އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ފައިރޫޝް ފުލުހުންގެ ވަޒީފާއިން ވަކިކުރުމަށް ނިންމައިފި އެވެ.
ނަން ހާމަނުކުރުމަށް ޝަރުތުކޮށް ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވި ފުލުހުންގެ އިސްވެރިއަކު ވިދާޅުވީ ފައިރޫޝް ވަޒީފާއިން ވަކިކުރުމަށް ޑިސިޕްލިނަރީ ބޯޑުން ނިންމީ މިމަހުގެ 23 ވަނަ ދުވަހު ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ފައިރޫޝް ވަޒީފާއިން ވަކިކުރަން ޑިސިޕްލިނަރީ ބޯޑުން ނިންމީ އޯގަސްޓް 15 ވަނަ ދުވަހު ކުރެއްވި ޓްވީޓަކާ ގުޅިގެން އެ މައްސަލަ ބެލުމަށް ފަހު ކަމަށެވެ.
ފައިރޫޝް ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވަނީ "ހަލާލު ނޫން އާއި ހަރާމް މިއީ އަނެއްކާ އެކައްޗެއްތަ!" މިފަދައިންނެވެ.
"ހަލާލު ނޫން" އާއި "ހަރާމް" މިއީ އަނެއްކާ އެކައްޗެއްތަ!
— A. Fairoosh (@Fairoosh) August 15, 2017
ފައިރޫޝް ވަޒީފާއިން ވަކިކުރުމަށް ނިންމި އިރު، 2014 ވަނަ އަހަރުގެ ޑިސެމްބަރުން ފެށިގެން ފައިރޫޝް ދިރިއުޅުއްވަމުން ގެންދަވަނީ އޮސްޓްރޭލިއާގަ އެވެ. ނޯ ޕޭ ލީވް ނަންގަވައިގެން އޮސްޓްރޭލިއާއަށް ފައިރޫޝް ވަޑައިގެންނެވީ މަތީ ތައުލީމް ހާސިލްކުރެއްވުމަށެވެ.
އެ ޓްވީޓާ ގުޅިގެން މައްސަލަ ބެލުމަށް ރާއްޖެ ވަޑައިގަތުމަށް ފުލުހުންގެ އިދާރާއިން ފައިރޫޝް އަށް އަންގާފައި ވެސް ވެއެވެ.
ފައިރޫޝް ވަޒީފާއިން ވަކިކުރަން ނިންމި ނިންމުމާ ގުޅޭ ގޮތުން ފުލުހުން ކޮމެންޓެއް ނުކުރި އެވެ. ފުލުހުންގެ ތަރުޖަމާނު ވިދާޅުވީ ފުލުހުންގެ އެތެރޭގައި އަޅާ ފިޔަވަޅުތަކާ ގުޅޭ މައުލޫމާތު މީޑިއާއަށް ހާމަނުކުރާ ކަމަށެވެ.
އޯގަސްޓް 15 ވަނަ ދުވަހު "ހަލާލު ނޫން ފައިސާ އާއި ހަރާމް ފައިސާ" އާ ގުޅޭ ޓްވީޓެއް ފައިރޫޝް ކުރެއްވިއިރު، އޯގަސްޓް 14 ވަނަ ދުވަހު "ރުމާލު 2" ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް އަބްދުﷲ ޔާމީން ވަނީ އެމްއެމްޕީއާރްސީގެ ފައިސާ "ފޮށިފޮށީގައި ވަދެފައި ވަނީ ހަމައެކަނި ދޫވެއްސަކަށް ނޫން،" ކަމަށާއި "އެ ފައިސާ ޝައްކެއް ނެތް ގޮތުގައި ހަލާލެއް ނޫން" ކަމަށް ވިދާޅުވެފަ އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ފެބްރުއަރީ 7، 2012 ގައި ބަދަލުވުމަށް ފަހު އާ ކޮމިޝަނަރަކު އައްޔަންކުރެވެންދެން އެކްޓިން ޕޮލިސް ކޮމިޝަނަރު ކަމުގެ މަގާމު ފައިރޫޝް އަދާކުރެއްވި އެވެ. އޭރު ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި ފައިރޫޝް އެސިސްޓެންޓް ކޮމިޝަނަރގެ މަގާމަށް ޕްރޮމޯޓްކުރީ އޭގެ ފަހުންނެވެ.
އޮސްޓްރޭލިއާއަށް 2014 ވަނަ އަހަރުގެ ޑިސެމްބަރުގައި ފައިރޫޝް ވަޑައިގެންނެވިއިރު، އެ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ހޯމް މިނިސްޓަރުގެ އެގްޒެކެޓިވް އޮފިސަރުގެ މަގާމަށް އޭނާ ހަމަޖެއްސި އެވެ. އެ މަގާމަކީ ފައިރޫޝަށް ހާއްސަކޮށްގެން އަލަށް އުފެއްދި މަގާމަކަށްވާއިރު، ފުލުހުން އެއިރު ބުނި ގޮތުގައި ފައިރޫޝް އެ މަގާމު އަދާކުރައްވަނީ ފުލުހެއްގެ ގޮތުގަ އެވެ.
ހޯމް މިނިސްޓަރުގެ އެގްޒެކެޓިވް އޮފިސަރުގެ މަގާމަށް ހަމަޖެއްސުމުގެ ކުރިން ފައިރޫޝް ހުންނެވީ ފުލުހުންގެ ސަރވިސް ޑިވެލޮޕްމެންޓް ޑައިރަކްޓަރޭޓްގެ ވެރިޔާގެ މަގާމުގަ އެވެ. ފައިރޫޝް ސާވިސް ޑިވެލޮޕްމަންޓް ޑައިރަކްޓަރޭޓްގެ ވެރިޔާ އަށް ހަމަޖެއްސެވުމުގެ ކުރިން ހުންނެވީ ފުލުހުންގެ އިންޓެލިޖެންސް ޑައިރަކްޓަރޭޓްގެ ވެރިޔާގެ މަގާމުގަ އެވެ.
ފައިރޫޝް ވަޒީފާއިން ވަކިކޮށްފައި މިވަނީ، ފުލުހުންގެ އިސްވެރިންތަކެއްގެ މައްސަލަ ބަލައި ބޮޑެތި ފިޔަވަޅުތައް އަޅަމުން ގެންދާ ދަނޑިވަޅެއްގަވެ. އެގޮތުން، އިދިކޮޅު ސިޔާސީ ޕާޓީތަކާ ގުޅުން އޮންނަ ކަމަށް ބުނެ ޗީޕް ސުޕްރިންޓެންޑެންޓް މުހައްމަދު ރިޔާޒު ފުލުހުންގެ ވަޒީފާއިން ވަކިކޮށްފައިވާއިރު، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ހުސައިން އާދަމްގެ މަގާމު ވަނީ ދަށްކޮށްފަ އެވެ.
މީގެ އިތުރުން، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ޖަމްޝީދު އިންޓެގްރޭޓެޑް ސަރވިސަސް ކޮމާންޑްގެ ވެރިޔާގެ މަގާމުން ދުރުކޮށް ޕްރޮޖެކްޓްސް އޮފިސަރެއްގެ ގޮތުގައި އައްޑޫ ސިޓީއަށް ފޮނުވާލަން ވަނީ ނިންމާފަ އެވެ.