ޕީޕީއެމުން އިތުރަށް ވަކިކުރާކަށް ނުޖެހޭނެ ކަމަށާއި ސުޕްރީމް ކޯޓުން ހުކުމް ކުރުމުގެ މާކުރިން އޮންނާނީ އެޕާޓީން ވަކިވެފައި ކަމަށް ޕީޕީއެމުން ދެވަނަ ފަހަރަށް ވަކިކުރިކަމަށް ބުނާ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ ވިދާޅުވެއްޖެއެވެ.
ރާއްޖެ އެމްވީއަށް ސައުދުﷲ ވިދާޅުވީ ޕީޕީއެމުން ވަކިކުރާކަށް ނުޖެހޭނެ ކަމަށާއި ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފިނަމަ ގޮނޑި ގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމް ކުރުމުގެ ކުރިން އެޕާޓީން ވަކިވެ އެކަން އިލެކްޝަންސް ކޮމިޝަނަށް އަންގާފައިވާނޭ ކަމަށެވެ. އެގޮތުން މިއަހަރުގެ ޖުލައި މަހުގެ 10 ވަނަ ދުވަހު ވާނީ ޕީޕީއެމުން ވަކިވެފައި ކަމަށާއި އަދި ޕީޕީއެމްގެ ދަފްތަރުން ވަކިކޮށްދިނުމަށް އެދި އިލެކްޝަންސް ކޮމިޝަންގެ ޤަވާއިދުގައި ބުނާ ގޮތަށް ޖުލައި 11 ވަނަ ދުވަހު އިލެކްޝަނަށްވެސް ހުށަހަޅާފައިވާނޭ ކަމަށެވެ.
ސައުދުﷲ ވިދާޅުވީ އިލެކްޝަންސް ކޮމިޝަންގެ ޤަވާއިދު ބުނާ ގޮތުން އެކޮމިޝަނަށް ހުށަހަޅާތާ 15 ދުވަހުގެ ތެރޭގައި ދަފްތަރުން އުނިކޮށްދޭން ޖެހޭނެ ކަމަށާއި އިލެކްޝަންސް ކޮމިޝަނުން އެކަން ނުކޮށްދީ އޮތުމަކީ އެކޮމިޝަންގެ ޒިންމާ އަދާ ނުކުރުން ކަމަށެވެ. އެހެންކަމުން އެކޮމިޝަނުން ކުރަން ޖެހޭ ކަމެއް ނުކޮށް އޮތުމަކީ ޕާޓީން ވަކި ނުވެ އޮންނަން ޖެހޭނެ ސަބަބެއް ނޫން ކަމަށެވެ. އަދި އެކަމުގެ ސަބަބުން ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލޭނެ ކަމަށް ޤަބޫލް ނުކުރާ ކަމަށްވެސް ސައުދުﷲ ވިދާޅުވިއެވެ.
ގޮނޑި ގެއްލުނު ކަމަށް ނިންމާ އިންތިޚާބެއް ބާއްވާނަމަ ސައުދުﷲ ވިދާޅުވީ ދާއިރާގެ ރައްޔިތުން އެދޭނަމަ ކުރިމަތިލައްވާނެ ކަމަށެވެ. އަދި މިހާރުވެސް ކުރިއަށްވުރެ ގިނަ ރައްޔިތުން އެދެމުންދާ ކަމަށާއި ކުރިމަތިލައްވައިގެން ކުރިން ލިބުނު ވޯޓަށްވުރެ ގިނަ ވޯޓު ހޯއްދަވައިގެން ބޮޑު އަޣްލަބިއްޔަތުން އިންތިޚާބު ކާމިޔާބު ކުރައްވައި ގޮނޑި ހޯއްދަވާނެ ކަމަށެވެ. ސަބަބެއް ކަމުގައި ސައުދުﷲ ވިދާޅުވީ މިހާރު ދާއިރާއަށް އައިސްފައިވާ ބޮޑެތި ބަދަލާއި ރައްޔިތުންގެ ވިސްނުން މިވަގުތު ހުރި ގޮތުން އަދި ކުރިން ތާއީދު ނުކުރާ އެތައްބަޔަކުގެ ތާއީދު އިތުރުވެފައިވުން ކަމަށެވެ.
ސައުދުﷲ ވިދާޅުވީ ސަރުކާރު ފަޅިއަށް ގޮސްގެން އިތުރަށް ގޮނޑި ދިފާއު ކުރުމުގެ ވިސްނުމެއް ނެތްކަމަށާއި އެކަން އެގޮތައް ނުކުރައްވާނެ ކަމަށެވެ.
މީގެ އިތުރުން ސައުދުﷲ ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން ޤަވާއިދާ އެއްގޮތަށް އެމީހުން ކުރަން ޖެހޭ ކަމެއް ކޮށްފައި ނުވާތީ އެކޮމިޝަނާ ދެކޮޅަށް ކޯޓަށް ދިއުމަށް ވިސްނަވާ ކަމަށާއި ގޮތެއް ނިންމަވާނީ ވަކީލުންނާ މަޝްވަރާ ކުރެއްވުމަށް ފަހުގައެވެ.
ސައުދުގެ އިތުރުން ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާއާއި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު ޕީޕީއެމުން ވަކިކުރަން އެ ޕާޓީގެ ސުލޫކީ ކޮމެޓީއިން ވަނީ ނިންމާފައެވެ.