ރެއާލް މެޑްރިޑަށް އިންޖަރީގެ ބޮޑެތި މައްސަލަތަކާއި ދިމާވެ އެ ޓީމަށް ހުރަސް ތަކަކާއި ދިމާވެއްޖެއެވެ.
ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި އިނގިރޭސިވިލާތުގެ ޓޮޓެންހަމް ހޮޓްސްޕާސްއާ ދެކޮޅަށް ނުކުންނަ މެޗުގައި އެ ޓީމުގެ ގިނަ އަދަދެއްގެ ކުޅުންތެރިންނަށް ނުކުޅެވޭއިރު މި މެޗުން މޮޅުވާ ޓީމަކަށް ދެވަނަ ބުރުގެ ޖާގައެއް ކަށަވަރު ވާނެއެވެ. އެގޮތުން އެ ޓީމުގެ ކޯޗު ޒިދާން ބުނެފައިވަނީ އެ ޓީމުގެ މިޑްފީލްޑާ އިސްކޯއާ ޑިފެންޑާ ރަފައޭލް ވަރާން އަދި ފޯވާޑް ގެރެތް ބޭލްގެ އިތުރުން އެއް ނަމްބަރު ކީޕަރު ކޭލާ ނަވާސްއަށް މި މެޗުގައި ކުޅެވޭނެ ކަމުގެ ޔަގީން ކަމެއް ނެތް ކަމަށެވެ.
މި ކުޅުންތެރިންގެ ތެރެއިން އިސްކޯއާ ރަފައޭލް ވަރާންއަށް އިންޖަރީ ވެފައިވަނީ އާދިއްތަ ދުވަހުގެ ރޭ ސްޕެނިޝް ލަލީގާގައި އަލަށް ޕްރޮމޯޓްވި ޖިރޯނާ އަތުން 2-1 ގެ ނަތީޖާއަކުން ރެއާލް ބަލިވި މެޗުގައެވެ. އެގޮތުން ވަރާންގެ ފަލަމަސްގަނޑަށް އަނިޔާވެފައި ވާއިރު އިސްކޯއަށް ލިބިފައިވާ އިންޖަރީގެ ތަފްސީލެއް ރެއާލްއިން ހާމަކޮށްފައެއް ނުވެއެވެ. މި ދެ ކުޅުންތެރިން ވެސް ވަނީ ހޯމަ ދުވަހު ރެއާލްއިން ބޭއްވި ފަރިތަކުރުންތަކުގައި ޓީމާއި ވަކިން ފަރިތަކުރުންތަކެއް ފުރިހަމަ ކޮށްފައެވެ.
ގެރެތް ބޭލްގެ ވެސް ފަލަ މަސްގަނޑަށް އަނިޔާ ވެފައިވާއިރު އޭނާ ރެއާލްއަށް މެޗެއް ކުޅެނުދޭތާ މަހަކަށްވުރެ ގިނަ ދުވަސް ވަނީ ވެފައެވެ. ޒިދާން ބުނެފައިވަނީ ބޭލްއަށް ކުޅެވޭނެ ކަމުގެ ގެރެންޓީ އަދި ދެވެން ނެތް ކަމަށާއި މެޑިކަލް ޓީމުގެ ފަރާތުން އަދި އެ ކަމާ ގުޅޭ ގޮތުން ބަހެއް ލިބިފައި ނުވާ ކަމަށެވެ. ޓޮޓެންހަމްގެ މެޗަށް ރެއާލްއިން ނެގި ސްކޮޑުގައި ބޭލް ހިމަނާފައި ނުވާއިރު މޮޑްރިޗް ހިމަނާފައިވެއެވެ. އެ ޓީމުގެ ކީޕަރު ކޭލާ ނަވާސް ވެސް މި މެޗުގައި ކުޅެވޭނެ ކަމާމެދު ޝައްކު އުފެދިފައިވާއިރު އޭނާ ނެތްތަން ފޫބައްދާނީ އެ ޓީމުގެ ބަދަލު ކީޕަރު ކީކޯ ކަސިޔާއެވެ.
ހަމައެހެންމެ މި ކުޅުންތެރިންގެ އިތުރުން ޑެނީ ކަވަހާލްއާ މަޓެއޯ ކޮވަސިޗްއަށް ވެސް މި މެޗުގައި ނުކުޅެވޭނެއެވެ. ކަވަހާލް ވަނީ އޭނާއަށް ޖެހުނު ވައިރަލް އިންފެކްޝަނެއްގެ ސަބަބުން އޭނާގެ ހިތަށް ދިމާވި މައްސަލައެއްގައި މުއްދަތެއް ނެތް ގޮތަށް ކުޅުމާ ދުރަށް ގޮސްފައެވެ. އެހެނަސް ރެއާލްއިން ނެރުނު ބަޔާނެއްގައި ވަނީ ހޯމަ ދުވަހު ބޭއްވި ފަރިތަކުރުންތަކުގައި އޭނާ ވަކިން ފަރިތަކުރުންތަކެއް ފުރިހަމަކޮށްފައިވާ ކަމަށެވެ.
މިފަދަ ބޮޑެތި އިންޖަރީގެ މައްސަލަތަކާއި ދިމާވުމުގެ ސަބަބުން ޒިދާންއަށް ވަނީ ސްކޮޑު ނެގުމުގައި ބޮޑެތި ހުރަސްތަކަކާ ކުރިމަތިލާން ޖެހިފައެވެ. ރެއާލް މިވަގުތު އޮތީ ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް އެޗްގައި ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ ހަތް ޕޮއިންޓާއެކު ލަނޑުގެ ތަފާތުން އެ ގްރޫޕުގެ އެއްވަނައިގައެވެ. އެ ޓީމުން ޓޮޓެންހަމް ބަލިކޮށްފިނަމަ ދެވަނަ ބުރުގެ ޖާގައެއް ކަށަވަރު ވާނެއެވެ.
ރެއާލް މި މެޗަށް ނުކުންނައިރު އެ ޓީމު އިންގްލޭންޑުގައި އެންމެ ފަހުން ކުޅުނު ފަސް މެޗު ވެސް ވަނީ ކާމިޔާބު ކޮށްފައެވެ. މި މެޗު ފަށާނީ ރާއްޖެ ގަޑިން ބުދަ ދުވަހުގެ ރޭ 11.45 ގައެވެ.