މޯލްޑިވްސް ޕޮލިސް ސާވިސްގެ ކޮމިޝަނަރސް ބިއުރޯގެ ވެރިޔަކަށް ހުންނެވި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުލް މަންނާން ޔޫސުފް އެ މަގާމުން ދުރުކޮށްފިއެވެ.
އެނގިފައިވާ ގޮތުގައި މަންނާން އެމަގާމުން ދުރުކޮށްފައިވަނީ މިދިޔަ ހަފުތާގެ ތެރޭގައެވެ.
މަންނާނު މަގާމުން ދުރުކުރިއިރު، ގާތްގާތުގައި ފުލުހުންގެ އިސްވެރިންތަކެެއް މަގާމު ބަދަލުކޮށް، ދަށްކޮށް، ބޮޑެތި ބަދަލުތަކެއް ވަނީ ގެނެސްފަ އެވެ. އެގޮތުން އިންޓެގްރޭޓެޑް ސާވިސަސް ކޮމާންޑްގެ ވެރިޔާ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ޖަމްޝީދު، އެމަގާމުން ދުރުކޮށް ޕްރޮޖެކްޓްސް އޮފިސަރެއްގެ ގޮތުގައި އައްޑުއަށް ފޮނުވާލަން ނިންމާފައިވާއިރު، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ފައިރޫޝް ފުލުހުންގެ ވަޒީފާއިން ވަނީ ވަކިކޮށްފައެވެ.
މީގެ އިތުރުން އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ހުސައިން އާދަމްގެ މައްސަލައެއް ބަލައި ޗީފް ސްޕްރިންޓެންޑެންޓެއްގެ މަގާމަށް ވަނީ ދަށްކޮށްފައެވެ. އަދި ފުލުހުންގެ ތަހުގީގުތަކުގައި އިސްކޮށް އުޅުއްވި ޗީފް އެސްޕީ މުހައްމަދު ރިޔާޒު ވަނީ ފުލުހުންގެ ވަޒީފާއިން ވަކިކޮށްފައެވެެ.
ފުލުހުންގެ ތެރެއަށް ބޮޑެތި ބަދަލުތަކެއް ގެންނަމުންދާ މިދަނޑިވަޅުގައި ދާދިދަފުން ވަނީ ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު އަރީފާއި، ޑެޕިއުޓީ ކޮމިޝަނަ އަހުމަދު ސައުދީގެ ކޯޅުން ބޮޑުވެ އެ މައްސަލަ ރައީސް އޮފީހުން ޓީމެއް ނަގައިގެން ބަލަން ފަށާފައެވެ.
މިމަހުގެ 29 ވަނަ ދުވަހު ފުލުހުންގެ ހަތަރު ޑިޕާޓުމެންޓެއްގެ ބައެއް އިސް މަގާމުތަކަށް ބަދަލު ގެނެސްފައިވާ ކަމުގެ މައުލޫމާތު ވެސް ވަނީ ލިބިފަ އެވެ. އެގޮތުން ޑެޕިއުޓިީ ހެޑް އޮފް ކްރައިމް އިންވެސްޓިގޭޝަންގެ ޑެޕިއުޓީ ހެޑްގެ މަގާމުގައި ހުންނެވި ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ އަހުމަދު ވަނީ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އޮފިސަރ އޮފް ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީގެ މަގާމަށް ހަމަ ޖައްސާފައެވެ. ޑެޕިއުޓިީ ހެޑް އޮފް ކްރައިމް އިންވެސްޓިގޭޝަންގެ މަގާމަށް ސްޕްރިންޓެންޑެންޓް މުހައްމަދު ބަޝީރު ވަނީ ހަމަޖައްސާފައެވެ.
މީގެއިތުރުން އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޑައިރެކްޓްރޭޓްގެ ޑެޕިއުޓީ ހެޑްގެ މަގާމަށް ޗީފް ސްޕްރިންޓެންޑެންޓް އަހުމަދު ޝުހާދު ހަމަޖައްސާފައިވާއިރު، ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓުމެންޓުގެ ވެރިޔާގެ މަގާމަށް ސްޕްރިންޓެންޑެންޓް ހަސަން ހަނީފު ވަނީ ހަމަޖައްސާފަ އެވެ.
މަންނާނަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ފެބަރުއަރީ 07، 2012 ވަނަ ދުވަހު ފުލުހުން ހިންގި ހަމަނުޖެހުންތަކުގައި އިސްކޮށް އުޅުއްވި ބޭފުޅެކެވެ. އަދި ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ހައްޔަރު ކުރިކަމަށް ބުނާ މައްސަލާގައި ރައީސް ނަޝީދާ ދެކޮޅަށް، އެ ދައުވާ ސާބިތު ކުރުމަށް ދައުލަތުގެ ފަރާތުން ކްރިމިނަލް ކޯޓުގައި ހެކިބަސް ދެއްވި ބޭފުޅެކެވެ.
ފުލުހުންގެ އިސް މަގާމުތަކަށް ގެނައި ބަދަލުތަކާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް ފުލުހުން ވަނީ ދެކޮޅު ހަދާފައެވެ. ފުލުހުން ބުނީ އިދާރި ގޮތުން ގެންނަ ބަދަލުތަކާ ބެހޭ މައުލޫމާތު މީޑިއާ އަށް ހާމަކުރާ ގޮތަށް ހަމަޖެހިފައި ނުވާ ކަމަށެވެ.