މޫނު ނިވާކޮށްގެން ކުށް ކުރުމަކީ މިހާރު ފިލޭނެ ގޮތެއް ނޫން ކަމަށާއި އެމީހުން ހޯދައި ގަނެވޭނެ ކަމުގެ ޤާބިލްކަން އެބަހުރިކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިހެން ބުނީ މާލޭގައި ހުންނަ ލިޓަސް ސާވިސް ސެންޓަރުގެ ތެރޭގައި މިދިޔަ ޖުލައި 31 ވަނަ ދުވަހުގެ ރޭ ރ. މީދޫ، މުހައްމަދު އަނަސް މަރާލި މައްސަލައިގެ މައުލޫމާތު ނޫސްވެރިންނަށް ދިނުމަށް ބޭއްވި ޕްރެސް ކޮންފަރެންސްގައެވެ.
ޗީފް ސްޓޭޝަން އިންސްޕެކްޓަރު އަހުމަދު ސާމިހު ވިދާޅުވީ އަނަސް މަރާލުމުގައި ބައިވެރިވި ބައެއް މީހުން ތިބީ މޫނު ނިވާކޮށްގެން ކަމަށާއި އެހެންނަމަވެސް އެމީހުންވެސް މިހާރު އަތުލައިގަނެ ތަހުގީގް ނިންމާ ޝަރީޢަތަށްވެސް ފޮނުވާފައިވާނޭ ކަމަށެވެ.
އެކަމަށް އިޝާރާތް ކުރައްވާ ސާމިހު ވިދާޅުވީ މޫނު ނިވާކުރުމަކީ މިހާރު ނުހޯދޭނެ ގޮތެއް ނޫން ކަމަށާއި މޫނު ނިވާކޮށްގެން އެފަދަ ޖަރީމާތައް ހިންގި ކަމުގައިވިއަސް އެމީހުން ދެނެގަތުމުގެ ޤާބިލްކަން ދިވެހި ފުލުހުންނަށް ލިބިގެންވާ ކަމަށެވެ.
"އަޅުގަނޑު ފާހަގަ ކޮށްލަން މިދެންނެވި މީހުންގެ ތެރެއިން ބަޔަކު ނުވަތަ ބައެއް މީހުން މޫނު ނިވާކޮށްގެން ތިބިކަމުގައިވީނަމަވެސް މިއަދު އަޅުގަނޑުމެންގެ ތަހުގީގަށް އެމީހުން ހޯދާ ދެނެގަތުމަކީ އުނދަގޫ ކަމެއް ނޫންކަމަށްވެސް ފާހަގަ ކޮށްލަން. މޫނު ނިވާކޮށްގެން ނުވަތަ އެމީހުންގެ ސިފަ އޮޅުވާލަން މަސައްކަތް ކުރިކަމުގައިވިއަސް އަޅުގަނޑުމެން އެމީހަކު ދެނެގަންނާނަން" އަންސްގެ މަރާ ގުޅިގެން ހޯދި މީހުންނަށް އިޝާރާތް ކުރައްވާ ސާމިހު ވިދާޅުވިއެވެ.
އެކަމަށް ބާރު ދެއްވާ ފުލުހުންގެ ތަރުޖަމާން އަހުމަދު ޝިފާންވެސް ވިދާޅުވީ ސިފަ ބަދަލުކޮށްގެން ފިލައިގެން އުޅޭ މީހުން ހޯދުމުގެ ޤާބިލްކަން ފުލުހުންގެ އެބަހުރި ކަމަށާއި ބޮޑެތި މައްސަލަތަކުގައި ފުލުހުން މިހާރު ހޯދަމުންދާ ކުރިއެރުން ތަކުންވެސް އެކަން އެނގޭ ކަމަށެވެ. އަދި ތަހުގީގްތައް މިހާރު ކުރިއަށްދަނީ ސާބިތު ކުރުމަށް ފަސޭހައަށް ކޯޑިނޭޓެޑް ތަހުގީގް ތަކެއް ކަމަށާއި ތަހުގީގް ތެރެއިންވެސް ކުރިއަށް ގެންދަނީ ޕީޖީ އޮފީހާއި ކޯޓާވެސް ގުޅިގެން ކަމަށެވެ.
"މިހާރު ދަނީ ކޯޑިނޭޓެޑް އިންވެސްޓިގޭޝަންތަކެއް. ޚާއްޞަކޮށް ޕީޖީގެ ދައުރެއް ތަހުގީގް ތަކުގައި ކުރިއަށް ގެންދަން" ޝިފާން ވިދާޅުވިއެވެ.