ހދ. ކުޅުދުއްފުށީ ގައި އެއާޕޯޓް އަޅަން އެ ރަށު ކުޅި ހިއްކުން ހުއްޓުވައިދިނުމުގެ އަމުރަކަށް އެދި މައްސަލަ ހުށަހެޅި މީހާގެ ހައިސިއްޔަތު އެނގެން ނެތް ކަމަށް ބުނެ މައްސަލަ ބޭރުކޮށްލައިފި އެވެ.
ކުޅުދުއްފުށީ ކުޅި ހިއްކުން ހުއްޓުވުމަށް ކޯޓް އަމުރަކަށް އެދި އެރަށު މެޖިސްޓްރޭޓް ކޯޓަށް އާދިއްތަ ދުވަހު ހުށަހެޅީ އެ ރަށު ޗަންޕާގޭ، މުހައްމަދު އާދަމް އެވެ. އޭނާ މި މައްސަލަ ހުށަހެޅީ ސިވިލް އޭވިއޭޝަން އޮތޯރިޓީއާ ދެކޮޅަށެވެ.
ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން މުހައްމަދު އާދަމަށް ހޯމަ ދުވަހު ފޮނުވި ޖަވާބުގައި ވަނީ އެ މައްސަލައިގައި މުހައްމަދު އާދަމް ދައުވާ ކުރާ ހައިސިއްޔަތު އަކީ ކޮބައިކަން އެނގެން ނެތް ކަމަށެވެ. އަދި ދައުވާ ކުރާ ހައިސިއްޔަތަކީ "އަމިއްލަ" ކަމަށް ބަޔާންކޮށްލުމަކީ ދައުވާކުރުމުގެ ޝަރުތު ފުރިހަމަވީ ކަމަށް ބަލައިގަނެވޭނެ ސަބަބެއް ނޫން ކަމަށާއި ދައުވާ ކުރާ މީހާގެ ގާނޫނީ ހައްގު ނުވަތަ މަސްލަހަތު ދައުވާ ކުރާ މައުޟޫއާ ގުޅިފައިވާ ގޮތް ބަޔާންކޮށް ދެވެންޖެހޭނެ ކަމަށް ބުނެފައިވެއެވެ.
ހދ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް މުހައްމަދު ނިޔާޒް ސޮއިކުރައްވާ ފޮނުވި ޖަވާބުގައި ބުނެފައިވަނީ ދައުވާގެ ޚުލާސާއަށް ބަލާއިރު، ދައުވާގެ މައުޟޫއާ ގުޅިގެން ދައުވާކުރާ ފަރާތަށް ގެއްލޭ ގާނޫނީ ހައްލަކީ ނުވަތަ މަސްލަހަތަކީ ކޮބާކަން އެނގެން ނެތް ކަމަށެވެ.
މެޖިސްޓްރޭޓް ކޯޓުގެ ސިޓީގައި ބުނެފައިވަނީ އީއައިއޭ ރިޕޯޓް ހުށަހަޅާފައި އޮތްއިރު، އެ ލިޔުމުގެ ފެށުމެއް ނުވަތަ ނިމުމެއް އެލިޔުމުން އެނގެން ނެތްކަމަށާއި އެ ލިޔުމަކީ ކޮންފަރާތަކުން ތައްޔާރުކޮށްފައިވާ ލިޔުމެއް ކަމެއް، އަސްލެއް ކަމެއް ކޮޕީއެއް ކަމެއް އެނގެން ނެތް ކަމަށެވެ. އަދި އެ ލިޔުން ދައުވާ ފޯމާއެކު ހުށަހެޅީ ކީއްކުރަންކަން ވެސް އެނގެން ނެތް ކަމަށާއި އެ ލިޔުމަކީ ކިތާބީ ހެއްކެއްގެ ގޮތުގައި ހުށަހެޅި މައްސަލައާއެކު ކޯޓަކަށް ބަލައި ގަނެވޭނެ ލިޔުމެއް ނޫން ކަމަށް ވެސް ބުނެފައިވެއެވެ.
މީގެ އިތުރުން ބުނެފައިވަނީ، މުހައްމަދު އާދަމް ހުށަހެޅި މައްސަލައަކީ އާންމު އިޖުރާއަތުގެ ތެރެއިން ހުށަހަޅާ މައްސަލައެއްގެ ގޮތުގައި އެކޯޓަށް ބަލައިގަނެވޭނެ މައްސަލައެއް ނޫން ކަމަށެވެ. އަދި ދައުވާ ކުރުމުގެ ހައިސިއްޔަތު ލިބިގަންނަނީ އާންމު މަސްލަހަތާ ގުޅިފައިވާ ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ކަމަށްވާނަމަ، އެ ޒާތުގެ މައްސަލަތައް ބެލުމުގެ އިހުތިސާސް އެކޯޓަށް ލިބިގެންނުވާ ކަމަށް ވެސް ބުނެފައިވެއެވެ.
