ކ. މާލެ
|
30 އޮކްޓޯބަރ 2017 | ހޯމަ 11:37
ޔަމަނުގެ ހޫތީ ހަނގުރާމަވެރިންނަށް ތާޢީދުކުރާ ޤަބީލާތަކުގެ އިސް ލީޑަރުން ހަތިޔާރާއެކު ޔަމަނުގެ ވެރިރަށް ސަންއާގައި ހަރަކާތްތެރިވަނީ
ޔަމަނުގެ ހޫތީ ހަނގުރާމަވެރިންނަށް ތާޢީދުކުރާ ޤަބީލާތަކުގެ އިސް ލީޑަރުން ހަތިޔާރާއެކު ޔަމަނުގެ ވެރިރަށް ސަންއާގައި ހަރަކާތްތެރިވަނީ
އޭޕީ
ޔަމަނުގެ ދާޚިލީ ހަނގުރާމަ
ޔަމަނުގައި ފާއިތުވި ދެ މަސް ދުވަހު ހިންގި އިންސާނިއްޔަތާއި ޚިލާފް ޖަރީމާތަކުގެ އަދަދު ހާހަކަށްވުރެ މައްޗަށް!
ފާއިތުވި ދެމަސް ދުވަހުގެ ތެރޭގައި އިންސާނިއްޔަތާއި ޚިލާފް ޖަރީމާ ހިންގުމުގެ 1082 މައްސަލައެއް ފެންމަތިވެފައިވޭ
އިންސާނިއްޔަތާއި ޚިލާފް ޖަރީމާތައް އެންމެ ގިނައިން ހިންގާފައިވަނީ ހޫތީ ހަނގުރާމަވެރިން

ޔަމަނުގައި ފާއިތުވި ދެމަހުގެ ތެރޭގައި އިންސާނިއްޔަތާއި ޚިލާފް އެތަކެއް ޖަރީމާތަކެއް ހިންގާފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ޔަމަނުގެ އިންސާނީ ޙައްޤުތަކުގެ ޙާލަތު ވަޒަންކުރާ އަމިއްލަ ޖަމާއަތްތަކުގެ އިއްތިޙާދުން ހޮނިހިރު ދުވަހު އާއްމުކުރި ބަޔާނުގައި ވަނީ، ފާއިތުވި އޯގަސްޓް އަދި ސެޕްޓެމްބަރު މަހުގެ ތެރޭގައި އިންސާނިއްޔަތާއި ޚިލާފް ޖަރީމާ ހިންގުމުގެ 1082 މައްސަލައެއް ފެންމަތިވެފައިވާ ކަމަށެވެ.

އޭގެ ތެރޭގައި މީހުން މެރުމާއި، ޝަރީޢަތަކާއި ނުލައި އަދަބު ދިނުމާއި، ނުޙައްޤުން ބަންދުގައި ބޭތިއްވުން އަދި މީހުން ވަގަށް ނެގުމާއި، ހަނގުރާމައަށް ކުޑަކުދިން ތައްޔާރު ކުރުން އަދި މަޖުބޫރުން ވަޒަނުން ބޭރުކުރުމުގެ މައްސަލަތައް ހިމެނޭ ކަމަށް އެބަޔާނުގައިވެ އެވެ.

ޔަމަނުގެ އިންސާނީ ޙައްޤުތަކުގެ ޙާލަތާއި ގުޅޭ ފާއިތުވި ދެމަހުގެ ރިޕޯޓުގައިވާ ގޮތުން، އެފަދަ ޖަރީމާތައް އެންމެ ގިނައިން ހިންގާފައިވަނީ ޔަމަނުގެ ކުރީގެ ރައީސް އަލީ އަބްދުﷲ ޞާލިޙަށް ތާޢީދު ކުރާ އެޤައުމުގެ ހޫތީ ހަނގުރާމަވެރިންނެވެ.

