ކުރިއަށް އޮތް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް އަބްދުﷲ ޔާމީން ބަލިކުރާނީ އިދިކޮޅު ސިޔާސީ ޕާޓީތައް ގުޅިގެން ކުރާ މަސައްކަތުން ކަމަށް އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ވިދާޅުވެއްޖެއެވެ.
އާދިއްތަ ދުވަހުގެ ރޭ ރާއްޖެޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި ޝިފާޒު ވިދާޅުވީ، މި ރާއްޖެ ސަލާމަތްކުރެވޭނީ ގުޅިފައިވާ ހަތަރު ޕާޓީގެ މަަސައްކަތުން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި 2018 ގައި ރައީސް ޔާމީން ފެއިލްކޮށްލުމަށް ކުރަންޖެހޭ ހުރިހާ މަަސައްކަތެއް މިހާރު ދަނީ ބާރަށް ކުރެވެމުންނެވެ. އަދި ކެނޑިޑޭޓަކުން ހޮވުމާ ގުޅޭ މަޝްވަރާތައްވެސް ދަނީ ކުރެވެމުން ކަމަށް ޝިފާޒު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ 2018 ގައި އޮންނަ އިންތިޚާބަކީ މިނިވަން އިންސާފުވެރި އިންތިޚާބަކަށް ހެދުމަށްޓަކައި ސިޔާސީ ޕާޓިތަކުން އެދޭގޮތްތައް ވެސް ހާމަކުރަމުންދާނެކަމަށެވެ.
"ކުރިއަށް އޮތް މަދު ދުވަސްކޮޅުގެ ތެރޭގައި ކަންކަން ހާމަވަމުންދާނެ. ހުރިހާ ޕާޓީއެއް އެދޭ ގޮތް ހެދޭނެ. އެކައްޗެއް އަޅުގަނޑުމެންނަށް ކިޔޭނެ،" ޝިފާޒު ވިދާޅުވިއެވެ.
2018 ވަނަ އަހަރުގެ އިންތިޚާބު ރާއްޖޭގެ ރައްޔިތުން ގަބޫލު ކުރާ އިންތިޚާބަކަށް ހެދެން އޮތީ، އެ އިންތިޚާބުގައި ވާދަކުރަން ތިބި ސިޔާސީ ފަރާތްތަކަށް އެ ފުރުސަތު ތަނަވަސްވާ ގޮތަކަށް ކަންކަން މަގުފަހިވެފައި އޮތުމުންކަމަށާއި، ރައީސް ޔާމީން ނޫން ދެން ތިއްބެވި ހުރިހާ ބޭފުޅުންނަށް އެޖާގަ ނުދީ އިންތިޚާބަށް ނުކުންނެވުމުގެ ޖާގަ ދިވެހި ރައްޔިތުން ދީގެން ބަލަން ނުތިބޭނެކަމަށް ޝިފާޒު ވިދާޅުވިއެެވެ. ބައިނަލްއަގުވާމީ ދުނިޔެވެސް އޮތީ އެކަމަށް ފާރަލައިގެން ކަމަށް އޭނާ ވިދާޅުވިއެވެ.
"ރައީސް ނަޝީދަށް އެމަގު ބަންދުކޮށްފައި، ޝެއިޚް އިމްރާނަށް އެ މަގު ބަންދުކޮށްފައި. ގާސިމް އިބްރާހިމަށް އެމަގު ބަންދުކޮށްފްއި، ނޫނީ، ރައީސް ޔާމީން ނޫން ހުރިހާ ބޭފުޅުންނަށް އެ މަގު ބަންދުކޮށްފައި މިރާއްޖޭގައި ރައީސް ޔާމީން ހިނގާނެ ސިޔާސީ ހަރަކާތެއް ނޯންނާނެ. ނުވެސް ބޭއްވޭނެ، އެޖާގައެއް ނުވެސް ދޭނެ،" ޝިފާޒު ވިދާޅުވިއެވެ.
ޝިފާޒު ވިދާޅުވި ގޮތުގައި ހަތަރު ޕާޓީން ބޭނުންވާ ކެނޑިޑޭޓުންނަށް މި އިންތިޚާބުގައި ވާދަކުރެވޭނެއެެވެ. އަދި މިހާރު މި އޮތް ރައީސް ޔާމީންގެ ވެރިކަން 2018 ގައި ވަރަށް ފަސޭހައިން ނިމުމަކަށް ގެނެވޭނެކަމާމެދު ޝައްކުނުކުރައްވާކަމަށް އޭނާ ވިދާޅުވިއެވެ.