ކ. މާލެ
|
1 ނޮވެންބަރ 2017 | ބުދަ 13:41
އޮލިމްޕިއާކޯސް އާއި ބާސާ ބައްދަލުކުރި މެޗުގެ ތެރެއިން
އޮލިމްޕިއާކޯސް އާއި ބާސާ ބައްދަލުކުރި މެޗުގެ ތެރެއިން
ގެޓީ އިމޭޖަސް
ޔުއެފާ ޗެމްޕިއަންސް ލީގު
ޗެމްޕިއަންސް ލީގު: ބާސާ އާއި ޔުވެންޓަސް އެއްވަރުވެ ދެވަނަ ބުރަށް ކޮލިފައިވުމަށް ލިބުނު ފުރުސަތު ނަގާލައިފި
އޮލިމްޕިއާކޯސްއާ ދެކޮޅަށް ބާސާ ކުޅުނު މެޗު ނިމިފައިވަނީ 0-0 ގެ ނަތީޖާއަކުން އެއްވަރުވެގެން
ޖުވެންޓަސް، ސްޕޯޓިން ލިސްބަންއާ ދެކޮޅަށް ކުޅުނު މެޗު ނިމިފައިވަނީ 1-1 އިން އެއްވަރު ވެގެން
މި ދެ ޓީމު ވެސް ކުރިޔަށް އޮތް މެޗު ކާމިޔާބު ކޮށްފިނަމަ ދެވަނަ ބުރަށް ކޮލިފައިވާނެ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ބާސެލޯނާ އާއި ޔުވެންޓަސް ކުޅުނު މެޗުތަކުން އެ ދެ ޓީމު ވެސް އެއްވަރުވެ ދެވަނަ ބުރަށް ކޮލިފައި ވުމަށް ލިބުނު ފުރުސަތުތައް ނަގާލައިފިއެވެ.

ޗެމްޕިއަންސް ލީގުގެ "ޑީ" ގައި ގްރީސްގެ އޮލިމްޕިއާކޯސްއާ ދެކޮޅަށް ރަށުން ބޭރުގައި ބާސާ ކުޅުނު މެޗު ނިމިފައި ވަނީ 0-0 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. މިއީ މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ބާސާއިން ލަނޑެއް ނުޖަހައި މެޗެއް ނިންމާލި ފުރަތަމަ ފަހަރެވެ. ލަނޑެއް ނުޖެހުނު ކަމުގައި ވިޔަސް ބާސާއިން ވަނީ މެޗުގައި ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށް ގިނަ ވަގުތު ބޯޅަ ހިފަހައްޓައި އެޓޭކިން ފުޓްބޯޅައެއް ކުޅެފައެވެ.

އެގޮތުން މެޗުގެ 19 ވަނަ މިނެޓުގައި ޑެނިސް ސުއަރޭޒް ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލި ނަމަވެސް ރެފްރީ ނިންމާފައި ވަނީ އެއީ އޮފްސައިޑް ޕޮސިޝަނެއްގައި ހުރެގެން އޭނާ ފޮނުވާލި ބޯޅައެއް ކަމަށެވެ. ހަމައެހެންމެ ފުރަތަމަ ހާފުގެ 27 ވަނަ މިނެޓުގައި އޮލިމްޕިއާކޯސްގެ ޑިފެންސް ތޮރުފާލުމަށް ފަހު އޭރިއާ ތެރެއަށް ވަދެ މެސީ ފޮނުވާލި ހަމަލާ އެ ޓީމުގެ ކީޕަރު ސިލްވިއޯ ޕްރޯޓޯ ވަނީ ދިފާއު ކޮށްފައެވެ. ފުރަތަމަ ހާފުގެ ފަހު ވަގުތުކޮޅުގެ ތެރޭގައި ބާސާއަށް އިތުރު ހުރަސްތަކަކާ ކުރިމަތި ވެގެން ދިޔައީ އަނިޔާގެ ސަބަބުން ސާޖީ ރޮބާޓޯ ދަނޑުން ބާލަން ޖެހުމާ ވިދިގެންނެވެ.

