ކ. މާލެ
|
1 ނޮވެންބަރ 2017 | ބުދަ 06:16
ކެޓަލޯނިއާ ސަރުކާރުގެ ކުރީގެ ރައީސް ކާލްސް ޕުއިޖެމޮންޓް އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހު ބޭއްވި ކެޓަލޯނިއާގެ ޤާނޫނު ހަދާ މަޖިލީހުގެ ބައްދަލުވުމަށް ވަދެވަޑައިގަންނަވަނީ
ކެޓަލޯނިއާ ސަރުކާރުގެ ކުރީގެ ރައީސް ކާލްސް ޕުއިޖެމޮންޓް އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހު ބޭއްވި ކެޓަލޯނިއާގެ ޤާނޫނު ހަދާ މަޖިލީހުގެ ބައްދަލުވުމަށް ވަދެވަޑައިގަންނަވަނީ
ރޮއިޓަރސް
ކެޓަލޯނިއާގެ މިނިވަންކަން
ކެޓަލޯނިޔާގެ ލީޑަރު ކޯޓަށް ހާޒިރުކުރަނީ!
ކެޓަލޯނިއާގެ ކުރީގެ ލީޑަރު ޕުއިޖެމޮންޓްގެ އިތުރުން 13 ވަޒީރަކު ކޯޓަށް ހާޒިރުކުރުމަށް ވަނީ އަމުރު ނެރެފަ
ޕުއިޖެމޮންޓް އަދި ބައެއް ވަޒީރުން މިހާރު ތިއްބެވީ ބެލްޖިއަމްގައި
ކޯޓަށް ހާޒިރު ނުވެއްޖެނަމަ ހައްޔަރު ކުރުމުގެ އަމުރެއް ނެރުން އެކަށީގެންވޭ

މަގާމުން ދުރުކޮށްފައިވާ ކެޓަލޯނިއާގެ ލީޑަރު ކާލްސް ޕުއިޖެމޮންޓް އާއި، އުވާލާފައިވާ ކެޓަލޯނިއާގެ ސަރުކާރުގެ 13 މީހަކާއި ދެކޮޅަށް ހިންގާ ތަހުގީގަށް ކޯޓަށް ހާޒިރުވުމުގެ އަމުރު ނެރެފި އެވެ.

ކެޓަލޯނިއާ ސަރަޙައްދުގެ ކުރީގެ ލީޑަރު އަދި އޭނާގެ ސަރުކާރުގެ 13 މީހަކު ހާޒިރުވުމަށް ސްޕެއިންގެ މަތީ ކޯޓަކުން އަމުރު ނެރެފައިވަނީ، ސްޕެއިންގެ ބާރުގެ ދަށުން ކެޓަލޯނިއާ މިނިވަންކޮށް، ވަކި ދައުލަތެއް އުފެއްދުމަށް ކުރެއްވި މަސައްކަތްތަކާއި ގުޅިގެންނެވެ.

ސްޕެއިންގެ ހައި ކޯޓުން ކެޓަލޯނިއާ ސަރުކާރުގެ 14 މީހަކު، ބުރާސްފަތި އަދި ހުކުރު ދުވަހު މެޑްރިޑްގެ ކޯޓަށް ހާޒިރުވުމަށް އަމުރު ނެރެފައިވާއިރު، އެމީހުންނަށް ވަނީ ކަފާލާތުގެ ޑިޕޮސިޓްގެ ގޮތުގައި 7.2 މިލިއަން އެމެރިކާ ޑޮލަރު ދެއްކުމަށް ތިން ދުވަހުގެ މުއްދަތެއް ދީފައެވެ.

ކޯޓަށް ހާޒިރުވުމުގެ އަމުރު ނެރުމުގެ ކުރިން، ކެޓަލޯނިއާ ސަރުކާރުގެ އިސް ބައެއް ބޭފުޅުންގެ މައްޗަށް ވަކިވެގަތުމަށް މަސައްކަތް ކުރުމައި، ބަޣާވާތަށް ހިތްވަރު ދިނުން އަދި ދައުލަތުގެ ފައިސާ ނުހަމަގޮތުގައި ބޭނުން ކުރުމުގެ ދައުވާ އުފުލާނެ ކަމުގެ އިންޒާރު ސްޕެއިންގެ އެޓަރނީ ޖެނެރަލް ހޯސޭ މެނުއެލް މާޒާ ދީފައިވެއެވެ. އެމީހުންގެ މައްޗަށް އެ ދައުވާތައް ސާބިތުވެއްޖެނަމަ 30 އަހަރުގެ ޖަލު ހުކުމެއް އައުން އެކަށީގެންވެއެވެ.

ކެޓަލޯނިއާގެ ސަރުކަރުން މިނިވަންކަން އިޢުލާން ކުރުމައެކު ސްޕެއި ންގެ މައި ސަރުކާރުން މިދިޔަ ހުކުރު ދުވަހު ވަނީ ކެޓަލޯނިއާގެ ސަރަޙައްދީ ސަރުކާރު އުވާލައި، ކެޓަލޯނިއާ ސަރަޙައްދުގެ ބާރުތައް ނެގުމަށްފަހު، އައު އިންތިޚާބެއް ބޭއްވުމަށް ނިންމާފައެވެ. އެފިޔަވަޅާއެކު ކެޓަލޯނިއާގެ ކުރީގެ ލީޑަރު ޕުއިޖެމޮންޓާއި ކެބިނެޓްގެ ބައެއް ވަޒީރުން ވަނީ ބެލްޖިއަމް އަށް ވަޑައިގަންނަވާފައެވެ.

