ޕީޕީއެމްއިން ވަކިކުރަން ނިންމިކަމަށް ބުނާ ރައްޔިތުންގެ މަޖިލީހުގެ ތިން މެންބަރުންނަކީ ޕީޕީއެމް ގެ މެންބަރުން ނޫން ކަމަށާއި، ޕީޕީއެމުން ވަކިވެފައިވާ މެމްބަރުންތަކެއް އަލުން ޕާޓީން ވަކިކުރުމަކީ ކުރެވޭނެކަމެއް ނޫން ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބުނެފި އެވެ.
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އެފަދައިން ބުނީ، ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު މުޙައްމަދު މުޞްތަފާއާއި، ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސަޢުދުﷲ ޙިލްމީ އާއި ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު ޢަލީ ޝާހް ޕީޕީއެމް އިން ވަކިކުރަން ނިންމައިފި ކަމަށް މީޑިއާގައި ފެތުރެމުންދާ ޚަބަރާއި ގުޅިގެން އާންމުކުރި ނޫސްބަޔާނެއްގައެވެ.
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އާންމުކުރި ނޫސްބަޔާނުގައި ބުނެފައިވަނީ ޕީޕީއެމް އިން ވަކިކުރަން ނިންމި ކަމަށް ބުނާ އެތިން މެންބަރުންނަކީ މިހާރުވެސް ޕީޕީއެމްގެ މެންބަރުން ނޫން ކަމަށާއި، ޕާޓީއިން ވަކިވެފައިވާ މެންބަރުންތަކެއް އަލުން ޕީޕީއެމްގެ ސުލޫކީ ކޮމިޓީއިން ވަކި ކުރެވޭނެ ގޮތެއް ނޯންނާނެ ކަމަށެވެ. އެގޮތުން ސިޔާސީ ޕާޓީތަކުގެ ގާނޫނު ގެ 15 ވަނަ މާއްދާގެ (ނ) ގައި ޕާޓީގެ ކޮންމެ މެމްބަރަކަށް ވެސް ކުރިން ނޯޓިސް ދިނުމަކާއި ނުލައި ޕާޓީން ވަކިވެވިދާނެ ކަމަށް ބަޔާންކޮށްފައި އޮންނަ ކަމަށެވެ. އަދި ޕީޕީއެމްގެ އަސާސީ ޤަވާއިދުގެ 20 ވަނަ މާއްދާގެ (ހ) ގެ 2 ގައި ޕާޓީގެ މެމްބަރަކު ޕާޓީން ވަކިވާން އެދުމުން ވަކިވާނެ ކަމަށް ބަޔާންކޮށްފައި އޮންނަ ކަމަށް ވެސް އެ ނޫސްބަޔާނުގައި ބުނެފައިވެއެވެ. އެގޮތުގެމަތިން މެމްބަރުކަމުން ވަކިވެއްޖެކަމަށް ބުނާ މެމްބަރުން ވެސް 13 ޖުލައިގައި ޕާޓީން ވަކިވެފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
ބަޔާނުގައި ބުނެފައިވަނީ ދިވެހިރާއްޖޭގަ މިހާރު ޢަމަލު ކުރަމުންދާ ސިޔާސީ ޕާޓީ ތަކުގެ ޤާނޫނާއި އެ ޤާނޫނު ގެ ދަށުން ހަދާފައިވާ ޕީޕީއެމްގެ އަސާސީ ޤަވާއިދު ބުނާގޮތުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ކަމުގައިވާ ތިމަރަފުށީ ދާއިރާގެ މެންބަރު މުޙައްމަދު މުޞްތަފާއާއި ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސަޢުދުﷲ ޙިލްމީ އާއި ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު ޢަލީ ޝާހް އަކީ ޕާޓީ އިން ވަކިވުމަށް އެދިވަޑައިގެންނެވި ހިސާބުން ޕީޕީއެމްގެ މެންބަރުން ކަމުގައި ނުވާނެ ކަމަށެވެ.