މި މަހުގެ 26 ވަނަ ދުވަހު އެކަނިވެސް މާލެއިން 6 ގޯއްޗެއް ވިއްކައިފި އެވެ.
މި ގޯތިތައް ވިއްކާފައިވާ ކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފައިވަނީ، މައްސަލަ ބެއްލެވުމުގެ ރިކޯޑް ޤާއިމްކުރުމަށް މަސައްކަތްކުރެއްވި ގާޒީ މުހައްމަދު ޙަލީމް، މި މަހުގެ 26 ވަނަ ދުވަހު އެވެ. ސިވިލް ކޯޓުގެ ވެބްސައިޓުގައިވާގޮތުން އެ ދުވަހު އެކަނި ގާޒީ މުހައްމަދު ހަލީމް ވަނީ ހަ ގޯއްޗެއް ވިއްކުމުގެ މައްސަލައިގައި ހުކުމްކުރައްވާފަ އެވެ.
މި މަހުގެ 26 ވަނަ ދުވަހު، ވިއްކި ގޯތިތަކުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އިބްރާހިމް ފަލާޙް ހަތަރު މިލިއަން ރުފިޔާއަށް ބައްލަވައިގެންނެވި މ. އަލްޙަދީދް ގޯތިވެސް ހިމެނެ އެވެ. އެއީ 1000 އަކަފޫޓުގެ ގޯޗެކެވެ.
އޭގެއިތުރުން ހަމަ އެ ދުވަހު 3289 (ތިންހާސް ދުއިސައްތަ އައްޑިހަ ނުވައެއް) އަކަފުޓޫގެ ގޯޗެއް ވަނީ ފަސް މިލިއަން ރުފިޔާއަށް ވިއްކާލައިފަ އެވެ. ހ. ސްޓާރލިޓްވިލާ ކިޔާ އެ ގޯތި ގަނެފައިވަނީ މއ. ފޮރސީތިއާ މުހައްމަދު ޝަފީޤް ކިޔާ މީހެކެވެ. އޭގެއިތުރުން 487،325 ރ (ހަތަރު ލައްކަ އައްޑިހަ ހަތްހާސް ތިންސަތޭކަ ފަންސަވީސް ރުފިޔާ) އަށް މ. އަލިވިލުން ވަނީ ވިއްކާލާފަ އެވެ.
މ. ސީނު އެވެކިޔާ ގޯތި ހަތަރު ލައްކަ ރުފިޔާއަށް މިލިޔަން ޓްރޭޑިން އެންޑް ކޮންޓްރެކްޓިން ކިޔާ ކުންފުންޏަކަށް ވިއްކާލާފައިވާއިރު، ހަމަ އެ ދުވަހު މއ. ފެލީނާ ވަނީ 9،771،875 ރ (ނުވަ މިލިއަން ހަތްލައްކަ ހަތްދިހަ އެއްހާސް އަށް ސަތޭކަ ހަތްދިހަ ފަހެއް ރުފިޔާ) އަށް އައިމާ ކޮންސްޓްރަކްޝަންއަށް ވިއްކާލާފަ އެވެ. އަދި ގ. އިޒްމީރު ނަމަކަށް ކިޔުނު ގޯތި ވަނީ ހަތަރުލައްކަ ރުފިޔާއަށް ވިއްކާލާފަ އެވެ.
ވިއްކާފައިވާ ގިނަ ގޯތިތަށް ވިއްކާފައިވާ އަގަށް ބަލާއިރު، ގިނަ ގޯތިތައް ވިއްކާފައިވަނީ ހަމަ އަގަށްވުރެ ކުޑަކޮށްކަން ފާހަގަކޮށްލެވެއެވެ. ކުޑަ އަގުގައި ވިއްކައި، އެގޮތަށް ކޯޓުގައި ރަޖިސްޓްރީ ކުރުމުން ޓެކްސްއަށް މަކަރުހެދުމަށް ގޯތިތައް ގަނެ ވިއްކާ ފަރާތްތަކަށް ފަސޭހަވެގެންދެއެވެ.