ރައީސް އަބްދުﷲ ޔާމީނާއި އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް ދީދީ ބައިވެރިވެ ވަޑައިގަންނަވާ ޕީޕީއެމްގެ ޖަލްސާތައް ޕަބްލިކް ސަރވިސް މީޑިއާ އަށް ލައިވް ކުރެވޭނީ އަގު ނަގައިގެން ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން(އޭސީސީ) އިން ބުނެފި އެވެ.
އޭސީސީ އިން މިހެން ބުނެފައިވަނީ، މިދިޔަ އަހަރުގެ ނޮވެމްބަރު 4 ވަނަ ދުވަހު "އަސްލު" ގެ ނަމުގައި ޕީޕީއެމް އިން ބޭއްވި ޖަލްސާ ޕަބްލިކް ސަރވިސް މީޑިއާގެ ޓީވީއެމް އިން ލައިވް ކޮށްފައިވާ މައްސަލަ ބެލުމަށްފަހު އެވެ.
އޭސީސީއަށް އެ މައްސަލަ ހުށަހަޅާފައިވަނީ ޕީޕީއެމްގެ ޖަލްސާ، ޓީވީއެމްއިން ލައިވްކޮށްފައިވާއިރު އެކަން ކުރުމަށް ގަންނަންޖެހޭ ވަގުތު ޕީޕީއެމް އިން ގަނެފައިނުވާކަމަށް އެނގިފައިވާ ކަމަށާއި، އަދި ޓީވީއެމް އިން އެ ޖަލްސާ ލައިވްކޮށްފައިވަނީ އެ ޖަލްސާއަކީ ދައުލަތުގެ އިވެންޓެއްގެ ގޮތުގައި ޢާންމުންނަށް ތަޞައްވަރުކުރެވޭ ގޮތަށްކަންވެސް ފާހަގަކުރެވޭ ކަމަށް ބުނެ އެވެ. އަދި ޓީވީއެމް އިން އެގޮތަށް ޢަމަލުކޮށްފައިއެވަނީ ވަކި ފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުމަށް ކަމަށް ބެލެވޭކަމަށް ވެސް އެ މައްސަލައިގައި ބުނެފައިވެއެވެ.
އެ މައްސަލައިގައި އޭސީސީއަށް ޖަވާބުދާރީވަމުން ޕީއެސްއެމް އިން ބުނެފައި ވަނީ ޕީޕީއެމްގެ ޖަލްސާއެއް ލައިވްކުރުމުގެ މަގުސަދުގައި އެއްވެސް ޖަލްސާއެއް ފޮނުވާފައި ނުވާނެކަމަށާއި، ނަމަވެސް ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ އަނބިކަނބަލުން ބައިވެރިވެ ވަޑައިގަންނަވާ ޖަލްސާތަކާއި އިވެންޓުތައް ދިވެހިރާއްޖޭގެ އަޑާއި ޓީވީއެމް އިން ދުރަށް ފޮނުވުމަކީ އެ ދެތަން އުފެދުނީއްސުރެ ކުރަމުން އަންނަ ކަމެއް ކަމަށެވެ.
އޭސީސީއިން މައްސަލަ ބެލުމަށް ފަހު ނިންމި ނިންމުމުގައި ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ އަނބިކަނބަލުން ބައިވެރިވެވަޑައިގެންނެވިޔަސް އެބޭފުޅުން އެކަމުގައި އެ ބައިވެރިވެވަޑައިގަންނަވަނީ ޕާޓީގެ މެންބަރުންގެ ހައިސިއްޔަތުން ކަމަށެވެ.
ސިޔާސީ ވަކި ޕާޓީއެއްގެ ޖަލްސާތަކާއި އިވެންޓްތައް އަގެއް ނުނަގައި ވަގުތުން ގެނެސްދިނުމަކީ އެހެން ސިޔާސީ ޕާޓީތަކާމެދު ތަފާތުކުރުން ކަމުގައި ބެލެވޭނެތީ، އެގޮތަށް އަގު ނުނަގައި އެކަން ކުރެވޭނެކަމަކަށް ނުފެންނަކަން ޕީއެސްއެމްގެ ސަމާލުކަމަށް ގެނެސްފައިވާނެ ކަމަށް އޭސީސީއިން ބުނެފައިވެއެވެ.
އޭސީސީން މިގޮތަށް ބުނެފައިވާއިރު، ޕީއެސްއެމް އިން ގެންދަނީ ރައީސް ޔާމީން ބައިވެރިވެވަޑައިނުގަންނަވާ ޕީޕީއެމްގެ ޖަލްސާތައް ވެސް ލައިވް ކުރަމުންނެވެ. އަދި އަނބިކަނބަލުން ފާތުމަތު އިބްރާހިމް ދީދީ ބާއްވަވާ އިވެންޓްތައް ވެސް ޕީއެސްއެމް އިން ގެންދަނީ ލައިވް ކުރަމުންނެވެ.
ޕީޕީއެމްގެ ހުރިހާ ހަރަކާތެއް ޓީވީއެމް އިން ލައިވް ކުރަމުންދާއިރު، އިދިކޮޅު ފަރާތްތަކުން ބާއްވާ އިވެންޓްތަކާއި ޖަލްސާތައް ޕީއެސްއެމްއިން ލައިވް ކޮށް ނުދެ އެވެ. އަދި ޕީއެސްއެމްގެ ޕްރޮގްރާމްތަކަށް ވެސް ދައުވަތު ދެނީ ޕީޕީއެމް އާއި ސަރުކާރުގެ ވެރިންނަށެވެ. އިދިކޮޅު ފަރާތްތަކަށް ޕީއެސްއެމްގެ ޕްރޮގްރާމްތަކުން ވެސް ޖާގައެއް ނުދެ އެވެ.
ޕީއެސްއެމް އިން ފުރުސަތު ނުދޭ މައްސަލައިގައި އިދިކޮޅު ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، އެކަމާ ގުޅިގެން ޕީއެސްއެމް އިން އެއްވެސް އެއްޗެއް ނުބުނެ އެވެ.
ޕީއެސްއެމްގެ ގާނޫނު ބުނާ ގޮތުން ސިޔާސީ ޕާޓީތަކުގެ މެދުގައި ހަމަހަމަކަމާއެކު ތަފާތުކުރުމެއް ނެތި ފުރުސަތު ދޭން ޖެހެ އެވެ.