ޔަމަނުގެ ވެރިރަށް ސަންއާ އަދި ތާއިޒްގެ އިތުރުން އެގައުމުގެ އެކި ޕްރޮވިންސްތަކުގައި، ފާއިތުވި ދެމަސް ދުވަހުގެ ތެރޭގައި ހިނގި ހަމަލާ ބަދަލުކުރުންތަކުގައި 300 އަށްވުރެ ގިނަ އާއްމުން މަރުވެފައިވާ ކަމަށް ރިޕޯޓްގައިވެއެވެ.

މަރުވި އާއްމުންގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިންވެސް ހިމެނޭއިރު، މިމުއްދަތުގައި މަރުވި އާއްމުންގެ ގާތްގަނޑަކަށް ތިން ބައި ކުޅަ އެއްބަޔަކީ ޞާލިޙަށް ވާގިވެރިވާ ހަނގުރާމަވެރިންނާއި ހޫތީންގެ ހަމަލާތަކުގައި މަރުވެފައިވާ މީހުން ކަމަށް އެރިޕޯޓުގައިވެ އެވެ.

މީގެ އިތުރުން ހަނގުރާމަވެރިން ވަޅުލާފައިވާ މައިންތަކަށް އެރިގެން އަށް މީހަކު މަރުވެ، 12 މީހަކު ޒަޚަމްވެފައިވާ ކަމަށާއި، މިއީ އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކަށް މަޢުލޫމާތު ލިބިފައިވާ ހާދިސާތައް ނަމަވެސް، އެފަދަ ފުރިހަމަ މަޢުލޫމާތު ނުލިބޭ ހާދިސާތައް ގިނަވުމާއެކު، އެއަދަދު އިތުރުވުން އެކަށީގެންވާ ކަމަށް އެރިޕޯޓްގައިވެއެވެ.

މީގެ އިތުރުން އާއްމުންގެ 340 މީހަކު ހޫތީ ހަނގުރާމަވެރިން ނުހައްޤުން ބަންދުކޮށްފައިވާ ކަމާއި، އޭގެ ތެރެއިން 13 މީހުންނަކީ އަންހެނުންނާއި ކުޑަކުދިން ކަމަށް ޔަމަނުގެ އިންސާނީ ޙައްޤުތަކުގެ ރިޕޯޓްގައިވެއެވެ. އަދި ހަނގުރާމަވެރިންގެ ބާރުގެ ދަށުގައިވާ ސަރަޙައްދުތަކުން އާއްމުންގެ 26 މީހަކު ވީނުވީއެއްނޭގި ގެއްލިފައިވާ ކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށް އެރިޕޯޓްގައިވެއެވެ.

އެރިޕޯޓްގައި ހޫތީންނާއިމެދު ކުރެވިފައިވާ ތުހުމަތުތަކުގެ ތެރޭގައި ހޫތީންގެ ޖަލުތަކުގައި ބަންދުކޮށްފައިވާ ހަތް ގައިދީއަކަށް ޖަލުގައި އަނިޔާ ދީފައިވާކަމަށާއި، ހަނގުރާމައަށް ތައްޔާރުކޮށް ހޫތީން ނެރުނު ހަތް ކުޑަކުއްޖަކު މަރުވެފައިވާ ކަން ފާހަގަކޮށްފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
30 އޮކްޓޯބަރ 2017 | ހޯމަ 11:48
ހަސަން
ޔަމަނުގައި ހިނގާ ޣައިރު ޤާނޫނީ އަމަލު ދިފާއު ކުރަން ފޫގަޅައިގެން އުޅެނީ ރާއްޖެ ފަދަ ސައުދީ ރުއްސަން އުޅޭ ކުދި ކުދި ޤައުމުތައް! އެހެންޏާފަހެ ސައޫދީ މިކަމާ އެއްޗެކޭ ނުބެނެ އުޅެނިކޮށް، ރާއްޖެ އެކަންކަން ދިފާއުކޮށް އެބަ ވާހަކަ ދައްކާ ވިއްޔަ!