އެމެރިކާއާއި އެ ގައުމުގެ ބައިވެރިންނާ ޖަދަލުކުރުމުގެ ތެރެއިން ވަގުތު ކޮޅެއް ނެންގެވުމަށްފަހު އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން ޕިޔޯންގޔަންގެ ކޮސްމެޓިކް ފެކްޓަރީއަކަށް ޒިޔާރަތްކުރައްވައިފިއެވެ.
މަރާމާތަށްފަހު އަލުން ހުޅުވި މި ފެކްޓަރީއަށް ކިމް ޖޮން އުން ވަޑައިގެންފައިވަނީ ޕާޓީގެ އިސް ބޭފުޅުންނާއި މަދުން ނޫނީ އާއްމުތަނަކުން ނުފެންނަ އަނބިކަނބަލުން ލީ ސޯ ޖޫ އާވެސް އެކުގައެވެ.
މި ތަނަށް ކިމްގެ ބައްޕާފުޅު އަދި ކިމްގެ ކުރިން ވެރިކަމުގައި ހުންނެވި ކިމް ޖޮން އިލް މީގެ 14 އަހަރު ކުރިން ޒިޔާރަތް ކުރައްވާފައިވެއެވެ.
ކިމް އެތަނަށް ޒިޔާރަތްކުރެއްވި މަންޒަރު ދައުލަތުގެ މީޑިއާއިންވަނީ ބްރޯޑްކާސްޓް ކޮށްފައެވެ.
އޭގެ އެއްދުވަސް ކުރިން އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޖޭމްސް މެޓިސް ވަނީ ނިއުކްލިއަރ ހަތިޔާރު ގެންގުޅޭ އުތުރު ކޮރެއާއެއް އެމެރިކާއިން ބަލައި ނުގަންނާނެ ކަމަށް ވިދާޅުވެފައެވެ.
ހޮނިހިރު ދުވަހު ދެކުނުކޮރެއާއަށް ކުރެއްވި ޒިޔާރަތުގައި މެޓިސް ވިދާޅުވީ އެފަދަ ހަތިޔާރެއް ބޭނުންކޮށްފިނަމަ "ވަރުގަދަ އަސްކަރީ ރައްދަކާ" ކުރިމަތިލާން ޖެހޭނެ ކަމަށެވެ.
ކޮރެއަން ޕެނިންސިއުލާގައި ނުތަނަވަސްކަން އުފެދިފައިވަނީ އުތުރު ކޮރެއާއިން މިސައިލް އަދި ނިއުކްލިއަރ ޓެސްޓްތައް ސިލްސިލާކޮށް ކުރިޔަށް ގެންދިއުމާ ކިމްޖޮން އުންއާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާ ދެމެދު ބަދަލުކުރެވޭ ބަހުގެ ހަމަލާތަކުގެ ސަބަބުންނެވެ.
އާއްމު ގޮތެއްގައި މިސައިލްއާ ހަތިޔާރާއެކު ފޮޓޯ ނަންގަވާ ކިމް ސައިބޯންޏާއި ރީތިވާ ސާމާނުތަކުގެ ކައިރީ ފޮޓޯއަށް ހުއްޓިވަޑައިގަތުން ވެގެން ގޮސްފައިވަނީ ތަފާތު ކަމަށެވެ.
ކިމް ވަނީ އެ ކުންފުންޏަށް ތައުރީފް ކުރައްވައި ދުނިޔޭގެ ފެންވަރުގެ ތަކެތި އުފެއްދުމަށް ގޮވާލައްވާފައެވެ.