ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ އަހުމަދު ފާރިސް މައުމޫން ހައްޔަރުކުރި އަމުރާއި ބަންދުކުރި އަމުރުގެ އިސްތިއުނާފް މައްސަލަ ބައްލަވާ ހައިކޯޓުގެ ބެންޗު ބަދަލުކުރި މައްސަލައިގެ އަޑުއެހުންތައް މެދުކަނޑާލާފައި އޮންނަތާ މަހެއް ފަހުން އަޑުއެހުންތައް މިއަދު ފަށަން ތާވަލުކޮށްފި އެވެ.
ފާރިސްގެ އިސްތިއުނާފް އަޑުއެހުން ހައިކޯޓުގައި ތާވަލުކޮށްފައި ވަނީ މިއަދު ހެނދުނު 11:15 އަށެވެ.
ފާރިސް ހައްޔަރުކުރަން ނެރުނު އަމުރާއި ޝަރީއަތް ނިމެންދެން ބަންދުކުރި އަމުރު ހައިކޯޓުގައި އިސްތިއުނާފް ކޮށްފައިވާއިރު، އެ މައްސަލަ ކުރިން ބައްލަވަމުން ގެންދެވީ، ހައިކޯޓުގެ އިސްފަނޑިޔާރު އަބްދުﷲ ދީދީ އާއި، ފަނޑިޔާރު އަލީ ސަމީރުގެ އިތުރުން ފަނޑިޔާރު ޢަބްދުލް ރައޫފް އިބްރާހީމް އެވެ. އެހެން ނަމަވެސް، ހުކުމް އިއްވުމާ ހަމައަށް ގޮސްފައިވަނިކޮށް ފަނޑިޔާރު ސަމީރު ރިޔާސަތު ބެލެހެއްޓެވި ބެންޗަށް ވަނީ ބަދަލު ގެނެސްފަ އެވެ. ފަނޑިޔާރު ސަމީރު ބޭރުކޮށް، ފަނޑިޔާރު ޝުޖާއު އުސްމާން ވަނީ ބެންޗުގެ ރިޔާސަތަށް ހަމަޖައްސަވާފަ އެވެ.
ބެންޗަށް ބަދަލު ގެނައީ މީގެ ކުރިން ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމަކާއި ގާނޫނީ އުސޫލުތަކާ ކަނޑައެޅިގެން ޚިލާފަށް ކަމަށް ބުނެ ބެންޗު ބަދަލުކުރި މައްސަލަ ސުޕްރީމް ކޯޓުގެ ބެލެނެވެރިކަމުގެ އިހުތިސާސްގެ މައްސަލައެއްގެ ގޮތުގައި ފާރިސްގެ ފަރާތުން ހުށަހެޅި އެވެ.
ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފައި ވާތީ ސެޕްޓެމްބަރު 28 ވަނަ ދުވަހު ހައިކޯޓުގައި ބޭއްވި އިސްތިއުނާފް އަޑުއެހުމުގައި ވަނީ، ސުޕްރީމް ކޯޓުން ގޮތެއް ކަނޑައަޅަންދެން މައްސަލަ މަޑުޖައްސާލާފަ އެވެ.
އެ މައްސަލައިގައި ސުޕްރީމް ކޯޓުން މިމަހުގެ 10 ވަނަ ދުވަހު ނިންމި ނިންމުމުގައި ބުނެފައި ވަނީ ފާރިސްގެ ފަރާތުން ހުށަހަޅާ އެ ދަފްއުއަކީ ހައިކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ފާރިސްގެ ފަރާތުން އެ ދަފްއު ހުށަހަޅައިފި ނަމަ، އެ އިޖުރާއަތުގެ ސައްޙަކަން ނުވަތަ ނޫން ކަން ގާނޫނީ ސަބަބާއެކު އެ ކޯޓުން ކަނޑައަޅައި މައްސަލައިގައި ފައިސަލާ ކުރަންޖެހޭ މައްސަލައެއް ކަމަށްވާތީ އެގޮތުގެ މަތިން އަމަލުކުރަންޖެހޭ މައްސަލައެއް ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ކަނޑައަޅާފައިވާ ކަމަށެވެ. އަދި އެ ވާހަކަ ހައިކޯޓުގައި ދެންނެވިފައިވާ ކަމަށެވެ.
ފާރިސް ހައްޔަރުކުރުމަށް ނެރުނު އަމުރުގެ ދަށުން، ޖުލައި 18 ވަނަ ދުވަހު އޭނާ ހައްޔަރުކުރުމަށް ފަހު، ބަންދާ މެދު ގޮތެއް ނިންމުމަށް ޖުލައި 19 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ތުހުމަތު ކުރެވޭ މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކޮށް ޝަރީއަތް ނިމެންދެން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. ފާރިސް ބަންދުކޮށްފައި ވަނީ މާފުށީ ޖަލުގައެވެ.
ފާރިސް ހައްޔަރުކުރީ ރައްޔިތުންގެ މަޖިލިސް މެންބަރަކަށް ރިޝްވަތު ދެއްވި ކަމަށް ބުނެ އެވެ.ޝަރީއަތް ނިމެންދެން ބަންދުކުރި އިރު، ތަހުގީގު ވެސް ނިމިފައިނުވެ އެވެ. ނަމަވެސް، އޯގަސްޓް 22 ވަނަ ދުވަހު އެ މައްސަލައިގައި ދައުވާކޮށް އިބްތިދާއީ އަޑުއެހުން ވަނީ ފަށާފަ އެވެ.