2018 ގައި ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިޚާބަކީ މިނިވަން އަދި އިންސާފުވެރި އިންތިޚާބަކަށް ހެދުމަށްޓަކައި ފަހި ކުރަން ޖެހޭ މާހައުލު ފަހި ކުރުމަކީ މުހިންމު ކަމެއް ކަމަށް ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އަށް ދަންނަވާފައިވާ ކަމަށް ރާއްޖެ ވަޑައިގެން އުޅުއްވާ އިޔޫ ޕާލަމެންޓުގެ ވަފްދުން ހާމަކޮށްފިއެވެ.
އިޔޫ ވަފްދުގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނީ ރައީސް އަބްދުﷲ ޔާމިން އާ އެކު އެ ވަފްދުން ބޭއްވެވި ބައްދަލުވުމުގައި، މަަދަނީ ޖަމިއްޔާތަކާއި އަދި މީޑިއާ އަށް ރާއްޖޭގައި މިނިވަންކަމާއެކު ހަރަކާތްތެރިވެ އުޅެވޭނެ މަގު ހަނިވަމުންދާ ކަން ހާމަކޮށްފައިވާ ކަމަށެވެ.
މި އޮކްޓޯބަރު 29-31 އަށް ރާއްޖެއަށް ވަޑައިގެން އުޅުއްވާ އީޔޫ ޕާލަމެންޓުގެ ވަފްދުން ނެރުނު ބަޔާނުގައި ބުނީ މިހާރު ކުރަމުންދާ ދަތުރުގެ ސަބަބުން ރާއްޖޭގެ ސިޔާސީ މަސްރަހުގެ އެންމެ ފަހުގެ މައުލޫމާތު ލިބިގަނެ، ވަޒަންކޮށް އީޔޫ އާއި ރާއްޖޭގެ ގުޅުމާ ބެހޭގޮތުން ހިޔާލު ބަދަލު ކުރުމުގެ ފުރުސަތު ވެސް ތަނަވަސްވެގެން ދިޔަ ކަމަށެވެ.
އިޔޫ ޕާލަމެންޓުގެ ވަފްދު އާދީއްތަ ދުވަހު ރާއްޖެ ވަޑައިގެން އިދިކޮޅު ޕާޓީތަކާއި ސަރުކާރަށް ތާއިދު ކުރާ ޕާޓީ ތަކުގެ އިތުރުން، ރައީސް އަބްދުﷲ ޔާމިން އާ ވެސް ވަނީ ބައްދަލު ކުރައްވާފައެވެ. މީގެ އިތުރުން ފޮރިން މިނިސްޓަރު މުހަންމަދު އާސިމާއި، ޕްރޮސިކިއުޓާ ޖެނެރަލް އައިޝަތު ބިޝާމާއި، މަދަނީ ޖަމިއްޔާތަކާއި އަދި މީޑިއާ ތަކާ ވެސް ވަނީ ބައްދަލު ކުރައްވާފައެވެ.