ލީބިޔާގެ ބެންގާޒީގައި ހުންނަ އެމެރިކާގެ ޑިޕްލޮމެޓިކް މިޝަންއަށް މީގެ ފަސް އަހަރުކުރިން ދިން ނުރައްކާތެރި ހަމަލާއާ ގުޅުންހުރި މީހަކު ހައްޔަރުކޮށްފި ކަމަށް އެމެރިކާއިން ބުނެފިއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހޯމަ ދުވަހު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އާދީއްތަ ދުވަހު ލީބިޔާއިން ހައްޔަރުކުރި މުސްތަފާ އަލް-އިމާމް އަށް "ޝަރީއަތް ހިންގޭނީ އެމެރިކާގައި" ކަމަށެވެ.
ލީބިޔާގެ ދެވަނައަށް އެންމެ ބޮޑު ސިޓީ ކަމަށްވާ ބެންގާޒީގައި ހުންނަ އެމެރިކާގެ ކޮންސިއުލޭޓަށް ސެޕްޓެމްބަރު 2012 ގައި ދިން ހަމަލާގައި އެމްބަސެޑަރ ކްރިސްޓޮފަރ ސްޓީވަންސް އާއި އެމެރިކާގެ ތިން ރައްޔިތަކު ވަނީ މަރުވެފައެވެ.
"އަޅުގަނޑުމެންގެ ވަނީ ފުން ހަނދާންތަކެއް އަދި ވަރަށް ދުރަށް ތަރުކުރަންޖެހޭ، ބެންގާޒީގައި ދިން ފިނޑި ހަމަލާގެ ފަހަތުގައިވާ ޣައްދާރުން ހޯދައި އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ކުރަމުންދާ މަސައްކަތުގައި މަޑުޖެހުމެއް ނޯންނާނެ،" ޓްރަމްޕް ވިދާޅުވިއެވެ.
އެމެރިކާއަށް އިމާމް ގެނައުމާ އެކު ވޮޝިންގޓަންގެ ފެޑެރަލް ކޯޓެއްގެ ފަނޑިޔާރެއްގެ ކުރިމައްޗަށް އޭނާ ހާޒިރު ކުރެވޭނެ ކަމަށް ޖަސްޓިސް ޑިޕާޓްމަންޓުން ބުނެއެވެ.
އޭނާގެ މައްޗަށް ތިން ކުށެއްގައި ދައުވާކުރަން މެއި 19 2015 ގައި ހުށަހަޅާފައިވާއިރު އެ ދައުވާތަށް ދާދިފަހުން ވަނީ އަލުން ހުޅުވާލާފައެވެ.
ހަމަލާއެއްދީ މީހަކު މަރާލުން ނުވަތަ މަރާލަން އުޅުމާއި "ޓެރެރިސްޓުންނަށް" ތަކެތި ފޯރުކޮށްދިނުމާއި އަދި ހަތިޔާރު ބޭނުންކޮށްގެން ނުރައްކާތެރި ޖަރީމާ ހިންގުމާ ގުޅުން އޮތުމުގެ ދައުވާ އޭނާގެ މައްޗަށް ކުރެއެވެ.
އެމެރިކާގެ އިދާރާތަކުން ބުނާ ގޮތުގައި އިމާމްގެ އުމުރަކީ "ގާތްގަނޑަކަށް 46 އަހަރު" އެވެ.
ބެންގާޒީ ހަމަލާއަކީ ސެޕްޓެމްބަރު 2001،11 ގައި އަލްގައިދާއިން އެމެރިކާއަށް ދިން ހަމަލާތަކަށް 11 އަހަރު ފުރުމާ ދިމާކޮށް ދީފައިވާ ހަމަލާއެކެވެ.
ޑިޕްލޮމޭޓެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދެވި ސްޓީވެންސް އެމްބަސެޑަރގެ މަގާމާ ހަވާލުވެ ވަޑައިގެންފައިވަނީ މެއި 2012 ގައެވެ.
ވެރިރަށް ޓްރިޕޮލީގައި ގާއިމްވެ ހުންނެވި ނަމަވެސް ހަމަލާ ދެވުނު ދުވަހަކީ އޭނާ ބެންގާޒީއަށް ކުރު ޒިޔާރަތެއް ކުރެއްވި ދުވަހެކެވެ.
މިހަމަލާއާއެކު ރައީސް ބަރަކް އޮބާމާއާ އެމެނިކުފާނުގެ ސަރުކާރުގެ ސެކްރެޓަރީ އޮފް ސްޓޭޓް ހިލަރީ ކްލިންޓަނަށް ރިޕަބްލިކަނުންގެ ފަރާތުން ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެއެވެ. އެ ފަރާތްތަކުންވަނީ އެމެރިކާގެ ރައްޔިތުންނަށް އެކަށީގެންވާ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ރައީސް އޮބާމާގެ ސަރުކާރު ނުކުޅެދިފައިވާ ކަމަށް ތުހުމަތު ކޮށްފައެވެ.
މިދިޔަ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި ހިލަރީ ކްލިންޓަންގެ ވާދަވެރިޔާ އަދި މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ބެންގާޒީ ހަމަލާގެ ވާހަކަ ނަންގަވާފައެވެ.