އިޓާލިއަން ސެރީއޭގައި މި ސީޒަނުގައި ކުޅުނު އެއްވެސް މެޗަކުން މިހާތަނަށް ބަލިނުވުމުގެ ރެކޯޑު ނަޕޯލީއިން ދަމަހައްޓައިފިއެވެ.
ނަޕޯލީއިން މި ރެކޯޑު ދެމެހެއްޓީ އަމިއްލަ ދަނޑުގައި 3-1 ގެ ނަތީޖާއަކުން ސަސޫލޯ ބަލިކޮށްގެންނެވެ. އާދައިގެ މަތިން މި މެޗުގައި ވެސް ނަޕޯލީއިން ވަނީ ގިނަ ވަގުތު ބޯޅަ ގެންގުޅެ ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް ތަނަވަސް ކޮށްފައެވެ. މި މެޗުގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފުގެ 22 ވަނަ މިނެޓުގައި ނަޕޯލީއަށް ޖަހައިދިނީ އެ ޓީމުގެ މިޑްފީލްޑާ އެލަންއެވެ.
ނަޕޯލީއިން މި ލަނޑަށް ފަހުވެސް ރަނގަޅަށް ކުޅެމުން ދަނިކޮށް ސަސޫލޯއިން ވަނީ ލަނޑެއްޖަހާ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. ފުރަތަމަ ހާފުގެ 41 ވަނަ މިނެޓުގައި ސަސޫލޯއަށް މި ލަނޑު ޖަހައިދިނީ އެ ޓީމުގެ ފޯވާޑް ޑިއޭގޯ ފަލްސެލީނީއެވެ. ސަސޫލޯއިން މި ލަނޑު ޖެހިތާ ތިން މިނެޓުގެ ތެރޭގައި ނަޕޯލީއިން ވަނީ ރައްދުގައި ލަނޑެއް ޖަހާ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު ނަޕޯލީއަށް ޖަހައިދިނީ ހޯސޭ މާރިއާ ކަލެހޯންއެވެ.
ފުރަތަމަ ހާފު 2-1 ގެ ނަތީޖާއަކުން ނަޕޯލީ ކުރީގައި އޮވެގެން ނިމިގެން ދިޔައިރު އެ ޓީމުން ވަނީ ދެ ވަނަ ހާފުގައިވެސް ރަނގަޅު ކުޅުމެއް ދައްކައި މެޗުގެ ކޮންޓްރޯލް ދަމަހައްޓާފައެވެ. އެގޮތުން މެޗުގެ 54 ވަނަ މިނެޓުގައި އެ ޓީމުގެ ލީޑު އިތުރަށް ފުޅާ ކޮށްދިނީ މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ބެލްޖިއަމްގެ ފޯވާޑް ޑްރައިސް މާޓެންސްއެވެ.
އިޓާލިއަން ސެރީއޭގައި ލާޒިއޯ ވަނީ 5-1 ގެ ނަތީޖާއަކުން ބެނެވެންޓޯ ބަލިކޮށް ތާވަލުގެ ތިން ވަނައަށް ޖެހިލާފައެވެ. ލާޒިއޯއިން ފުރަތަމަ ހާފުގައި ތިން ލަނޑު ޖަހާފައިވާއިރު މި ލަނޑުތަށް އެ ޓީމަށް ޖަހާދީފައިވަނީ އެ ޓީމުގެ ޑިފެންޑާ ބާސްޓޯސްއާ މިޑްފީލްޑާ އެޑަމް މަރުސިޗްގެ އިތުރުން މި ސީޒަނުގައި އެންމެ ގިނަ ލަނޑުޖެހި ސިރޯ އިމޯބިލޭއެވެ.
ދެވަނަ ހާފު ފެށިގެން ބެނެވެންޓޯގެ ހަމައެކަނި ލަނޑު އެ ޓީމަށް ޖަހައިދިނީ އަޝްރަފް ލަޒާރްއެވެ. ބެނެވެންޓޯއިން މި ލަނޑު ޖެހި ނަމަވެސް ލާޒިއޯ އިން ވަނީ ދެވަނަ ހާފުގައިވެސް ފުރަތަމަ ހާފެކޭ އެއްގޮތަށް މޮޅު ކުޅުމެއް ދައްކައި ލަނޑު ޖެހެމަށް ގިނަ ފުރުސަތުތަކެއް ތަނަވަސް ކޮށްފައެވެ. އެ ޓީމުގެ ހަތަރު ވަނަ ލަނޑު މާކޯ ޕަރޯލޯ ކާމިޔާބު ކޮށްދިން އިރު ފަސް ވަނަ ލަނޑު ކާމިޔާބު ކޮށްދިނީ މި ސީޒަނުގައި އެ ޓީމާއި އަލަށް ގުޅުނު ޕޯޗުގަލްގެ ވިންގަރ ލުއިސް ނާނީއެވެ.
ނަޕޯލީއިން ވަނީ މި ސީޒަނުގައި ކުޅުނު 11 މެޗުގައި 31 ޕޮއިންޓް ހަމަކޮށްފައެވެ. އެ ޓީމު މިވަގުތު އޮތީ އިޓާލިއަން ސެރީއޭގެ އެއްވަނައިގައި ކަމަށްވާއިރު ދެވަނައިގައި 28 ޕޮއިންޓާއެކު ލަނޑުގެ ތަފާތުން އޮތީ ޖުވެންޓަސްއެވެ. ހަމައެހެންމެ 28 ޕޮއިންޓް ހަމަކޮށް ލަނޑުގެ ތަފާތުން ލާޒިއޯ އޮތްއިރު ހަތަރު ވަނައިގައި އެއް މެޗު މަދުން ކުޅެގެން 26 ޕޮއިންޓާއެކު އޮތީ އިންޓަ މިލާންއެވެ.