ކ. މާލެ
|
1 ނޮވެންބަރ 2017 | ބުދަ 07:42
ޕީއެސްޖީ އާއި އަންޑަލެކްޓް ބައްދަލުކުރި މެޗުގެ ތެރެއިން
ޕީއެސްޖީ އާއި އަންޑަލެކްޓް ބައްދަލުކުރި މެޗުގެ ތެރެއިން
ގެޓީ އިމޭޖަސް
ޔުއެފާ ޗެމްޕިއަންސް ލީގު
ޗެމްޕިއަންސް ލީގު: ޕީއެސްޖީ އާއި ބަޔާން ވެސް ދެވަނަ ބުރަށް
ޕީއެސްޖީ ވަނީ 5-0 އިން އަންޑަލެކްޓް ބަލިކޮށްފައި
ބަޔާން މިއުނިކް އިން ވަނީ ރަށުން ބޭރުގައި ސެލްޓިކް 2-1 ގެ ނަތީޖާއަކުން ބަލިކޮށްފަ
މި ދެ ޓީމު ވެސް ވަނީ ދެވަނަ ބުރުގެ ޖާގައެއް ކަށަވަރު ކޮށްފައި

ޔުއެފާ ޗެމްޕިއަންސް ލީގުގައި ކުޅުނު މެޗުތައް ކާމިޔާބުކޮށް ޕީއެސްޖީ އާއި ބަޔާން މިއުނިކް ދެވަނަ ބުރުގެ ޖާގައެއް ކަށަވަރު ކޮށްފިއެވެ.

ޗެމްޕިއަންސް ލީގުގެ ގްރޫޕް "ބީ" ގައި އަމިއްލަ ދަނޑުގައި ބެލްޖިއަމްގެ އަންޑަލެކްޓާ ދެކޮޅަށް ކުޅުނު މެޗު ޕީއެސްޖީން ކާމިޔާބު ކޮށްފައިވަނީ 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. ޕީއެސްޖީން ވަނީ މި މެޗުގައި މޮޅު ކުޅުމެއް ދައްކައި ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް ތަނަވަސް ކޮށްފައެވެ. ހަމައެހެންމެ ޕީއެސްޖީއިން ވަނީ އަންޑަލެކްޓަށް ހަމަލާ އުފެއްދުނަ ނުދީ އެ ޓީމުގެ ހާފުގައި ގިނަ ވަގުތު ބޯޅަ ގެންގުޅެފައެވެ.

ޕީއެސްޖީގެ ފުރަތަމަ ލަނޑު މެޗުގެ 30 ވަނަ މިނެޓުގައި ޒުވާން ފޯވާޑް ކިލިއަން އެމްބާޕޭގެ އެހީތެރި ކަމާއެކު އެ ޓީމަށް ޖަހައިދިނީ އިތުބާރު މިޑްފީލްޑާ މާކޯ ވެރާޓީއެވެ. ޕީއެސްޖީން ވަނީ މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި އެ ޓީމުގެ ލީޑު އިތުރަށް ފުޅާ ކޮށްފައެވެ. ހިތްގައިމު ގޯލަކާއެކު އެ ޓީމުގެ ލީޑު އިތުރަށް ފުޅާ ކޮށްދިނީ ދުނިޔޭގެ ރެކޯޑު ފީއަކަށް އެ ޓީމާ ގުޅުނު ފޯވާޑް ނޭމާއެވެ. ފުރަތަމަ ހާފު ނިމިފައި ވަނީ 2-0 ގެ ނަތީޖާއަކުން އަންޑަލެކްޓްގެ މައްޗަށް ޕީއެސްޖީ ކުރީގައި އޮވެގެންނެވެ.

