ރީދޫ ހުންޖެހިފައި ތިބި މީހުން ބަލިން ރަނގަޅުކުރުމަށް އިންޖެކްޝަން ޖަހަން ފަށަންވީ ކަމަށް މާފަންނު ދެކުނު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަބްދުﷲ ރިފާއު ވިދާޅުވެއްޖެއެވެ.
ހޯމަ ދުވަހުގެ ރޭ ޕީޕީއެމްގެ "ފިޔާތޮށި" ޖަގަހަ ހުޅުވުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރިފާއު ވިދާޅުވީ މާލޭގެ އެކި ސަރަހައްދުތަކުގައި އެޕާޓީން ޖަގަހަތަށް ހުޅުވާ ޖަލްސާތައް ބާއްވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި މާލޭގެ މެޖޯރިޓީ ވެރިކަން ކުރާ ޕީޕީއެމަށް ހޯދުމަށް ކަމަށެވެ. އަދި އެކަން ކުރުމަށް ޕީޕީއެމްގެ ކެމްޕޭން ޓީމްތަކުގެ މެމްބަރުން ގޭގެ އަށް ގޮސް ރީދޫ ހުން ޖެހިފައި ތިބި އެމްޑީޕީއަށް ތާއިދުކުރާ މީހުން ގަޔަށް އިންޖެކްޝަން ޖަހައިގެން ވެސް އެމީހުން ބަލިން ރަނަގަޅުކޮށް ފިކުރު ބަދަލުކުރަން ޖެހޭ ކަމަށް ރިފާއު ވިދާޅުވިއެވެ.
" އަޅުގަނޑުމެންގެ 24 ގަޑީއުރުގެ މަސައްކަތަކަށް ވަނީ، ތިބޭފުޅުން ބޭނުންވާ އިންޖެކްޝަންތައް ތައްޔާރުކޮށްފައި ފޮނުވާލުން، ހަމަ އެ އިންޖެކްޝަން ހިއްޕަވައިގެން ގޭގެއަށް ވަދެ، ރީދޫ ހުން ޖެހިފައި ތިބި ފަރާތަކަށް ރަނގަޅަށް އިންޖެކްޝަން ކޮށްޕާލުމުން މިކަން ހައްލުވެދާނެ" ރިފާއު ވިދާޅުވިއެވެ.
ފްލެޓް ލިސްޓުގައި ބައެއް މީހުންގެ ނަން ނެތް ވާހަކަ ދެއްކުމުގެ ބަނދަލުގައި މިއަދު ދައްކަންވީ ރައީސް ޔާމީން ގެނެސްދިން ތަރައްޤީގެ ވާހަކަ ކަމަށެވެ.
އެގޮތުން މާލޭގެ ހުޅަނގު ފަރާތުގައި ގާއިމްކުރި ރަސްފަނުގެ ވާހަކަ އިދިކޮޅު ފަރާތައް ނުދައްކަނީ ކީއްވެގެންތޯ ސުވާލު އުފައްދާ ވާހަކަ ދައްކަވަމުން ރިފާއު ވިދާޅުވީ ރަސްފަނުގެ މަސައްކަތްކޮށް ނިންމާލާފައި ވަނީ ހީވެސް ނުކުރާހާ ފުރިހަމައަށް ކަމަށެވެ. އަދި ހާބަރު ކެފޭތަށް ވަގުތީ ގޮތުން ބަންދުކޮށް އެ ސަރަހައްދުގައި ގާއިމްކުރާ ފުޑް ކޯޓުތަކުގެ ވާހަކަ އިދިކޮޅު ފަރާތްތަކުން ނުދައްކަނީ ކީއްވެގެންތޯ ވެސް ރިފާއު ވަނީ ސުވާލުއުފައްދާފައެވެ.
މީގެ އިތުރުން ރިފާއު ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ހަ މަސްދުވަހުގެ ތެރޭގައި ރައީސް ޔާމީންގެ ކެމްޕޭން ހަރަކާތްތައް މުޅި ރާއްޖޭގައި މިހާރަށް ވުރެ ފުޅާކޮށް ކުރިއަށް ގެންދާނެއެވެ.