ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މަސްލަހަތު އޮންނަ ގޯއްޗެއްގައި ގެސްޓް ހައުސްއެއް އެޅުމަށް ވެފައިވާ އެއްބަސްވުމެއްގެ މައްސަލައިގައި އިސްލާމިކް ބޭންކުގެ މައްޗަށް ދައުވާ ކޮށްފި އެވެ.
ރައީސް ނަޝީދުގެ ފަރާތުން މި ދައުވާ ކޮށްފައިވަނީ ބޭބޭފުޅު ޑރ. އިބްރާހިމް ނާޝިދެވެ. މި ދައުވާގެ ފުރަތަމަ އަޑުއެހުން މިމަހުގެ 24 ވަނަ ދުވަހު ކ. ތުލުސްދޫ މެޖިސްޓްރޭޓް ކޯޓުގައި ވަނީ ކުރިއަށް ގެންގޮސްފަ އެވެ
އިސްލާމިކް ބޭންކުގެ މައްޗަށް ދައުވާ ކޮށްފައިވަނީ ކ. ތުލުސްދޫ، ލުޔޫނާ މަންޒިލް ގޯތީގައި ފަސް ބުރީގެ ގެސްޓްހައުސްއެއް އެޅުމަށް އިސްލާމިކް ބޭންކާއެކު ވެފައިވާ "އިސްތިސްނާއު ފެސިލިޓީ" ގެ ދަށުން ގެސްޓް ހައުސް އަޅާ ނިންމާފައިނުވާތީ އެވެ.
ދައުވާގައި އެދިފައިވަނީ ކޮންޓްރެކްޓާބެހޭ ގާނޫނުގެ 25 ވަނަ މާއްދާގެ ދަށުން ވަކި ގޮތަކަށް އަމަލުކުރުމުގެ އަމުރެއްގެ ނެރެދީ، އެއްބަސްވުމެއް ދެމެހެއްޓުމަށާއި އިސްތިސްނާއު ފެސިލިޓީގެ ދަށުން ގެސްޓް ހައުސް އިމާރާތްކޮށް ނިންމުމަށް އިސްލާމިކް ބޭންކްގެ މައްޗަށް އަމުރުކޮށް ދިނުމަށެވެ.
ލުޔޫނާ މަންޒިލް އަކީ ރައީސް ނަޝީދާއި އިބްރާހިމް ނާޝީދުގެ ގޯއްޗެކެވެ. އެ ގޯތީގައި 11 މަސް ދުވަހުގެ ތެރޭގައި ފަސް ބުރީގެ ގެސްޓް ހައުސްއެއް އެޅުމަށް އިސްލާމިކް ބޭންކާއެކު "އިސްތިސްނާއު ޕްރޮޖެކްޓް ފިނޭންސިންގ ފެސިލިޓީ އެގްރީމެންޓް" ގައި ސޮއިކޮށްފައިވަނީ 2015 ވަނަ އަހަރުގެ މެއި 12 ވަނަ ދުވަހު އެވެ.
ގެސްޓް ހައުސް އެޅުމަށް ހަމަޖައްސައިދީފައިވަނީ 4،407،823 ރުފިޔާގެ އިސްތިސްނާއު ފެސިލިޓީ އެކެވެ. އެއްބަސްވުމުގެ ދަށުން އެޑްވާންސްގެ ގޮތުގައި 176،826 ރުފިޔާ ދައްކަންޖެހޭއިރު، އިމާރާތްކުރަމުންދާ 11 މަސް ދުވަހުގެ ތެރޭގައި 227،000 ރުފިޔާ ދައްކަންޖެހެ އެވެ. އަދި އިމާރާތްކޮށް ނިމުމުން 60 މަސްދުވަސް ވަންދެން މަހަކު 66،733 ރުފިޔާ ދައްކަންޖެހެ އެވެ.
ދައުވާގައި ބުނާ ގޮތުގައި އެޑްވާންސްގެ ގޮތުގައި ދައްކަންޖެހޭ ފައިސާއާއި އިމާރާތްކުރަމުންދާ 11 މަސް ދުވަހުގެ ތެރޭގައި ދައްކަންޖެހޭ ފައިސާ ވަނީ ދައްކާ ޚަލާސްކޮށްފަ އެވެ.
އިސްލާމިކް ބޭންކަކީ ރައީސް ނަޝީދުގެ ވެރިކަމުގައި 2011 ވަނަ އަހަރު ހުޅުވި ބޭންކެކެވެ. އެ ބޭންކުގެ ފުރަތަމަ ކަސްޓަމަރަކީ ވެސް ރައީސް ނަޝީދެވެ.
އިސްތިސްނާއު އަޤްދަކީ، ޢަޤްދު ކުރެވޭ ވަގުތު ވިއްކަން ކަނޑައަޅާ މުދާ މިލްކުވެރިކަމުގައި ނުވަތަ ވުޖޫދުގައި ނެތިސް ކުރުން ޝަރީއާގައި ހުއްދަކުރާ ޢަޤްދެކެވެ. ނަމަވެސް މި ޢަޤްދުގައި ވިއްކޭނީ ހަމައެކަނި މެނުފެކްޗަރ ކުރެވޭ ތަކެއްޗެވެ. އަދި ޢަޤްދު ކުރާއިރު މުދަލުގެ އަގު ކަނޑައަޅަންޖެހޭނެއެވެ. ނަމަވެސް އަގު އެއްކޮށް ކޮންމެހެން ދެެއްކުން ލާޒިމެއް ނޫނެވެ.
ބޭންކުގައި އިސްތިޞްނާޢު ބޭނުންކުރެވޭ ގޮތަކީ މީހަކަށް ލިބިފައިވާ ބިމުގައި އިމާރާތެއް އެޅުމަށް ބޭންކުގައި އެދުމުން، ބޭންކުން އެ މީހަކު ބުނާ ގޮތަކަށް އަޅައިދިނުމަށް އެއްބަސްވާނީއެވެ. މި އެއްބަސްވުމުގެ ދަށުން އިސްތިސްނާޢު އަގު ބައި ބަޔަށް ބަހާލައިގެން ދެއްކިދާނެއެވެ. ދެން ބޭންކުގެ ފަރާތުން އެ މީހާގެ ބިން އިމާރާތްކޮށްދިނުމަށް ކޮންޓްރެކްޓަރ އަކާއެކު އެއްބަސްވުމަކަށް އައިސް، އިމާރާތް ހަދައިދީ ނިމުމުން، އިސްތިޞްނާޢު ޢަޤްދު ނިމި، އެ މީހާއަށް އިމާރާތް ހަވާލުކުރާނީއެވެ.