ރާއްޖޭގެ ރަށްރަށަށް ބޭނުންވާ ތަރައްގީ އާއި ކުރިއެރުން ހޯދުމުގެ ފުރުސަތު އޮތީ ރައްޔިތުންގެ އަތްމަތީގައި ކަމަށާއި ތަރައްގީ ކުރުމުގެ ފުރުސަތު ރައްޔިތުން ދެއްވައިފި ނަމަ ކުޅިބައްލަވަން ނުހުންނަވާނެ ކަމަށް ރައީސުލްޖުމްހޫރީއްޔާ އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ދ. ކުޑަހުވަދޫ އެއާޕޯޓް ރަސްމީކޮށް ހުޅުއްވައި ދެއްވުމަށް ކުޑަހުވަދޫގައި ބޭއްވި ރަސްމީއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގެ ތަރައްގީއަށްޓަކައި ސަރުކާރުން ކުރާ މަސައްކަތްތަކާއި ސަރުކާރުން އެކުލަވާލާފައިވާ ޕޮލިސީތައް ކުރިއަށް ގެންދިއުމުގެ ހުރިހާ ބާރެއް ވެސް އޮތީ ރާއްޖޭގެ ރައްޔިތުންގެ އަތްމަތީގައި ކަމަށެވެ. އެގޮތުން ސަރުކާރުން ތަރައްގީއަށްޓަކައި ކުރާ މަސައްކަތްތައް ހުއްޓުވާލާ، އެ މަސައްކަތްތަކަށް ލޮޅުން އަރުވައި އަބަދު މަގުމަތީގައި ތިބޭނީތޯ ނުވަތަ ނޫންތޯ ނިންމާނީ ވެސް ރައްޔިތުން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެމަނިކުފާންގެ ވާދަވެރިންގެ ކިބައިން ވެސް އެދޭ ކަމަކީ އެމަނިކުފާނު ރާއްޖޭގެ ތަރައްގީއަށްޓަކައި ކުރާ މަސައްކަތުގައި އެއްބާރުލުން ދީ އެކަމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ. އަދި އެމަނިކުފާނުގެ ސަރުކާރުން ކުރާ މަސައްކަތުގައި އިދިކޮޅު ފަރާތްތަކުގެ އެއްބާރުލުން ނުލިބުނު ނަމަވެސް ތަރައްގީގެ ކުރި ބޯއްޓާ ހަމައަށް ވާސީލްވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
" "އަޅުގަނޑުގެ ސިޔާސީ ވާދަވެރިންނަށް ވެސް ދަންނަވަން އޮތީ ދެން ތިޔަ ބޭފުޅުން ކަމެއް ކުރައްވާ ކަމަށްވާ ނަމަ މިކަންކަން ކުރުމުގައި އަޅުގަނޑަށް ފުރުސަތު ދެއްވާށޭ، މިކަންކަން ކުރުމުގަ އަޅުގަނޑަށް މަގު ދައްކަވައިދޭށޭ، އެހެން ނޫން ކަމަށްވާ ނަމަ މީގަވާ ގޮތަކީ މިއޮތް ދަނީ އިގްތިސޯދީ ބަހެއް ދޮރު ހުރަސްކޮށްފަ، ބަހަށް އަރަން ބޭނުންވާ މީހުން ބަހަށް އަރަންވީ، ބަހަށް ނާރާ މީހުން ބަހައްޓާފަ ވެސް ބަސް ދާނެ، އެހެންވީމަ އަޅުގަނޑުމެން ނުތިބޭނަން ކުޅި ބަލާކަށް. ރައްޔިތުން އެ ފުރުސަތު ދީފިނަމަ އަޅުގަނޑުމެން ބަހަށް އަރާނަން. ބަސް ދުއްވާނީ ވެސް އަޅުގަނޑުމެން. ބަހުގައި ތިބޭނީ ވެސް އަޅުގަނޑުމެން. ބަސް ދާނެ މަންޒިލު ވެސް ކަނޑައަޅާނީ އަޅުގަނޑުމެން. މި ސަރަހައްދުގެ ތަރައްގީގެ ކުރި ބޯއްޓާ ހަމައަށް އަޅުގަނޑުގެ ބަސް ދަތުރުކުރާނެ،" ރައީސް ވިދާޅުވި އެވެ
އެމަނިކުފާން ވިދާޅުވީ ސަރުކާރުން ކުރާ މަސައްކަތަކީ ރާއްޖޭގެ ތަަރއްގީއަށްޓަކައި އިންެވސްޓް ކުރުމަށް އަންނަ އިންވެސްޓަރުންނަށް ފަހި މާހައުލެއް ގާއިމް ކޮށްދިނުން ކަމަށެވެ. އެގިތުން ދިގުމުއްދަތަށް އަމާޒް ކޮށްގެން ބޮޑެތި އިންވެސްޓަރުންނަށް އެ މީހުންގެ އިންވެސްޓްމެންޓް ކަވަރު ކުރެވޭނެ ފަދަ ގާނޫނީ ނިޒާމްތައް ގާއިމް ކޮށްދެވިފައިވާ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ޒުވާނުންނަށް އިތުރު ވަޒީފާގެ ފުރުސަތުތައް ހުޅުވާލުން ކަމަށާއި އަދި ބޭނުން ވަނީ ބޮލަކަށް ޖެހޭ އާންމުދަނީ ވެސް އިތުރު ކުރުން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި ކުޑަހުވަދޫ އެއާޕޯޓާއެކު ދ. އަތޮޅަށް އިތުރު ކުރިއެރުމާއި ތަރައްގީ އަންނާނެ ކަމަށާއި އެކަމާ މެދު ޒުވާނުން ވެސް ވިސްނަން ޖެހޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވި ގޮތުގައި މިހާތަނަށް 70،000 ވަޒީފާ އުފެދުނީ ހަމައެކަނި ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި އެކަންޏެއް ނޫނެވެ. އެކި ސަރަހައްދުތަކުގައި ގާއިމްވަމުންދާ އެއާޕޯޓްތަކާއި ހުޅުވަމުން އަންނަ އާ ރިސޯޓުތަކަކީ ވެސް އެތައް ހާސް ވަޒީފާއެއް ކަމަށް ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވީ، މި ދައުރު ނިމިގެންދާއިރު ކުޑަހުވަދޫއަށް އެކަނި 300 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ހަރަދުވެގެންދާނެ ކަމަށެވެ. މިހާރު 280 މިލިއަން ރުފިޔާގެ އިންވެސްޓްކުރެވިފައިވާ ކަމަށެވެ. އަންނަ އަހަރުގެ ބަޖެޓް ހިމަނާފައިވާ ކަންތައްތަކުން 300 މިލިއަން ރުފިޔާއާ ގާތްކުރާނެ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީންގެ މި ދަތުރުފުޅުގައި ދ. އަތޮޅުގެ ބައެއް އެހެން ރަށްތަކަށް ވެސް ޒިޔާރަތްކުރައްވާނެއެވެ.