ޓޮޓެންހަމްއަށް ކުޅެމުން އަންނަ އިންގްލޭންޑުގެ ފޯވާޑް ހެރީ ކޭންގެ އަގަކީ 250 މިލިއަން ޔޫރޯ ކަމަށް ރެއާލް މެޑްރިޑްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ބުނެފިއެވެ.
ފީފާ ދަ ބެސްޓް އެވޯޑުގައި ކްރިސްޓިއާނޯ ރޮނާލްޑޯއަށް ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއާ ޒައިނުއްދީން ޒިދާންއަށް ދުނިޔޭގެ އެންމެ މޮޅު ކުޅޮ ކޯޗުގެ އިތުރުން ރެއާލްއަށް ބޮޑެތި ކާމިޔާބީތަކެއް ލިބިގެންދިޔަ ހަފްލާއަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ޕެރޭޒް ވަނީ ރެއާލްއަށް ކޭން ގެނައުން ވެގެންދާނީ އުނދަގޫ ކަމެއް ކަމަށް ބުނެފައެވެ.
އެގޮތުން ޕެރޭޒް ބުނެފައިވަނީ ކޭން ގެނައުމުގެ ހިޔާލު އަދި ނުގެންގުޅޭ ކަމަށާއި އޭނާއަކީ ވަރަށް މޮޅު ކުޅުންތެރިޔެއް ކަމަށެވެ. އަދި އޭނާއަކީ ޒުވާން ކުޅުންތެރިޔަކަށް ވުމާއެކު އަދިވެސް ރަނގަޅު ކުރަން ޖެހޭ ގިނަ ކަންކަން ހުންނާނެ ކަމަށާއި އޭނާއަކީ މުސްތަގުބަލުގައި އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ގުނާލެވޭނެ ކުޅުންތެރިޔެއް ކަމަށް ވެސް ޕެރޭޒް ބުނެފައިވެއެވެ. އަދި ޓޮޓެންހަމްއަށް އޭނާ ގަންނަން ހުށަހަޅައިފިނަމަ އެ ޓީމުން ރައްދެއްގެ ގޮތުގައި 250 މިލިއަން ޔޫރޯ ހޯދުމަށް މަސައްކަތް ކުރާނެ ކަމަށް ވެސް ޕެރޭޒް ބުނެފައިވެއެވެ.
ހަމައެހެންމެ ޕެރޭޒް ބުނެފައިވަނީ އޭނާގެ ޓީމުގައި ތިބި ކުޅުންތެރިންނާ މެދު ވަރަށް ހިތްހަމަޖެހޭ ކަމަށާއި ވަކިން ހާއްސަކޮށް އެ ޓީމުގެ އެންމެ ކުރިޔަށް ކުޅޭ ކަރިމް ބެންޒިމާގެ ބަދަލުގައި އިތުރު ކުޅުންތެރިޔަކު އެ ޓީމަށް ގެންނަން ބޭނުންނުވާ ކަމަށެވެ.
މި ސީޒަނުގައި މެޑްރިޑްގެ ފޯވާޑްލައިނުން ގޯލުތަށް ފެންނަމުންދާ ވަރު ވަރަށް ބޮޑުތަނުން މަދުވެފައިވާއިރު ކޭން އަންނަނީ މި ސީޒަނުގައި އާދަޔާ ހިލާފަށް މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން އޭނާ ވަނީ މިހާތަނަށް އިނގްލޭންޑާ ޓޮޓެންހަމްއަށް ކުޅުނު 16 މެޗުގައި 17 ލަނޑު އެ ޓީމަށް ޖަހައިދީފައެވެ.
މިކަމުގެ ސަބަބުން ގިނަ މީޑިއާތަކުން ރިޕޯޓު ކުރަމުން އަންނީ ކޭން ހޯދުމަށް އަންނަ ހޫނު މޫސުމުގެ ޓްރާންސްފާ މާކެޓުގައި ރެއާލްއިން ބިޑް ކުރާނެ ކަމަށެވެ. ރެއާލްގެ ސްކޮޑުގައި މިވަގުތުވެސް ޓޮޓެންހަމްއަށް ކުރިން ކުޅުނު ދެ ކުޅުންތެރިޔަކު އެބަ ތިއްބެވެ. އެގޮތުން އޭރުގެ ދުނިޔޭގެ ރެކޯޑު ފީއަކަށް ޓޮޓެންހަމްއިން ރެއާލްއަށް ގެންދިޔަ ގެރެތް ބޭލްއާ ކްރޮއޭޝިއާގެ މިޑްފީލްޑާ ލޫކާ މޮޑްރިޗްއަކީ މިހާރު ރެއާލްގެ ފުރަތަމަ އެގާރައިގައި މުހިންމު ރޯލުތަށް އަދާކުރަމުން އަންނަ ކުޅުންތެރިންނެވެ.
ކޭން ރެއާލްއަށް ގެންދަން އުޅޭ ކަމުގެ ރިޕޯޓުތަކަށް ބާރު ލިބިގެން ދަނީ އެ ޓީމުގެ ކުރީގެ ރައީސް ރަމޮން ކެލަޑްރޮން ރެއާލްއަކީ ޔޫރަޕުގެ ގަދަ ބާރެއްގެ ގޮތުގައި ދެމިއޮތުމަށް ކޭން ގެންނާނެ ކަމަށް ގަބޫލްކުރެވޭ ކަމަށް ބުނެފައި ވުމުންނެވެ.
މި ހަފްތާގެ ބުދަ ދުވަހު ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި މި ދެ ޓީމު ޓޮޓެންހަމްގެ ދަނޑުގައި ނުކުންނައިރު މި މެޗު ވެގެންދާނީ ރެއާލް ކޮޅަށް ލަނޑު ޖެހުމަށް ކޭންއަށް ލިބޭނެ ރަނުގެ ފުރުސަތަކަށެވެ. މި ދެ ޓީމު އޮކްޓޯބަރު މަހުގެ 17 ވަނަ ރެއާލް ގެ ދަނޑުގައި ކުޅުނު މެޗު 1-1 އަކުން އެއްވަރުވެގެން ނިމުނުއިރު އެ މެޗުގައި ކޭން ލަނޑު ޖަހާފައެއް ނުވެއެވެ.
މިދިޔަ ދެ ސީޒަނުގައި ވެސް ޕްރިމިއާ ލީގުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ އެވޯޑު ގެންދިޔަ 24 އަހަރުގެ ކޭން ވަނީ މިހާތަނަށް ޓޮޓެންހަމްއަށް ކުޅުނު 122 މެޗުގައި 86 ލަނޑު ޖަހައިދީފައެވެ.