ހދ. ކުޅުދުއްފުށި އެއާރޕޯޓް އެޅުމަށްޓަކައި ބިން ހިއްކުމުގެ މަސައްކަތް ފަށައިފި އެވެ.
ބިން ހިއްކުމަށްޓަކައި ކުޅުދުއްފުށި ކުޅި ހިމެނޭ ސަރަހައްދުގައި "ބަންޑު ވޯލް" ޖެހުމުގެ މަސައްކަތް އެ ޕްރޮޖެކްޓް ހިންގާ އެމްޓީސީސީން ދަނީ ކުރަމުންނެވެ.
ބިން ހިއްކުމަށްޓަކައި "މަހާ ޖައްރާފު" މިހާރު ވަނީ ކުޅުދުއްފުއްޓަށް ގެންގޮސްފަ އެވެ.
އެއާރޕޯޓް މަޝްރޫއުގެ ދަށުން ކުޅުދުއްފުށި ކުޅި ހިއްކުމުގެ މައްސައްކަތް ވެސް ހިމެނޭތީ ބައެއް ރައްޔިތުންނާއި ތިމާވެށި ހިމާޔަތް ކުރާ ބައެއް ޖަމްއިއްޔާތަކުން ދަނީ ކުޅުދުއްފުށި ކުޅި ހިމާޔަތް ކުރުމަށް ގޮވާލަމުންނެވެ.
ކުޅި ހިއްކުމަށް ފަހު، އެތަނުގައި އެއާޕޯޓް އަޅާއިރު ބަދަލުދިނުމަށް ފަހު ސަރުކާރަށް އެރަށުން 18 ގޯތި ނަގަންޖެހޭ ކަމަށް ކުޅުދުއްފުށީ ކައުންސިލުން ބުނެފައި ވެއެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބްދުލް ލަތީފް ހަސަން ވިދާޅުވީ އެއާޕޯޓް އަޅާއިރު އެރަށު އުތުރު ފަރާތުން 18 ގޯތި ސަރުކާރަށް ނަގަންޖެހޭ ކަމަށެވެ. އަދި އެ ގޯތިތައް ސަރުކާރަށް ނަގަނީ އެއާޕޯޓް އެޅުމަށް ޖާގަ ބޭނުންވާތީ ކަމަށް އަބްދުލް ލަތީފް ވިދާޅުވިއެވެ.
ސަރުކާރަށް ނަގާ ގޮތަށް ކަނޑައަޅާފައިވާ 18 ގޯތީގެ ތެރެއިން ނުވަ ގޯތީގައި މީހުން ދިރިއުޅެއެވެ. އަދި އެއީ 3200 އަކަފޫޓްގެ ގޯތިތަކެކެވެ.
ކައުންސިލުން ބުނީ ގޯތިތައް ސަރުކާރަށް ނަގާއިރު ބަދަލު ދިނުމަށް ނިންމާފައިވާ ކަމަށެވެ. އެހެންނަމަވެސް ސަރުކާރުން ބަދަލުދިނުމަށް ނިންމާފައިވާ ގޮތެއް އަންގާއިފައިނުވާ ކަމަށް އެރަށު ކައުންސިލުން ބުންޏެވެ.
އެއާޕޯޓްގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 17 ވަނަ ދުވަހު ކަމަށް ކައުންސިލުން ބުނެއެވެ. ރައީސް އަބންދުﷲ ޔާމީންގެ ވަރަށް ހާއްސަ ދަތުރުފުޅެއް ކުޅުދުއްފުއްޓަށް ކުރައްވާގޮތަށް ވެސް ވަނީ ހަމަޖެހިފަ އެވެ. ރައީސް ޔާމީންގެ މިދަތުރުފުޅުގައި މިމަހުގެ 12 ވަނަ ދުވަހު ކުޅުދުއްފުއްޓަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ކުޅުދުއްފުށީ އެއާޕޯޓް މަޝްރޫއު ރަސްމީކޮށް ފައްޓަވައިދެއްވާނެ އެވެ.