ސިޔާސީ ޕާޓީތަކުން ނެރެން ބޭނުންވާ ކެނޑިޑޭޓުންނަށް ވާދަނުކުރެވޭނަމަ އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބު މިނިވަން އިންސާފުވެރި އިންތިޚާބަކަށް ނުވާނެ ކަމަށް އިދިކޮޅު މައި ޕާޓީ އެމްޑީޕީއިން ބުނެފިއެވެ.
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީއިން އާދިއްތަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ ޤާނޫން އަސާސީގެ ދަށުން ބޭއްވުން ލާޒިމްކުރާ ރިޔާސީ އިންތިޚާބަށް އަހަރަކަށް ވުރެ ކުޑަތަންވެފައިވާއިރު، ޕާޓީތަކުން ނެރޭ ކެނޑިޑޭޓުންނަށް އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު އޮންނަން ޖެހޭނެ ކަމަށާއި، އެހެން ނޫންނަމަ އިންތިޚާބު މިނިވަން އިންސާފުވެރި އިންތިޚާބަކަށް ނުވާނެ ކަމަށެވެ. އަދި އިދިކޮޅު ލީޑަރުންކަމަށްވާ އެމްޑީޕީގެ ލީޑަރު މުހައްމަދު ނަޝީދު، އަދާލަތު ޕާޓީގެ ލީޑަރު ޝެއިޚް އިމްރާން، ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް އަދި ޕީޕީއެމްގެ ލީޑަރު ރައީސް މައުމޫން އަބްދުލް ގުޅިވަޑައިގެން އަންނަ އަހަރުގެ އިންތިޚާބު މިނިވަން އިންސާފުވެރި އަދި ހުރިހާ ފަރާތްތަކަށް ބައިވެރިވެވޭ އިންތިޚާބަކަށް ހެދުމަށް ގުޅިގެން މަސައްކަތްކުރުމަށް އެއްބަސްވެފައިވާކަން ފާހަގަކުރަމުން އެމްޑީޕީގެ ބަޔާނުގައި ބުނީ ލީޑަރުންނަށް ބައިވެރި ނުވެވޭ ގޮތަށް ސިޔާސީ ޝަރީޢަތެއްގެ ތެރެއިން ޖަލަށް ލައިގެން ބާއްވާ އިންތިޚާބަކީ މިނިވަން އިންތިޚާބަކަށް ނުވާނެ ކަމަށެވެ. އަދި އިދިކޮޅު ލީޑަރުންނަށް އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ނުދިނުމަށް ރައީސް ޔާމީންގެ ސަރުކާރުން މަސައްކަތްކުރަމުންދާތީ އުފެދިފައިވާ ކަންބޮޑުވުން އެމްޑީޕީއިން ފާހަގަކުރިއެވެ. ހަމައެއާއިއެކު ރައްޔިތުންގެ މަޖިލީހުގެ 21 މެމްބަރަކު ޖަލުގައި ނުވަތަ ކޯޓުގެ މަރުހަލާގައިވާކަންވެސް އެޕާޓީއިން ފާހަގަކުރިއެވެ.
2018 Presidential Elections Won’t be Free and Fair if Party Candidates are Banned - MDP https://t.co/F3aiUzcm08
— MDP Secretariat (@MDPSecretariat) October 29, 2017
އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ލިބެން ޖެހޭކަމަށް ބުނަމުން އެމްޑީޕީގެ ބަޔާނުގައި ބުނީ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ދޭން ޖެހޭނީ ޕާޓީތަކުން ކަނޑައަޅާ ކެނޑިޑޭޓުންނަށް ކަމަށާއި، ރައީސް ޔާމީން ކަނޑައަޅާ ބަޔަކަށް ނޫންކަމަށެވެ. އަދި އިންސާފުން އެއްކިބާވެފައިވާ ސިޔާސީ ޝަރީޢަތެއްގެ ތެރެއިން ކުރެވުނު ހުކުމެއްގެ ދަށުން ކުރީގެ ރައީސް ނަޝީދަށް ރިޔާސީ އިންތިޚާބުގައި ވާދަނުކުރެވޭ ގޮތަށް ހަދާފައިވާ ކަމަށާއި، މި ގޯސް ރަނގަޅު ނުކޮށްފިނަމަ އަންނަ އަހަރުގެ އިންތިޚާބު އިންސާފުވެރި ނުވާނެކަމަށް އެމްޑީޕީއިން ވަނީ ބުނެފައެވެ.
އެމްޑީޕީގެ ބަޔާނުގައި، ރިޔާސީ އިންތިޚާބު ބޯމަތިވަމުން އަންނަ އިރު ސިޔާސީ މަސްރަހު ހަމަޔަކަށް އެޅުވުމަށް ސަރުކާރުން މަސައްކަތް ނުކުރާކަން ކަންބޮޑުވުމާއިއެކު އެޕާޓީއިން ފާހަގަކުރިއެވެ. އަދި ސިޔާސީ މަސްރަހު ހަމަޔަކަށް އެޅުވުމަށް ސިޔާސީ ކުށްވެރިން ދޫކޮށްލައި، މެމްބަރުންގެ ޝަރީޢަތްތައް ހުއްޓާލަން ޖެހޭކަމަށް އެމްޑީޕީއިން ބުންޏެވެ.
އެމްޑީޕީގެ ބަޔާން ނިންމާލާފައިވަނީ ސިޔާސީ ޕާޓީތަކުން ކަނޑައަޅާ ކެނޑިޑޭޓުންނަށް އިންތިޚާބުގައި ވާދަކުރަން ފުރުސަތު ދިނުމުގެ ކަންކަން އަވަސްކުރުމަށް ސަރުކާރަށް ގޮވާލަމުންނެވެ. އަދި އެމްޑީޕީއަކީ އެންމެ ބޮޑު ސިޔާސީ ޕާޓީކަމަށާއި، ރާއްޖޭގެ ވޯޓުލާ އާބާދީގެ 25 އިންސައްތައަކީ އެމްޑީޕީ މެމްބަރުންނަށް ވެފައި، 48 އިންސައްތައިގެ ސާފު ތާޢީދު އޮތް ޕާޓީކަމުން، އެޕާޓީގެ ކެނޑިޑޭޓް މުހައްމަދު ނަޝީދަށް އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ނުދިނުމަކީ އެޕާޓީގެ މެމްބަރުންނާއި ސަޕޯޓަރުން ބަލައިގަންނާނެ ކަމެއް ނޫންކަމަށް އެމްޑީޕީއިން ބުނެއެވެ.