ބެލްޖިއަމްގެ ބްރަސަލްސްގައި ހުންނަވައި އަންގާރަ ދުވަހު ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން ޕުއިޖެމޮންޓް ވަނީ އޭނާ އަކީ އަދިވެސް ޤާނޫނީ ގޮތުން ކެޓަލޯނިއާގެ ރައީސް ކަމަށް ވިދާޅުވެ، ބެލްޖިއަމް އިން ހިމާޔަތް ހޯއްދެވުމަށް އުޅުއްވާ ކަމަށް ދެކެވޭ ވާހަކަތައް ދޮގު ކުރައްވާފައެވެ.

ޕުއިޖެމޮންޓާއި އޭނާގެ ވަޒީރުންގެ މައްޗަށް ކޮށްފައިވާ ކޯޓަށް ހާޒިރުވުމުގެ އަމުރަށް ތަބާނުވެއްޖެނަމަ، އެމީހުން ހައްޔަރު ކުރުމުގެ އަމުރަކަށް ސްޕެއިންގެ ޕްރޮސެކިއުޓަރަށް އެދެވިދާނެ އެވެ. އަދި އެހާލަތުގައި އެމީހުން ބެލްޖިއަމްގައި ތިބެއްޖެނަމަ، އެމީހުން ހައްޔަރު ކުރުމުގެ ބައިނަލްއަޤްވާމީ އަމުރެއް ސްޕެއިންގެ ޕްރޮސެކިއުޓަރުން ނެރުން އެކަށީގެންވެއެވެ.

ޕުއިޖެމޮންޓާއި އޭނާގެ ވަޒީރުން ކޯޓަށް ހާޒިރުވުމުގެ އަމުރު ނެރުއްވަމުން ހައި ކޯޓުގެ ފަނޑިޔާރު ކާމަން ލަމޭލާ ވަނީ، ތަކުރާރުކޮށް ކޯޓުން މަނާކޮށްފައިވަނިކޮށް، ކެޓަލޯނިއާގެ މިނިވަން ދަޢުލަތެއް އުފެއްދުމުގެ މަރުހަލާތައް ކުރިއަށް ގެންގޮސް، އެކަން ޕްރޮމޯޓް ކުރުމަށް އެމީހުން މަސައްކަތް ކޮށްފައިވާ ކަން ފާހަގަ ކޮށްފައެވެ.

ކެޓަލޯނިއާގެ މިނިވަންކަމުގެ މައްސަލާގައި އެކަމުގައި އިސްކޮށް ހަރަކާތްތެރިވި ދެ މީހެއްގެ މައްޗަށް މިހާރުވެސް ޝަރީއަތް ދަނީ ހިންގަމުންނެވެ. އެގޮތުން ކެޓަލޯނިއާގެ އޮމްނިއަމް ކަލްޓަރަލްގެ ޖޯޑީ ކުއިޒާޓާއި، ކެޓަލަން ނޭޝަނަލް އެސެމްބްލީގެ ޖޯޑީ ސަންޗޭޒްގެ ޝަރީއަތް ފަށާފައިވާއިރު، އޮކްޓޯބަރު މަހުގެ 16 ވަނަ ދުވަހުން ފެށިގެން އެމީހުން ތިބީ ބަންދުގައެވެ.

އެމީހުންގެ މައްޗަށް ޝަރީއަތް ހިންގަނީ، އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ނެގި ކެޓަލޯނިއާގެ މިނިވަންކަމުގެ ވޯޓުގެ ކުރިން، ކެޓަލޯނިއާގެ ސަރަޙައްދުގެ ވެރިރަށް ބާސެލޯނާގައި ބޭއްވި އެއްވުމެއްގައި ބަޣާވާތް ކުރުމަށް ހިތްވަރު ދިން ކަމަށް ބުނެ އެވެ.

އެމީހުންގެ ބަންދުގެ މައްސަލައިގެ އިސްތިއުނާފާއި މެދު ގޮތެއް ނިންމުމުގެ އަޑުއެހުން އަންނަ ހުކުރު ދުވަހު ހައި ކޯޓުގައި ބޭއްވުމަށް ވަނީ ތާވަލްކޮށްފައެވެ.

މީގެ އިތުރުން އަންގާރަ ދުވަހު ސްޕެއިންގެ ސްޕްރީމް ކޯޓުން ވަނީ، ކެޓަލޯނިއާގެ ޤާނޫނު ހަދާ މަޖިލީހުގެ ކުރީގެ ރައީސް ކާމޭ ފޯސަޑެލް އަދި އެކަމަނާގެ ނައިބުން ކޯޓަށް ހާޒިރުވުމަށް އަމުރުކޮށްފައެވެ. ފޯސަޑެލް އަދި އެކަމަނާގެ ނައިބުން ކޯޓަށް ހާޒިރު ކުރުމަށް އަމުނު ނެރެފައިވަނީ، ކެޓަލޯނިއާގެ މިނިވަންކަމުގެ މައްސަލާގައި ބުރާސްފަތި އަދި ހުކުރު ދުވަހު ބާއްވާ ތަހުގީގީ އަޑުއެހުމަށެވެ.

- ކޮމެންޓް