އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ވިލިއަމް މެކޯގެ ލަނޑުން ކުޑަހުވަދޫގެ މައްޗަށް ކްލަބް ގްރީން ސްޓްރީޓުން ކުރިހޯދައިފިއެވެ.
އާދީއްތަ ދުވަހު ހަވީރު ކުޅުނު މެޗު ގްރީންއާ ވާދަކޮށް ކުޑަހުވަދޫ މެޗު ކާމިޔާބު ކުރީ 0-1 ގެ ނަތީޖާއަކުންނެވެ.
ގަލޮޅު ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ދެޓީމުގެ ފަރާތުން ވެސް ފެނިގެންދިޔައީ ހަމަހަމަ ކުޅުމެކެވެ. އެގޮތުން ދެޓީމަށް ވެސް ވަނީ ފުރަތަމަ ހާފްގައި ލަނޑު ޖެހުމަށް ހުސް ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.
މެޗުގައި ގްރީން އަށް ހުރަސްތަކާ ދިމާވީ 35 ވަނަ މިނެޓުގައި އެޓީމުގެ އަހުމަދު ހަސަން އަށް ސީދާ ރަތް ކާޑެއްދައްކާ ދަނޑުން ފޮނުވާލުމުންނެވެ. ރެފްރީ އޭނާ އަށް ރަތްކާޑެއް ދެއްކީ ކުޑަހުވަދޫގެ އިރުފާން އާދަމް ނަސީރު އަށް ބޯޅަ ނެތި ފައުލްކުރުމުންނެވެ.
އެގޮތުން ފުރަތަމަ ހާފްގެ ފަހުވަގުތުކޮޅު ކުޑަހުވަދޫ އިން ވަނީ މެޗު ކޮންޓްރޯލްކޮށް 10 ކުޅުންތެރިންނާއެކު ކުޅެމުންދިޔަ ގްރީންގެ ހާފަށް ބާރުބޮޑުކޮށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ.
އެހެންނަމަވެސް ފުރަތަމަ ހާފް ނިމުނީ ދެޓީމުންކުރެ ޓީމަކަށްވެސް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.
ދެވަނަ ހާފްގައި ކުޑަހުވަދޫ އިން އެޓީމުން ކުރަމުންދިޔަ އެޓޭކްތައް ވަރުގަދަކޮށްފައިވާއިރު، ލަނޑު ޖެހުމަށްވެސް ހުސް ފުރުސަތުތަކެއް އެޓީމުންދިޔައީ ތަނަވަސް ކުރަމުންނެވެ.
އެހެން ނަމަވެސް ކުޑަހުވަދޫ އިން ރަނގަޅަށް ކުޅެމުންދަނިކޮށް ގްރީން އިން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު 72 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ހިލޭޖެހުމަކުން ކާމިޔާބު ކޮށްދިނީ ވިލިއަމްއެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީވެސް އޭނާއެވެ.
މި ލަނޑަށް ފަހު ގްރީން އިން ފަހަތަށް ޖެހިގެން ކުޅެމުންދިޔައިރު، ކުޑަހުވަދޫ އިން ވަނީ ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް ހޯދާފައެވެ. އެގޮތުން އެޓީމަށް ވަނީ ދެވަނަ ހާފްގެ 15 މިނެޓު ތެރޭގައި ޕެނަލްޓީއެއްވެސް ލިބި ބޭކާރުވެފައެވެ. ކުޑަހުވަދޫގެ އިރުފާން ފޮނުވާލި ޕެނަލްޓީ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.
މި ނަތީޖާއާއެކު ގްރީން ވަނީ ކުޅުނު 11 މެޗުން 16 ޕޮއިންޓް ހަމަކޮށް ޕޮއިންޓް ތާވަލުގެ ހަތަރުވަނައިގައި ހަމަޖެހިލާފައެވެ. މެޗުން ބަލިވި ކުޑަހުވަދޫ އޮތީ 11 މެޗުން ލިބުނު ދެ ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ފުލުގައެވެ.