ފުރަތަމަ ހާފެކޭ އެއްގޮތަށް ޕީއެސްޖީން ވަނީ ދެވަނަ ހާފުގައި ވެސް ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް ތަނަވަސް ކޮށްފައެވެ. އެގޮތުން މެޗުގެ 52 ވަނަ މިނެޓުގައި ނޭމާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އެ ޓީމުގެ ޑިފެންޑާ ލޭވިން ކުރްޒަވާ ވަނީ ލަނޑެއް ކާމިޔާބު ކޮށްދީފައެވެ. ކުރްޒަވާގެ ދެވަނަ ލަނޑު އޭނާ ޕީއެސްޖީއަށް ޖަހައިދިނީ މެޗުގެ 72 ވަނަ މިނެޓުގައެވެ. މި ލަނޑަކީ އެ ޓީމުގެ ޒުވާން މިޑްފީލްޑާ ޖިއޮވާނީ ލޮކެލްސޯ ނަގައިދިން ހުރަހެއް، ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބު ކޮށްދިން ލަނޑެކެވެ. މި ލަނޑު ޖެހިތާ ހަ މިނެޓު ތެރޭ ކުރްޒަވާ ވަނީ އެންހެލް ޑިމަރިއާގެ އެހީތެރި ކަމާއެކު ލަނޑެއް އޭނާގެ ހެޓްރިކް ފުރިހަމަ ކޮށްފައެވެ.

މި ގްރޫޕުގެ ދެވަނަ މެޗުގައި ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކް އިން ވަނީ ރަށުން ބޭރުގައި ސްކޮޓްލޭންޑުގެ ޗެމްޕިއަން ސެލްޓިކް 2-1 ގެ ނަތީޖާއަކުން ބަލިކޮށްފައެވެ.

ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ބަލާހިތްވާ ޒާތުގެ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ދެ ޓީމުން ވެސް ވަނީ ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް ތަނަވަސް ކޮށްފައެވެ. އެގޮތުން މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައިވަނީ ބަޔާން އިންނެވެ. އެގޮތުން ސްވެން އުލްރެއިޗްގެ އެހީތެރިކަމާއެކު އެ ޓީމަށް މި ލަނޑު ޖަހައިދިނީ ފްރާންސްގެ ޒުވާން ވިންގާރ ކިންގްސްލީ ކޯމަންއެވެ.

ފުރަތަމަ ހާފު 1-0 ގެ ނަތީޖާއަކުން ބާޔާން ކުރީގައި އޮވެގެން ނިމިނުއިރު ދެވަނަ ހާފުގައި ވެސް ދެ ޓީމުން ވެސް ވަނީ ގިނަ ހަމަލާތަކެއް އުފައްދާފައެވެ. އެގޮތުން މެޗުގެ 74 ވަނަ މިނެޓުގައި ޖޭމްސް ފޮރެސްޓްގެ އެހީތެރި ކަމާއެކު ކެލަމް މެކްގްރެގޯ ވަނީ ސެލްޓިކްއަށް ލަނޑެއް ޖަހައިދީ ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. ސެލްޓިކް އިން ނަތީޖާ ހަމަހަމަ ކުރިތާ ތިން މިނެޓުގެ ތެރޭގައި ޑޭވިޑް އަލަބާ ތަނަވަސް ކޮށްދިން ފުރުސަތެއްގައި ޖަވީ މާޓިނޭޒް ވަނީ ލަނޑެއް ޖަހާ އަލުން އަނބުރާ ޕީއެސްޖީއަށް ލީޑު ނަގައިދީފައެވެ.

މި ގްރޫޕުގެ ހުރިހާ ޓީމެއް ވެސް ހަތަރު މެޗު ކުޅެފައިވާއިރު އެއްވަނައިގައި ބާރަ ޕޮއިންޓާއެކު އޮތީ ޕީއެސްޖީއެވެ. ދެވަނައިގައި ނުވަ ޕޮއިންޓާއެކު ބަޔާން އޮތްއިރު ތިން ޕޮއިންޓާއެކު ތިން ވަނައިގައި އޮތީ ސެލްޓިކްއެވެ. އަދި މި ގްރޫޕުގެ ފުލުގައި ކުޅުނު ހުރިހާ މެޗަކުން ވެސް ބަލިވެ އޮތީ އެންޑަލެކްޓްއެވެ. މި ގްރޫޕުން ޕީއެސްޖީއާ ބަޔާން ވަނީ ރައުންޑް އޮފް 16ގެ ޖާގައެއް ކަށަވަރު ކޮށްފައެވެ.  

- ކޮމެންޓް