ރާއްޖޭގެ ސިޔާސީ މަސްރަހުގެ އެކި ފަރާތްތަކުގެ ހިޔާލު އަޑުއެހެމުގެ ފުރުސަތު ލިބިފައިވާ ކަމަށް ރާއްޖެ މީހާރު ވަޑައިގެން އުޅުއްވާ އީޔޫ ޕާލަމެންޓުގެ ވަފްދުގެ މެމްބަރެއް ކަމަށްވާ ރިޗާޑް ކޯބެޓް ވިދާޅުވެއްޖެއެވެ.
އިޔޫ ޕާލަމެންޓުގެ ވަފްދު، ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހާ ބައްދަލު ކުރެއްވުމަށް ފަހު ނިކުމެވަޑައިގެން، އީޔޫ ޕާލަމެންޓުގައި އިނގިރޭސި ވިލާތް ތަމްސީލް ކުރައްވާ ރިޗަޑް ކޯބެޓް ވިދާޅުވީ އެ ވަފްދުން "ވަރަށް ޝައުގުވެރިކުރަނިވި ބައްދަލުވުންތަކެއް" އިދިކޮޅު ޕާޓީ ތަކާއި އަދި ސަރުކާރު ހިންގާ ޕާޓީ ތަކާ ބާއްވަވާފައިވާ ކަމަށެވެ.
ރިޗަޑް ކޯބެޓް ވިދާޅުވީ އެ ވަފްދުން ރާއްޖޭގެ އެކި ފަރާތްތަކާ ކުރައްވާ ބައްދަލުވުންތަކުގައި ބޮޑަށް ބާރުއަޅުއް ވަނީ ސިޔާސީ މަސްރަހުގަޔާއި އަދި އިޖްތިމާއީ ކަންކަމުގައި އެކި ހިޔާލުތަކުގެ ފަރާތްތަކަށް ބައިވެރިވެވޭނެ ގޮތް ތަނަވަސް ކޮށްދެއްވުމަށް ގޮވާލުމުގައި ކަމަށެވެ. އަދި 2018 ގައި އޮންނަ ރިޔާސީ އިންތިޚާބު އައުމުގެ ކުރިން މިނިވަން އަދި ވާދަވެރި އިންތިޚާބެއް ބޭއްވުމުގެ މާހައުލު ތަނަވަސްވެފައި އޮތުމުގެ މުހިންމު ކަަމަށް ވެސް ބާރު އަޅުއްވާ ކަމަށެވެ.
އިޔޫ ޕާލަމެންޓުގެ ވަފްދު އާދީއްތަ ދުވަހު ރާއްޖެ ވަޑައިގެން އިދިކޮޅު ޕާޓީތަކާއި ސަރުކާރަށް ތާއިދު ކުރާ ޕާޓީ ތަކުގެ އިތުރުން، ރައީސް އަބްދުﷲ ޔާމިން އާ ވެސް ވަނީ ބައްދަލު ކުރައްވާފައެވެ. މީގެ އިތުރުން ފޮރިން މިނިސްޓަރު މުހަންމަދު އާސިމާއި، ޕްރޮސިކިއުޓާ ޖެނެރަލް އައިޝަތު ބިޝާމާއި، މަދަނީ ޖަމިއްޔާތަކާއި އަދި މީޑިއާ ތަކާ ވެސް ވަނީ ބައްދަލު ކުރައްވާފައެވެ.