މައްސަލަ ބޮޑުވި ކެންޔާގެ ރިޔާސީ އިންތިޚާބު، އެޤައުމުގެ މިހާރުގެ ރައީސް އުހުރު ކެންޔާޓާ ބޮޑު އަޣުލަބިއްޔަތަކުން ކާމިޔާބު ކުރެއްވިކަން އެޤައުމުގެ އިންތިޚާބީ އޮފިޝަލުން އިޢުލާން ކޮށްފި އެވެ.
ހަމަނުޖެހުންތަކާއި، އިންތިޚާބުގެ މިނިވަން އަދި އިންސާފުވެރިކަމާއިމެދު ސުވާލު އުފައްދައި، އިދިކޮޅު ކެނޑިޑޭޓް ބޯއިކޮޓް ކުރެއްވި ރިޔާސީ އިންތިޚާބު ކެންޔާޓާ 98.2 އިންސައްތަ ވޯޓު ކާމިޔާބު ކުރައްވާފައިވާ ކަމަށް އެގައުމުގެ އިންޑިޕެންޑެންޓް އިލެކްޓޯރަލް އެންޑް ބައުންޑަރީސް ކޮމިޝަން (އައިއީބީސީ) އިން ބުނެއެވެ.
އައިއީބީސީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، އޮކްޓޫބަރު މަހުގެ 26 ވަނަ ދުވަހު ބޭއްވި އިންތިޚާބު އިދިކޮޅު އިއްތިޙާދު، ނޭޝަނަލް ސުޕަރ އެލަޔަންސް (އެންއޭއެސްއޭ) ގެ ލީޑަރު ރައިލާ އޮޑިންގާ އަށް ލިބިވަޑައިގެންނެވީ 0.9 އިންސައްތަ ވޯޓެވެ. މިއިންތިޚާބުގައި ދެން ވާދަކުރި އަނެއް ހަ ކެންޑިޑޭޓުންނަށް ލިބިފައިވަނީ 0.9 އިންސައްތަ ވޯޓެވެ.
މިއިންތިޚާބުގައި 290 ދާއިރާ ތެރެއިން 265 ދާއިރާއެއްގެ ވޯޓު ބާއްވާފައިވާއިރު، އިދިކޮޅު އިއްތިޙާދުން އިންތިޚާބު ބޯއިކޮޓް ކުރުމާއި ގުޅިގެން 25 ދާއިރާއެއްގައި ވޯޓުލުން ބާއްވާފައެއްނުވެ އެވެ.
އިދިކޮޅު އިއްތިޙާދުގެ ތާއީދު ބޮޑު ސަރަޙައްދުތަކުގައި ވޯޓުލުން ފަސްކުރުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ، ހަމަނުޖެހުން ބޮޑު މުޒާހަރާއެއްގައި އަށް މީހަކު މަރުވެ، 30 މީހުން ޒަޚަމްވުމާއި ގުޅިގެން ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ގޮންޖެހުންތަކެއް ހުރި ކަމަށް ބުނެއެއެވެ.
އަދި އެދާއިރާތަކުގެ އިންތިޚާބު އިދިކޮޅު އިއްތިހާދުން ބޯއިކޮޓް ކުރިނަމަވެސް، އިންތިޚާބުގެ ނަތީޖާއަށް އަސަރު ނުކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހޯމަ ދުވަހު ބުނެފައިވެއެވެ.
ރައީސް ކެންޔާޓާ މިއިންތިޚާބު ކާމިޔާބު ކުރެއްވިކަން އިޢުލާން ކުރައްވާފައިވާއިރު، އިދިކޮޅު އިއްތިހާދުން ބޯއިކޮޓް ކުރި މިއިންތިޚާބަށް ވޯޓު ލާން ނިކުމެފައިވަނީ ނިސްބަތުން މަދު އަދަދެއްގެ މީހުންނެވެ. އިންތިޚާބުގައި ވޯޓު ލުމަށް 19.6 މިލިއަން މީހުން ރެޖިސްޓަރ ކޮށްފައިވާއިރު، ވޯޓު ލާން ނިކުމެފައިވަނީ 7.6 މިލިއަން މީހުންނެވެ. މިއީ ވޯޓު ލުމަށް ރެޖިސްޓަރ ކުރި މީހުންގެ 38.84 އިންސައްތަ އެވެ.
ކެންޔާގެ ރިޔާސީ އިންތިޚާބު އެންމެ ފުރަތަމަ ބާއްވާފައިވަނީ މިދިޔަ އޯގަސްޓް މަހުގެ އަށްވަނަ ދުވަހު އެވެ. އެހެންނަމަވެސް، އިންތިޚާބުގެ އިންތިޒާމްތަކުގެ ދޯދިޔާކަމާއި، އިންތިޚާބުގެ މިނިވަން އަދި އިންސާފުވެރިކަމާއިމެދު އިދިކޮޅު ފަރާތްތަކުން ސުވާލު އުފެއްދުމާއެކު އެގައުމުގެ ސުޕްރީމް ކޯޓުން ވަނީ އެއިންތިޚާބު ބާތިލްކޮށް، އިންތިޚާބުގެ އިންތިޒާމްތައް ފުރިހަމަ ކުރުމަށްފަހު އަލުން ރިޔާސީ އިންތިޚާބު ބޭއްވުމަށް އަމުރުކޮށްފައެވެ.
ސުޕްރީމް ކޯޓުން ބާތިލް ކުރި އިންތިޚާބު ވެރިކަން ކުރާ ޖުބިލީ އެލަޔަންސްގެ ލީޑަރު އަދި މިހާރުގެ ރައީސް ކެންޔާޓާ ކާމިޔާބު ކުރެއްވިކަން ކުރިންވެސް އިޢުލާން ކުރިއެވެ. އެއިންތިޚާބުގައި އޭނާ އާއި އެންމެ ވާދަކުރި އިދިކޮޅު އިއްތިޙާދުގެ ކެނޑިޑޭޓް އޮޑިންގާ ވަނީ، އިލެކްޝަންސް ކޮމިޝަނަށް ގެންނަންޖެހޭ އިސްލާހުތައް ގެނެވިފައިނުވާ ކަމަށް ބުނެ، ރިޔާސީ ރޭހުން ވަކިވެފައެވެ.