ކުރެއްވި ޓްވީޓަކާ ގުޅިގެން ފުލުހުންގެ ވަޒީފާއިން ވަކިކުރި މައްސަލަ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ފައިރޫޝް އިސްތިއުނާފަށް ހުށަހަޅުއްވައިފި އެވެ.
ފުލުހުންގެ ވަޒީފާއިން ފައިރޫޝް ވަކިކުރުމަށް ޑިސިޕްލިނަރީ ބޯޑުން ނިންމީ މިމަހުގެ 23 ވަނަ ދުވަހު އެވެ. އަދި އެކަން ފައިރޫޝް އަށް އަންގާފައި ވަނީ މިމަހުގެ 24 ވަނަ ދުވަހު އެވެ.
ފައިރޫޝް ވަޒީފާއިން ވަކިކުރަން ޑިސިޕްލިނަރީ ބޯޑުން ނިންމީ ހަލާލު ނޫން އާއި ހަރާމް މިއީ އަނެއްކާ އެކައްޗެއްތަ!" އޭ ވިދާޅުވެ އޯގަސްޓް 15 ވަނަ ދުވަހު ކުރެއްވި ޓްވީޓަކާ ގުޅިގެން އެ މައްސަލަ ބެލުމަށް ފަހު އެވެ. ފައިރޫޝްގެ މައްޗަށް ކޮށްފައިވަނީ ސަރުކާރު ބަދުނާމު ވާގޮތަށް ސޯޝަލް މީޑިއާގައި ވާހަކަ ދެއްކުމުގެ ތުހުމަތެވެ.
އެ މައްސަލަ ފައިރޫޝް ވަނީ ފުލުހުންގެ އެތެރޭގެ އިސްތިއުނާފް ކޮމެޓީއަށް ހުށަހަޅުއްވާފަ އެވެ. ނަމަވެސް، އެ މައްސަލަ އަދި އެ ކޮމެޓީން ބަލަން ނުފަށަ އެވެ.
ފައިރޫޝް ވަޒީފާއިން ވަކިކުރުމަށް ނިންމި އިރު، 2014 ވަނަ އަހަރުގެ ޑިސެމްބަރުން ފެށިގެން ފައިރޫޝް ދިރިއުޅުއްވަމުން ގެންދަވަނީ އޮސްޓްރޭލިއާގަ އެވެ. ނޯ ޕޭ ލީވް ނަންގަވައިގެން އޮސްޓްރޭލިއާއަށް ފައިރޫޝް ވަޑައިގެންނެވީ މަތީ ތައުލީމް ހާސިލްކުރެއްވުމަށެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ފެބްރުއަރީ 7، 2012 ގައި ބަދަލުވުމަށް ފަހު އާ ކޮމިޝަނަރަކު އައްޔަންކުރެވެންދެން އެކްޓިން ޕޮލިސް ކޮމިޝަނަރު ކަމުގެ މަގާމު ފައިރޫޝް އަދާކުރެއްވި އެވެ. އޭރު ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި ފައިރޫޝް އެސިސްޓެންޓް ކޮމިޝަނަރގެ މަގާމަށް ޕްރޮމޯޓްކުރީ އޭގެ ފަހުންނެވެ.
ފައިރޫޝް ވަޒީފާއިން ވަކިކޮށްފައި މިވަނީ، ފުލުހުންގެ އިސްވެރިންތަކެއްގެ މައްސަލަ ބަލައި ބޮޑެތި ފިޔަވަޅުތައް އަޅަމުން ގެންދާ ދަނޑިވަޅެއްގަވެ. އެގޮތުން، އިދިކޮޅު ސިޔާސީ ޕާޓީތަކާ ގުޅުން އޮންނަ ކަމަށް ބުނެ ޗީޕް ސުޕްރިންޓެންޑެންޓް މުހައްމަދު ރިޔާޒު ފުލުހުންގެ ވަޒީފާއިން ވަކިކޮށްފައިވާއިރު، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ހުސައިން އާދަމްގެ މަގާމު ވަނީ ދަށްކޮށްފަ އެވެ.
މީގެ އިތުރުން، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ޖަމްޝީދު އިންޓެގްރޭޓެޑް ސަރވިސަސް ކޮމާންޑްގެ ވެރިޔާގެ މަގާމުން ދުރުކޮށް ޕްރޮޖެކްޓްސް އޮފިސަރެއްގެ ގޮތުގައި އައްޑޫ ސިޓީއަށް ފޮނުވާލަން ވަނީ ނިންމާފަ އެވެ.