މިދިޔަ ބުރާސްފަތި ދުވަހު ސަރުކާރުން ހުށަހެޅި ސަޕްލިމެންޓްރީ ބަޖެޓް ފާސްކުރި ދުވަހުވެސް އަނބުރާ ސަރުކާރު ކޮޅަށް ދިއުމަށް ތަފާތު އޮފަރތައް ސަރުކާރުން ހުށަހެޅިކަމަށް ތިމަރަފުށީ ދާއިރާގެ މެންބަރ މުހައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީން އަންގާރަ ދުވަހުގެރޭ ގެނެސްދިން ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޕީޕީއެމުން ވަކިކޮށްފައިވާ މުސްތަފާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް މެންބަރުން އިންތިޚާބު ކުރަނީ ރައްޔިތުން ކަމަށާއި ޤާނޫން އަސާސީގައި މެންބަރުން ވަކިކުރެވޭނޭގޮތް އެބައޮތް ކަމަށެވެ. އަދި ސިޔާސީ ޕާޓީތަކުގެ ޤާނޫނާއި ޕީޕީއެމްގެ އަސާސީ ޤަވާއިދުގެ އިތުރުން ސުޕްރީމް ކޯޓުން ކުރި ހުކުމާއި އެކޯޓުގެ އަމުރަށް ބަލާއިރުވެސް މިހާތަނަށް ޕީޕީއެމުން ވަކިކުރި އެއްވެސް މެންބަރެއްގެ ގޮނޑި ގެއްލޭނެ ކަމަށް ޤަބޫލް ނުކުރައްވާ ކަމަށެވެ.
މުސްތަފާ ވިދާޅުވީ ރައްޔިތުގެ މަޖިލީހުގެ މެންބަރުންގެ ގޮނޑިއާމެދު ހުރިހާ ދާއިރާއެއްގެ ރައްޔިތުންވެސް ތިބެނީ ވަރަށް ބޮޑު ބިރުވެރިކަމެއްގެ ތެރޭގައި ކަމަށާއި އެދާއިރާއެއްގެ ރައްޔިތުން އިންތިޚާބުކުރި މެންބަރު އެދާއިރާ ތަމްސީލް ކުރަން ނުހުރެވިދާނެ ކަމުގެ ކަންބޮޑުވުން ކޮންމެ ދާއިރާއަކަށްވެސް އެބައޮތް ކަމަށެވެ.
މުސްތަފާ ވިދާޅުވީ ޕާޓީއަކުން މެންބަރަކު ދެފަހަރަށް ވަކި ނުކުރެވޭނެ ކަމަށާއި ޕީޕީއެމުން މާކުރިންވެސް ވަކިވެފައިވާނޭ ކަމަށެވެ. އަދި މިހާރު އެޕާޓީން ދެވަނަ ފަހަރަށް ވަކިކުރަމުންދާ ކޮންމެ މެންބަރަކީވެސް އެޕާޓީން ކުރިން ވަކިވެފައިވާ މެންބަރުން ކަމަށެވެ.
"ޕާޓީއަކުން މީހަކު ވަކިކުރެވޭނީ ކިތަށް ފަހަރުތޯ. ސުޕްރީމް ކޯޓުގެ ހުކުމުގެ ކުރިން 10 ޖުލައިގާ އެޕާޓީން ވަކިވެއްޖައިން. އަޅުގަނޑުވާނީ ޕީޕީއެމުން ވަކިވިކަން އިލެކްޝަންސް ކޮމިޝަނަށާއި ޕީޕީއެމަށް އަދި މަޖިލީހަށްވެސް އަންގާފައި. ދެން ބާރު ހުރީމާ ބޮޑު ސިންގާ ކޯރާޑީއެއް ހިފައިގެން ކޮންމެފަދަ ކަމެއްވެސް ކުރެވިދާނެ. އެކަމަކު އެއީކީ ޤާނޫނީ ހަމަކަމަކަށް ޤަބޫލެއް ނުކުރަން" މުސްތަފާ ވިދާޅުވިއެވެ.
