5 ދުވަހަށް ދިގު ދެމިގެން ދިޔަ ޖަނާޒާއަކަށްފަހު ތައިލެންޑްގެ ކުރީގެ ރަސްގެފާނު އަވަހާރަވުމާއި ގުޅިގެން ފާހަގަކުރި ހިތާމައިގެ އަހަރު ރަސްމީކޮށް ނިންމާލައިފިއެވެ.
ހިތާމަފާޅުކުރުމުގެ އަހަރު ނިންމާލާފައިވަނީ އާދިއްތަ ދުވަހުގެ ރޭ މެންދަމު 12 ޖެހުމުންނެވެ. އެހެންކަމުން ހިތާމަފާޅުކުރަމުން ދިޔަ މީހުންނަށް ކަޅު ކުލައިގެ ހެދުން ފިޔަވައި އެހެން ހެދުންތައް ލެވޭނެއެވެ. އަދި ސަރުކާރުގެ އޮފީސްތަކާއި އާއްމުންގެ ގެތަކުގައި ހިތާމަފާޅުކުރުމަށް ބަހައްޓާފައި ހުރި ކަޅާއި ހުދުގެ ތަކެތި ނަގާނެއެވެ. ބުދަ ދުވަހުން ފެށިގެން ކުރިއަށް ދިޔަ ޖަނާޒާގައި ދުނިޔޭގެ އެކި ޤައުމުތަކުގެ އިސްވެރިންނާއި ތައިލެންޑްގެ އެތައް މިލިއަން ބަޔަކު ބައިވެރިވިއެވެ. އަދި ރަސްގެފާނު ބުމިބޯލް އަދުލަދޭޖްގެ އަޅިތައް ބެންކޮކްގެ ގްރޭންޑް ޕެލަސްގެ އިތުރުން ބުދު ދީނުގެ އިތުރު 2 ފައްޅިއެއްގައި ވަނީ ބަހައްޓާފައެވެ.
70 އަހަރަށްވުރެ ގިނަ ދުވަހު ތައިލެންޑްގެ ރައްޔިތުންގެ މައްޗަށް ރަސްކަން ކުރެއްވި ބުމިބޯލް އަދުލަދޭޖްގެ ޖަނާޒާއަށް ތައްޔާރުވުމަށް އަހަރު ދުވަސް ނެގިއެވެ.
ރަސްގެފާނު އަވަހާރަވުމާއި ގުޅިގެން ތައިލެންޑްގައި އެއް އަހަރު ދުވަހަށް ހިތާމަފާޅުކުރުމަށްފަހު އަނެއްކާވެސް ސިޔާސީ މަސައްކަތްތައް ފެށިގެން އަންނަ އިރު، ސިޔާސީ މަސްރަހަށް އަންނާނީ ކޮން ބަދަލުތަކެއްކަން ވަނީ ނޭނގުމެއްގެ ތެރޭގައެވެ. ހަލަބޮލި ސިޔާސީ މަސްރަހެއް އޮންނަ ތައިލެންޑްގެ ރައްޔިތުންގެ އެއްބައިވަންތަ މީގެ ކުރިން ގުޅިފައި އޮތީ ރައްޔިތުންގެ ލޯބި އިންތިހާއަށް ލިބިގެން 70 އަހަރު ވެރިކަންކުރެއްވި ރަސްގެފާނު އަދުލަދޭޖްއާއިއެވެ. އަދި އަދުލަދޭޖްއަށްފަހު ރަސްކަމާއި ހަވާލުވެވަޑައިގެންނެވި އެމަނިކުފާނުގެ ދަރިކަލުން މަހާ ވަޖިރަލޮންކޯން އަކީ ތައިލެންޑްގެ ރައްޔިތުން އެހާ ފަރިތަ ބޭފުޅެއް ނޫނެވެ.