ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމެޓީން ހޯމަ ދުވަހު ބާއްވާ ބައްދަލުވުމަށް އެ ކޮމެޓީއަށް ހުށަހެޅާފައިވާ ގިނަ މައްސަލަތަކެއް ތާވަލް ކޮށްފި އެވެ.
އެގޮތުން ހޯމަ ދުވަހު ބާއްވާ ކޮމެޓީގެ ބައްދަލުވުމުގައި ވަނީ އައްޑޫ ސިޓީގެ ރައްޔިތުންނަށް ދުވަހުން ބޭނުންވާ ހިދްމަތްތައް ލިބުމުގައި ކުރިމަތި ވަމުންދާ ދަތިތަކާ ގުޅޭ މައްސަލަ އާއި މާލެ އާއި ހުޅުމާލެއާ ދެމެދު ފެރީ ހިދްމަތްދޭ ފަރާތްތަކުން ފޮނުވާފައިވާ ޖީއެސްޓީ ނެގުމާ ގުޅޭ މައްސަލަ އާއި ތ. އަތޮޅުގައި އެމްޓީސީސީން ދެމުން އަންނަ ފެރީގެ ހިދްމަތާ ގުޅޭ މައްސަލައިގެ އިތުރުން ށ. ފޯކައިދޫ ބަނދަރުގެ މައްސަލަ އާއި ނޮވެމްބަރު 18، 2015 ގައި ހދ. ކުޅުދުއްފުށި ނިކަމާގޭގައި ހިނގާދިޔަ އަލިފާނުގެ ހާދިސާ އަދި އއ. ފެރިދޫ، އައްސޭރި މުހައްމަދު ރަޝީދު ބަލަހައްޓަމުންދާ ބިމެއް އެރަށު ކައުންސިލުން ކުއްޔަށް ދިނުމާ ގުޅޭ މައްސަލައެއް ވެސް ކޮމެޓީގެ އެޖެންޑާގައި ހިމަނާފައި ވެއެވެ.
މި ކޮމެޓީގެ ބައްދަލުވުން އޮތީ ހޯމަ ދުވަހުގެ 13:00 އަށެވެ.
ސަރުކާރުން މަސްއޫލިއްޔަތު ކޮމެޓީއަކީ މަޖިލީހުގައި އެންމެ ހަރަކާތްތެރި ކޮމެޓީއެވެ.
އެކޮމެޓީއަށް އެންމެ ގިނައިން ހުށަހެޅެނީ ކަރަންޓާއި ސާފު ބޯފެނާއި ނަރުދަމާގެ ނިޒާމާ ގުޅޭ މައްސަލަތަކުގެ އިތުރުން ބޭސްފަރުވާ އާއި ސިއްހީ ހިދްތަމަތްތަކާ ގުޅޭ މައްސަލަތަކެވެ. ނަމަވެސް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ކަމާބެހޭ މުއައްސާސާތަކުގެ ވެރިން ހާޒިރުކޮށް މަޝްވަރާތަށް ކުރެއްވި ނަމަވެސް އެ މައްސަލަތަކަށް އެކަށީގެންވާ ހައްލެ ނުލިބޭކަން ފާހަގަ ކޮށްލެވެއެވެ.
އެކޮމެޓީ މުގައްރިރަކީ ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ނާއިބު ލީޑަރު ރިޔާޒު ރަޝީދު އެވެ. އަދި ކޮމެޓީގައި ދެން ތިއްބަވާ 10 މެމްބަރުން ބެހިފައިވާ ގޮތަށް ބަލާއިރު ސަރުކާރަށް ނިސްބަތްވާ ފަސް މެމްބަރުން ތިއްބަވާއިރު، އިދިކޮޅު ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ ތިއްބަވަނީވެސް ފަސް މެމްބަރުންނެވެ. އެހެންކަމުން އެކޮމެޓީގައި އަދި މަޖިލީހުގެ ދެންވެސް ހުރި ކޮމެޓީތަކުގެ އަޣްލަބިއްޔަތު އޮތީ ސަރުކާރުގެ އަތްމަތީގަ އެވެ.