ސިޔާސީ ޕާޓީތަކަށް މިއަހަރުގެ ދައުލަތުގެ ބަޖެޓުން ދޭންޖެހޭ ފައިސާ މިދިޔަ އާދިއްތަ ދުވަހު ދޫކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީއިން ބުނެފި އެވެ.
ސިޔާސީ ޕާޓީގެ ގާނޫނުގެ 35 ވަނަ މާއްދާގެ (ޅ) ގައި ބުނެފައިވަނީ ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ދޭ ފައިސާގެ އެހީ، ދައުލަތުގެ ބަޖެޓު ނިސްބަތްވާ އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ސިޔާސީ ޕާޓީތަކާ ހަވާލުކޮށް ނިންމަންވާނެ ކަމަށެވެ.
މިއަހަރުގެ ފުރަތަމަ ތިން މަސް ދުވަސް ފާއިތުވެގެން ގޮސް، 10 ވަނަ މަސް ނިމެންދަނިކޮށް ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކޮށްފައިވާއިރު، މިދިޔަ އަހަރު ވެސް ޕާޓީތަކަށް ފައިސާ ދޫކޮށްފައި ވަނީ ގާނޫނުގައި ބުނާ ތިން މަސް ދުވަސް ފާއިތުވެ ދިޔަތާ އެތައް މަހެއް ފަހުން ނޮވެމްބަރު މަހުގަ އެވެ.
އިލެކްޝަންސް ކޮމިޝަނުން މިދިޔަ އަހަރު ބުނަމުން ދިޔައީ ފައިސާ ދޫކުރުން ލަސްކުރީ، ޕާޓީގެ މެމްބަޝިޕް ފޯމުތަކުގައި ފިންގަޕްރިންޓް ޖެހުމާ ގުޅޭ ގޮތުން އުފެދުނު މައްސަލައިގައި ކޯޓުން ގޮތެއް ނުނިންމާތީ ކަމަށެވެ. އެ ސަބަބަކާ ގުޅިގެން ޕާޓީތަކުގެ މެމްބަރުންގެ އަދަދު ކަށަވަރު ނުވާތީ ފައިސާ ދޫނުކުރީ ކަމަށް އިލެކްޝަންސް ކޮމިޝަނުން އޭރު ބުނެފައިވެ އެވެ.
އެހެންނަމަވެސް، މިއަހަރު ފައިސާ ދޫކުރުން ލަސްވެގެން ދިޔަ ސަބަބެއް އިލެކްޝަންސް ކޮމިޝަނާއި ފިނޭންސް މިނިސްޓްރީއިން ނުބުނެ އެވެ. އިލެކްޝަންސް ކޮމިޝަނުން ބުނަމުން ދިޔައީ ޕާޓީތަކަށް ފައިސާ ދޫކުރުމާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓްރީއަށް ފޮނުވަންޖެހޭ ހުރިހާ ލިޔެކިޔުމެއް ފޮނުވާފައިވާ ކަމަށާއި ކޮމިޝަނުން ކުރަންޖެހޭ ކަންތައްތައް ކޮށް ނިމިފައިވާ ކަމަށެވެ.
މިދިޔަ އަހަރެކޭ އެއްގޮތަށް ދައުލަތުގެ ބަޖެޓުން މިއަހަރު ވެސް 23 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ސިޔާސީ ޕާޓީތަކަށް ދޫކޮށްފައިވާއިރު، އޭގެ ތެރެއިން އެންމެ ގިނަ ފައިސާ ލިބުނީ، ޕީޕީއެމްއަށެވެ. އެގޮތުން 10 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ސަރުކާރު ހިންގާ ޕާޓީ، ޕީޕީއެމަށް ލިބުނުއިރު އެމްޑީޕީއަށް ލިބުނީ ހަތް މިލިޔަން ރުފިޔާ އެވެ.
ޖުމްހޫރީ ޕާޓީއާއި ސަރުކާރުގެ ކޯލިޝަން ޕާޓްނަރު އެމްޑީއޭއަށް ދިނީ 2.7 މިލިޔަން ރުފިޔާ އެވެ.
މެމްބަރުންގެ އަދަދު 10،000 އަށް ވުރެ ދަށް ވުމުން އަދާލަތު ޕާޓީ އާއި ޑީއާރުޕީ އަށް މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރު ވެސް ފައިސާ ދުލެއް ނުކުރެ އެވެ.
ޕާޓީތަކަށް މިދިޔަ އާދިއްތަ ދުވަހު ފައިސާ ދޫކުރިއިރު، ފައިސާ ދޫނުކޮށްގެން އެމްޑީޕީއިން ވަނީ ދައުލަތާ ދެކޮޅަށް ދައުވާ ކޮށްފަ އެވެ.