"ބަޔާންވެދިޔަ ކަންކަން އެހެން ހުރުމާއިއެކު، މުހައްމަދު އާދަމް މިކޯޓަށް ހުށަހަޅާފައިވާ "މަދަނީ އެހެނިހެން މައްސަލަތަކުގައި މައްސަލަ/ދައުވާ ހުށަހަޅާ ފޯމް" ބާތިލްކޮށްފީމެވެ،" ކޯޓުން ފޮނުވި ޖަވާބުގައި ބުނެފައިވެއެވެ.
ކުޅި ހިއްކުންހުއްޓުވުމުގެ އަމުރަކަށް އެދުނީ އެ ކުޅިއަކީ ކުޅުއްދުއްފުށީގެ ހުރިހާ ރައްޔިތުން ބޭނުން ކުރަމުންދާ ތަނަކަށްވެފައި އެތަނުގެ ސަބަބުން ރަށުގެ ރައްޔިތުންނަށް ނަފާ ލިބެމުން ދަނިކޮށް އެފަދަ މަސައްކަތަކަށް ހުއްޓޭނެ ފަދަ ކަމެއް ސަރުކާރުން ކުރަން މަސައްކަތް ކުރާ ކަމަށް ބުނެ އެވެ. އަދި ކުޅުދުއްފުށީ ރައްޔިތުން އެއަރޕޯޓް އަޅަން ދެކޮޅު ނަހަދާ ކަމަށާއި އެރަށުގައި އެއަރޕޯޓް އަޅާން ހިއްކާނެ އެހެން ދިމާތައް އޮއްވައި ކުޅި ހިއްކުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބުނެ އެވެ.
އެއާޕޯޓް އެޅުމަށް 12 ހެކްޓަރުގެ ކުޅީގެ ނުވަ ހެކްޓަރު ހިއްކުމަށް އެމްޓީސީސީއިން ވަނީ ނިންމާފަ އެވެ. އެމްޓީސީސީ އިން ގެނެސްފައިވާ ޑްރެޖަރު، މަހާ ޖައްރާފާ ބޭނުންކޮށްގެން މި ހަފްތާ ތެރޭގައި ކުޅި ހިއްކުމުގެ މަސައްކަތް ފަށާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.
ގުދުރަތީ އެތައް ރީތިކަމެއް ލިބިފައިވާ ކުޅި ހިއްކައިގެން އެއާޕޯޓް އަޅަން ނިންމާފައިވާއިރު، އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ(އީޕީއޭ) އިން އަމިއްލަ މީހަކާ ހަވާލުކޮށްގެން ހަދާފައިވާ އެންވަޔަރެމެންޓް އިމްޕެކްޓް އެސެސްމެންޓް(އީއައިއޭ) ދައްކާ ގޮތުން ކުޅި ހިއްކައިފިނަމަ ފެން ބޮޑުވުން ފަދަ ތިމާވެށީގެ ބޮޑެތި މައްސަލަތައް ކުޅުދުއްފުއްޓަށް ދިމާވާނެ އެވެ.
ކުޅުދުއްފުށީ މަށިކުޅި އަކީ ރާއްޖޭގެ އުތުރުގައި އޮންނަ މިފަދަ އެންމެ ބޮޑު އަދި ދިރުންތައް އެންމެ ގިނަ ކުޅި އެވެ. އެ ތަނުގައި ތަފާތު އަށް ބާވަތެއްގެ ކަނޑޫފަލުގައި ހެދޭ ގަސް ހުންނައިރު، މިއީ ރާއްޖޭން ވަރަށް ނުފެންނަ ބާވަތްތަކެވެ. އޭގެ އިތުރުން އަހަރުގެ އެކި ދުވަސްވަރު އެ ކުޅިއަށް އެކި ވައްތަރުގެ ދޫނި ވެސް ހިޖުރަކުރެ އެވެ. ކުޅުދުއްފުށީ ކުޅިއަކީ ޔޫއެންޑީޕީންނާއި އީޕީއޭއިން ނާޒުކު ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅާފައިވާ ތަނެކެވެ.