ޕީޕީއެމް މެމްބަރު ކަމުން ވަކިކުރުމުން ގޮނޑި ގެއްލިޖެ ނަމަ، ކިތަންމެ އަވަހަށް އިންތިހާބެއް ބޭއްވިޔަސް އެނބުރި އަންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށި ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެ އެވެ.
މުސްތަފާ ކުރެއްވި ޓްވީޓެއްގައި ވަނީ ކިތައްމެ އަވަހަކަށް އިންތިހާބެއް ބޭއްވިޔަސް އެނބުރި އަންނާނަން ކަމަށެވެ. އަދި ބަލި ވާނީ ހަމަ ރައީސް ޔާމީން އަބްދުލްގައްޔޫމް ކަމަށާއި ރައީސް ޔާމީން އަށް 2018 ގައި ބާއްވާ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާ ވެރިކަމަށް ވަޑައިނުގެންނެވޭނެ ކަމަށެވެ.
Kithanme Avahakah election bevviyas anburi annaanan insha Allah, Bali vaanee Hama RY.. Ekamaku RY Akah 2018 ga Veri kamakah naa dheveyne.
— Mohamed Musthafa (@Thimarafushi) October 30, 2017
މުސްތަފާ އެގޮތަށް ޓްވީޓް ކުރެއްވީ މުސްތަފާގެ އިތުރުން ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ އާއި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު ޕީޕީއެމުން ވަކިކުރަން އެ ޕާޓީގެ ސުލޫކީ ކޮމެޓީއިން ނިންމުމާއި ގުޅިގެންނެވެ.
މައުލުމާތު ލިބިފައިވާ ގޮތުގައި މުސްތަފާ އާއި ސައުދުﷲ އަދި އަލީ ޝާހު ޕީޕީއެމުން ވަކިކުރަން ނިންމީ މިދިޔަ ހޮނިހިރު ދުވަހު އެވެ. އެ ތިން މެންބަރުން ޕާޓީން ވަކިކުރަން ނިންމީ ޕާޓީގެ އަސާސީ ގަވާއިދާ ޚިލާފުވެ، ސަރުކާރު ބަދުނާމު ކުރުމަށް މަސައްކަތްކޮށް، ޕާލިމެންޓްރީ ގްރޫޕްގެ ނިންމުންތަކާ ޚިލާފަށް މަސައްކަތް ކުރަމުންދާ ކަމަށް ބުނެ އެވެ.
މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރުގެ މައްސަލައިގައި ހުށަހެޅި ޕެޓިޝަނުގައި ކޮށްފައިވާ ސޮއިނެގުމަށް ދިން މުއްދަތުގައި އެކަން ކޮށްފައިނުވާ ކަމަށް ވެސް ސުލޫކީ ކޮމެޓީއިން ބުނެ އެވެ.
މަސީހުގެ އިތުބާރު ނެތް ކަމަށް 45 މެންބަރުން ސޮއިކޮށް ހުށަހެޅި ޕެޓިޝަނުގައި މި ތިން މެންބަރުން ވެސް ސޮއިކުރައްވާފައިވެއެވެ. އޭގެ ފަހުން ޕީޕީއެމުން ވަކިވި 10 މެންބަރުންގެ ތެރޭގައި ވެސް މި ތިން މެންބަރުން ހިމެނެ އެވެ.
ޕީޕީއެމްގެ ދަފްތަރުން ނަން އުނިކޮށް ދިނުމަށް އެދި މި ތިން މެންބަރުން ސިޓީ ހުށަހެޅީ ޖުލައި 10 ވަނަ ދުވަހު އެވެ. އެހެންނަމަވެސް، ސުލޫކީ ކޮމެޓީއަށް އެ މެންބަރުންގެ މައްސަލައެއް ހުށަހެޅިފައިވާ ކަމަށް ބުނެ ޕާޓީން ވަކިކޮށްދިނުމަށް ޕީޕީއެމުން ވަނީ ދެކޮޅު ހަދާފަ އެވެ.
މުސްތަފާ އާއި އަލީ ޝާހު އަދި ސައުދުﷲ ޕީޕީއެމުން ވަކިކުރަން ނިންމާފައިވާއިރު، ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވާ ޕާޓީން ވަކިކޮށްފިނަމަ މެންބަރުކަމުގެ ގޮނޑި ގެއްލޭނެ ކަމަށް ބުނެ ސުޕްރީމް ކޯޓުން ވަނީ ހުކުމެއް ކޮށްފަ އެވެ.
ސުޕްރީމް ކޯޓުގެ އެހުކުމާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ވަނީ މަޖިލީހުގެ ހަތް މެމްބަރަކު ގޮނޑި ގެއްލިފައިވާ ކަމަށް މީގެ ކުރިން ނިންމާފަ އެވެ. އޭގެ ތެރޭގައި މި ތިން މެމްބަރުން ނުހިމެނެ އެވެ. ނަމަވެސް ބެލެވޭ ގޮތުގައި މުސްތަފާއާއި ސައުދުﷲ ހިލްމީ އަދި ޝާހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަރަށް އަވަހަށް ކަނޑައަޅާނެ އެވެ.
އިލެކްޝަންސް ކޮމިޝަންނުން ދަނީ ބައި-އިލެކްޝަންތައް ބޭއްވުމުގެ ތައްޔާރީތައް ވެސް ވަމުންނެވެ.