އެވެ.
ރާއްޖޭގެ ފުރަތަމަ އަންހެން ދެ ގާޒީންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޝުޖޫން މަގާމުން އިސްތިއުފާ ދެއްވީ 2014 ވަނަ އަހަރުގެ ޑިސެމްބަރުގަ އެވެ.