މުސްތަފާ ވިދާޅުވީ ޕީޕީއެމްގައި ހުންނާކަށް ބޭނުން ނުވާ ކަމަށާއި ޕީޕީއެމްގައި މިވަގުތު ތިއްބެވި މެންބަރުންވެސް އެޕާޓީގައި ތިބެން ބޭނުން ނުވާ ކަމަށެވެ. އެގޮތުން އެޕާޓީގައި މިހާރު ތިބި މެންބަރުންގެ 90 ޕަސެންޓް މެންބަރުން ތިބީ އެޕާޓީން ވަކިވާން ބޭނުންވެފައި ކަމަށާއި ކޮންމެވެސް ކަމެއްގެ ބިރުގައި އަދި އެކަން ކުރެވިފައި ނުވަނީ ކަމަށް މުސްތަފާ ވިދާޅުވިއެވެ.
"ޕީޕީއެމްގައި ތިބި 90 ޕަސެންޓް މެންބަރުން ބޭނުމެއް ނުވޭ އެޕާޓީގައި ތިބޭކަށެއް. ދެން ކޮންމެވެސް ކަމަކާހުރެ ގަންނާ ކުރައްވާ ބިރަކުން ތިބެނީ. އެމެންބަރުން ޤަބޫލެއް ނުކުރޭ އެއީ ޕާޓީއެއް ހިނގާ ގޮތަށް ހިންގާ ޕާޓީއެއް ކަމަކަށް" މުސްތަފާ ވިދާޅުވިއެވެ.
ގޮނޑިގެއްލުމުގެ ހާލަތު މެދުވެރިވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހެޅުމުން ކަމަށާއި އެކަމަށްކުރި ސޮއި އަނބުރާ ގެންނަވާ ސަރުކާރު ކޮޅަށް ދީލާލިނަމަ މިކަމުން ސަލާމަތް ވީސްތޯއޭ ރާއްޖެ ޓީވީން ދެންނެވުމުން މުސްތަފާ ވިދާޅުވީ އެކަން އެގޮތަށް ވީސް ކަމަށެވެ. އަދި އެކަމަށް އިޝާރާތް ކުރައްވާ މުސްތަފާ ވިދާޅުވީ މިދިޔަ ބުރާސްފަތި ދުވަހު ފާސްކުރި ސަޕްލިމެންޓްރީ ބަޖެޓް ފާސްކުރި ވޯޓަށްވެސް އެފަދަ ހުށަހެޅުންތަކެއް ލިބުނު ކަމަށެވެ.
"އަޅުގަނޑުމެން ގުޅިފައިވާ ޕާޓީތަކުގެ ބައްދަލުވުމުގައި ތިއްބާ ޕީޕީއެމްގެ ހުރިހާ މެންބަރުން ކަހަލަ ގޮތަކަށް ގުޅުއްވި. އަޅުގަނޑު ދެންނެވިން އަޅުގަނޑުދެން ދާކަށް ނެތީމޭ. އަޅުގަނޑު މިހުރީ އެވޯޓަށް މަޖިލީހަށްވެސް ނުދާން ނިންމައިގެންނޭ." މުސްތަފާ ވިދާޅުވިއެވެ.
މުސްތަފާ ވިދާޅުވީ އެމްޑީޕީ ޓިކެޓްގައި ހޮވުނު ނަމަވެސް ޕީޕީއެމަށް ބަދަލުވީ ހުވާކުރުމުގެ ކުރިންވެސް ގޮނޑި ގެއްލުވާލާނެ ކަމުގެ އިންޒާރު ދިނުމުގެ އިތުރުން ދާއިރާގައި ކުރަންހުރި ކަންތައްތަކެއް ކުރުމަށް ވެވުނު އެއްބަސްވުމެއްގެ ދަށުން ކަމަށެވެ. ނަމަވެސް އެކަމާ ޚިލާފްވީވެސް ސަރުކާރުން ކަމަށް މުސްތަފާ ވިދާޅުވިއެވެ.