ހއ.އަތޮޅުގެ މަސްވެރިކަން ރަނގަޅުވެފައިވާ މި ދުވަސްވަރު އެ ސަރައްދުގެ މަސްދޯނިފަހަރުން ބާނާ މަސް ކިރޭނެ ބޯޓެއް ބާއްވައިދޭން ހޯރަފުށީ ކައުންސިލުން އެދިއްޖެ އެވެ.
މޯލްޑިވްސް އިންޓަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ(މިފްކޯ) އަށް ހޯރަފުށީ ކައުންސިލުން ފޮނުވި ސިޓީގައި ބުނެފައިވަނީ އެ އަތޮޅުން ގިނަ އިން މަސްބޭނޭ މިދުވަސްވަރު މަސްވެރިން ބަނާ މަސްކޮޅު ވިއްކޭނެ ގޮތެއް ނެތި ނުއަގުގައި ވިއްކަން ޖެހުމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ. އަދި އެރަށާއި އެ އަތޮޅުގެ އިތުރުން ރާއްޖޭގެ އެކި ހިސާބުތަކުން އެ އަތޮޅަށް މަސްބާނަން ގޮސް އުޅޭ ދޯނިފަހަރުތަކުން ވެސް މަސް ކިރޭނެ ބޯޓެއް އެ އަތޮޅުގައި މިދުވަސްވަރު ނެތުމުގެ ޝަކުވާ ވެސް ކުރާ ކަމަށް އެ ސިޓީގައި ބުނެފައިވެ އެވެ.
މަސްވެރިންނަށް ހަމަ އަގު ނުލިބި އިގުތިސާދީ ހާލަތު ދަށަށް ދާން ޖެހުމުގެ ސަބަބުން ދައުލަތުގެ ކަމާ ގުޅުންހުރި ފަރާތްތަކާމެދު ނުތަނަވަސްކަން އިތުރުވުންދާކަން އެކަންސިލުން ވަނީ ބުނެފަ އެވެ.
" މިހާ ރަނގަޅަށް މަސްވެރިކަން ހުންނަ ދުވަސްވަރު މަސްވެރިން ބަނާ މަސްކޮޅު ވިއްކޭނެ ގޮތެއް ނެތި ނުއަގުގައި މަސްކޮޅު ވިއްކާލަންދިމާވުމުން މަސްވެރިންނަށް ލިބޭ އާމްދަނީ މަދުވެ ރަށުގެ އިގުތިސާދީ ހާލަތު ދަށަށް ގޮސް އަދި މީގެ އިތުރުން މަސްވެރިންގެ ހިތުގައި ކަމާ ގުޅުންހުރި ފަރާތްތަކާމެދު އިތުބާރުގެއްލި ނުތަނަވަސްކަން އުފެދި މި ކަމާ ގުޅިގެން މަސްވެރިން ތަފާތު ޝަކުވާ ކުރަމުންދާކަންވެސް ފާހަގަކުރެވޭ،" އެ ސިޓީގައި ބަޔާންކޮށްފައިވެ އެވެ.
މިދުވަސްވަރު އެ ސަރައްދުގައި މަހަށް ގޮސްއުޅޭ ކޮންމެ ދޯންޏަކުން ދުވާލަކު ތިންޓަނާއި ފަސްޓަނާ ދެމެދުގެ އަދަދަކަށް މަސް ބާނާކަމަށް ހޯރަފުށީ ކައުންސިލުން ބުނެ އެވެ. ކޮންމެ ދުވަހަކުވެސް 12 ނުވަތަ 16 ވަރަކަށް ދޯނި އާންމު ގޮތެއްގައި އެ ސަރަހައްދަށް މަހަށް ނިކުންނަ ކަމަށްވެސް ކައުންސިލުން ވަނީ ބުނެފަ އެވެ.