ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަނަށް ދައްކާ ފައިސާ ވެމްކޯ ފިޔަވައި އެހެން ތަންތަނުން ބަލައިގަނެވޭނެ އިންތިޒާމް ހަމަޖައްސަން ނިންމައިފިއެވެ.
ކުނި އުކާލާ ޚިދުމަތަށް ފައިސާ ދެއްކުމަށް މާލޭ އިންޑަސްޓްރިއަލް ޒޯންގައި ހުންނަ ވެމްކޯގެ އޮފީހަށް ދާން ޖެހޭތީ ރައްޔިތުންގެ ޝަކުވާ އިންތިހާށް ބޮޑުވެފައިވާ މިދަނޑިވަޅުގައި ތަރޑް ޕާޓީ ޕޭމަންޓްގެ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ ފަރާތްތަކަށް އެކަމަށް ކުރިމަތިލުމަށް ވެމްކޯއިން ވަނީ މިހާރު ހުޅުވާލާފައެވެ. ވެމްކޯއިން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ މިޚިދުމަތް ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކުން އަންގާރަ ދުވަހު މައުލޫމާތު ސާފުކުރުމަށް ފަހު އަންނަ ނޮވެމްބަރު މަހުގެ 6 ވަނަ ދުވަހަށް އަންދާސީ ހިސާބު ހުށެހަޅުމަށެވެ.
ވެމްކޯގެ ބިޒްނަސް ޑިވެލޮޕްމަންޓް މެނޭޖަރ މުހައްމަދު އިޤްބާލް ވިދާޅުވީ އެކުންފުނީގެ އަމާޒަކީ ޚިދުމަތް ހޯދާ ފަރާތްތަކަށް ފަސޭހައިން ޚިދުމަތް ލިބިދެވޭނެ ގޮތް ހެދުން ކަމަށެވެ. އަދި ގިނަ ބިލްތަކެއް ބަލައިގަންނަ ޚިދުމަތްދޭ ތަންތަން ހުރި އިރު، އެފަދަ ތަންތަނުން ވެމްކޯގެ ބިލްތަކަށް ވެސް ފައިސާ ބަލައިގަނެވޭނެ އިންތިޒާމް ހަމަޖެއްސުމުން ކަސްޓަމަރުންނަށް ފަސޭހަވާނެ ކަމަށެވެ. އަދި މީގެ އިތުރުން އޮންލައިންކޮށް ވެސް ވެމްކޯއަށް ފައިސާދެއްކޭނެ އިންތިޒާމް ހަމަޖެއްސުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް އިޤްބާލް ވިދާޅުވިއެވެ.