ފުރަތަމަ ހާފެކޭ އެއްގޮތަށް ދެވަނަ ހާފުގައި ވެސް އޮލިމްޕިއާކޯސްއިން ވަނީ ފަހަތަށް ޖެހި މޮޅު ޑިފެންސިވް ގޭމެއް ކުޅެފައެވެ. އޮލިމްޕިއާކޯސްގެ ހާފުގައި ގިނަ ވަގުތު ބާސާއިން ބޯޅަ ގެންގުޅުނު ކަމުގައި ވިޔަސް އެ ޓީމުން ވެސް ވަނީ ކައުންޓާގައި ލަނޑު ޖެހުމަށް ފުރުސަތުތަކެއް ތަނަވަސް ކޮށްފައެވެ. މި ހާފުގައި ލަނޑު ޖެހުމަށް އެންމެ ރަނގަޅު ފުރުސަތު ލިބިފައިވަނީ ލުއިސް ސުއަރޭޒް އަށެވެ. އެގޮތުން 80 ވަނަ މިނެޓުގައި ބުސްކެޓްސް ތަނަވަސް ކޮށްދިން ފުރުސަތެއްގައި އޭނާ ފޮނުވާލި ހަމަލާ އޮލިމްޕިއާކޯސްގެ ގޯލުގެ ހުރަސް ދަނޑީގައި ޖެހިފައި ދިޔައީ ބޭރަށެވެ.

މި ގްރޫޕުގެ ދެވަނަ މެޗުގައި އިޓަލީގެ ޔުވެންޓަސް ރަށުން ބޭރުގައި ޕޯޗުގަލްގެ ސްޕޯޓިން ލިސްބަންއާ ދެކޮޅަށް ކުޅުނު މެޗު ނިމިފައިވަނީ 1-1 އިން އެއްވަރު ވެގެންނެވެ. ދެ ޓީމުގެ ފަރާތުން ވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައިވަނީ ސްޕޯޓިން އިންނެވެ. ޔުވެންޓަސްއިން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިން ކުޅުނު ނަމަވެސް ގެލްސަން މާޓެންސް ފުރަތަމަ ހާފުގެ 20 ވަނަ މިނެޓުގައި ތަނަވަސް ކޮށްދިން ފުރުސަތެއްގައި ބްރޫނޯ ސޭޒާރ ވަނީ ލަނޑެއް ޖަހާ ސްޕޯޓިންއަށް ލީޑު ނަގައިދީފައެވެ.

ފުރަތަމަ ހާފު މި ނަތީޖާއިން ނިމިގެން ދިޔައިރު ދެވަނަ ހާފުގައި ޔުވެންޓަސްއިން ވަނީ އެ ޓީމުގެ ކުޅުން އިތުރަށް ރަނގަޅުކޮށް ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް ތަނަވަސް ކޮށްފައެވެ. އެ ޓީމުން ލަނޑު ޖެހުމަށް ފުރުސަތުތައް ތަނަވަސް ކުރުމުގެ ނަތީޖާއަކަށް ވެގެން ދިޔައީ ހުއާން ކުއަޑްރާޑޯ ނަގައިދިން ހުރަހެއް ގޯލުގެ ތެރެއަށް ފޮނުވާލައިގެން ގޮންޒާލޯ ހިގުއައިން ލަނޑެއް ޖަހާ އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނުމެވެ.

މި ގްރޫޕުގައި ހުރިހާ ޓީމެއް ވެސް ހަތަރު މެޗު ކުޅެފައިވާއިރު އެއްވަނައިގައި ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ، ދިހަ ޕޮއިންޓާއެކު އޮތީ ބާސާއެވެ. ދެވަނައިގައި ހަތް ޕޮއިންޓާއެކު ޔުވެންޓަސް އޮތްއިރު ތިންވަނައިގައި ހަތަރު ޕޮއިންޓާއެކު އޮތީ ސްޕޯޓިން ލިސްބަންއެވެ. އަދި މި ގްރޫޕުގެ ފުލުގައި އެއް ޕޮއިންޓާއެކު އޮތީ އޮލިމްޕިއާކޯސްއެވެ.

 

- ކޮމެންޓް