ރައީސުލްޖުމްހޫރީއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ދ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގައި ދ. ކުޑަހުވަދޫ އަށް ވަޑައިގެން އެ ރަށުގެ އެއާޕޯޓް ރަސްމީކޮށް ހުޅުވައިދެއްވައިފިއެވެ.
ކުޑަހުވަދޫގައި ތަރައްގީ ކުރި އެއާޕޯޓަށް ޓެސްޓް ފްލައިޓް ޖައްސާފައި ވަނީ މި އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. މިއީ 62.81 ހެކްޓަރުގެ ބިން ހިއްކައިގެން ތަރައްގީކޮށްފައިވާ 1،800 މީޓަރުގެ ރަންވޭއެއް ހިމެނޭ އެއާޕޯޓެކެވެ. މިއީ ރިއޯލޯ އިންވެސްޓްމަންޓް އިން ތަރައްގީކޮށްފައިވާ 42 ބޯޓު ޕާކްކުރެވޭ ޖާގަ އޮތް އެއާޕޯޓެކެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި ރައީސް ޔާމީންގެ މި ދަތުރުފުޅުގައި ކުޑަހުވަދޫގެ އިތުރުން، އެ އަތޮޅު މާއެނބޫދޫއަށާއި، ނިލަންދޫއަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި އެމަނިކުފާނު މާއެނބުދޫއަށް ވަޑައިގެން، އެރަށުގެ ނަރުދަމާގެ ޚިދުމަތް އިފްތިތާޙް ކޮށްދެއްވުމަށް ވެސް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ.
ރައީސް ޔާމީންގެ މި ދަތުރުފުޅަށް ފަހު މި މަހުގެ 12 ވަނަ ދުވަހު ހދ. ކުޅުދުއްފުއްޓަށް ވެސް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެ ދަތުރުފުޅުގައި ކުޅުދުއްފުށީ އެއާޕޯޓްގެ މަސައްކަތް ރައީސް ފައްޓަވާ ދެއްވުމަށް ވަނީ ހަމަޖެހިފައެވެ.