ހދ. ކުޅުދުއްފުށީގައި ދިރިއުޅޭ ބިދޭސީންގެ ދަފްތަރެއް އެކުލާވާލުމަށް ކުޅުދުއްފުށީ ކައުންސިލުން ނިންމައިފި އެވެ.
ކުޅުދުއްފުށި ކައުންސިލުން މިދިޔަ ބުރާސްފަތި ދުވަހު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ބިދޭސީންގެ ދަފްތަރެއް އެކައުންސިލުން އެކުލަވާ ލުމަށް ނިންމާފައިވާ ކަމަށާއި އެހެން ކަމުން ބިދޭސީން ގެންގުޅޭ އެންމެހާ ފަރާތަތްކުން އެ ދަފްތަރުގައި ރަޖިސްޓްރީ ކުރުމަށް ދަންނަވާ ކަމަށެވެ.
މި ދަފްތަރުގައި ރަޖިސްޓްރީ ކުރުމަށް އެދޭ ފޯމް ކައުންސިލުން ލިބެން ހުންނާނެ ކަަމަށާއި ފޯމް ފުރިހަމަ ކުރުމަށް ފަހު 10 ނޮވެމްބަރ 2017 ވާ ހުކުރު ދުވަހުގެ ކުރިން އެ އިދާރާއަށް ފޯމް ހުށައެޅުމަށް ވެސް މި އިއުލާނުގައި ވެއެވެ.
އަދި މީގެފަހުން ބިދޭސީން ގެންނަ ފަރާތަތްކުން މި ދަފްތަރުގައި ރަޖިސްޓްރީ ކުރުމަށް ވެސް ކައުންސިލުން އެދިފައި ވެއެވެ.
ކުޅުދުއްފުއްޓަކީ އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގާ އަދި އުމުރާނީ ތަރައްގީގެ ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ރާއްޖޭގެ އުތުރުގައި އޮންނަ އެންމެ އާބާދީ ބޮޑު އެއް ރަށެވެ. އެހެންކަމުން އެރަށުގައި ގިނަ އަދަދެއްގެ ބިދޭސީން އުޅެ އެވެ. އެގޮތުން ފަންނީ އަދި ޕްރޮފެޝަނަލް ވަޒީފާތަކުގައި ބިދޭސީން އުޅޭއިރު، ލޭބަރުންގެ ގޮތުގައިވެސް ގިނަ އަދަދެއްގެ ބިދޭސީން ކުޅުދުއްފުށީގައި އުޅެ އެވެ.