ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް ދެ ވަނަ ދައުރަށް އިންތިހާބުވުމަށް ކުރަން ޖެހޭ މަސައްކަތްތަކާ ގުޅޭ ގޮތުން ޕީޕީއެމްގެ ނައިބު ލީޑަރު އަބްދުއްރަހީމް އަބްދުﷲ އާއި ރައީސް ޔާމިން ގަބޫލުކުރައްވާގޮތް ތަފާތުވެއްޖެ އެވެ.
ރައީސް ޔާމިންގެ ރިޔާސީ ކެމްޕެއިނަށް ކުރަން ޖެހޭ މަސައްކަތާ ގުޅޭ ގޮތުން ޕީޕީއެމްގެ މުސްތަޝާރު ރައީސް ޔާމިނާއި އެ ޕާޓީގެ ނައިބު ލީޑަރާ ދެގޮތަކަށް ވާހަކަފުޅު ދެއްކެވީ ޕީޕީއެމް އިން ބޭއްވި "ކަނބަލުންގެ މަހާސިންތާ"ގެ ނިމުން ފާހަގަ ކުރުމަށް ހޮނިހިރު ދުވަހުގެ ރޭ ދަރުބާރުގޭގައި އޮތް ހަފްލާގަ އެވެ.
މި ހަފްލާގައި ރައީސް ޔާމިންއަށްވުރެ ކުރިން އަބްދުއް ރަހީމް ވާހަކަ ދައްކަވަމުން ވިދާޅުވީ ރައީސް ޔާމިން ހޮވުމަށް ކުރަން ޖެހޭ މަސައްކަތައްވުރެ ފަސޭހަ ކަމެއް ޕީޕީއެމްއަށް ނެތް ކަމަށެވެ. ނަމަވެސް އަބްދުއްރަހީމަށްފަހު ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމިން ވިދާޅުވީ އެމަނިކުފާނު އިންތިހާބު ވުމަށް ކުރަން ޖެހޭ މަސައްކަތަކީ ބުރަ މަސައްކަތެއް ކަމަށެވެ.
އަބްދުރަހީމް ވިދާޅުވި ގޮތުގައި ރައީސް ޔާމިންގެ ހޮވުމަށް ކުރަން ޖެހޭ މަސައްކަތަށް ވުރެ އެހާމެ ފަސޭހަ ކަމެއް ނޯންންނާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވި އެވެ.
" އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އަޅުގަނޑުމެނަށް ކުރަން، އަޅުގަނޑުމެންގެ ކުރިމަތީގައި އޮތް އެންމެ ފަސޭހަ ކަމަކީ 2018ގައި ރައީސް ޔާމިން ހޮއްވެވުމަށް ކެމްޕެއިން ކުރުން. އެއަށްވުރެ ފަސޭހަ އެއްވެސް ކަމެއް އަޅުގަނޑަކަށް ހަމަ ނުފެނޭ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
ރައީސް ޔާމިން ވިދާޅުވި ގޮތުގައި އަންހެން ކަނބަލުންގެ މަހާސިންތާގެ ނަތީޖާއަކަށްވާން ޖެހޭނީ އެމަނިކުފާނު ދެވަނަ ދައުރަކަށް ހޮވުން ކަމަށެވެ.
" ޝައްކެތްވެސް ނެތް މި ކުރެވޭ މަސައްކަތަކީ 2018ގައި ރައީސް ޔާމިން އަދިވެސް އެއް ދައުރަށް ހޮވުމަށްކުރާ މަސައްކަތް. މިއީ ބުރަ މަސައްކަތެއް،" އެމަނިކުފާނު ވިދާޅުވި އެވެ.
އެއާ ވިދިގެން އެމަނިކުފާނު ވަނީ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތަކުގައި މީހުންގެ ގާތަށް ގޮސް ވާހަކަ ދައްކަން ޖެހޭ ގޮތް އެ މަހާސިންތާގެ ބައިވެރިންނަށް ވިދާޅުވެ ދެއްވާފަ އެވެ.
ނަމަވެސް އަބްދުއް ރަހީމް ވިދާޅުވީ ރައީސް ޔާމިންގެ ހޮވުމަށް ކުރަން ޖެހޭ މަސައްކަތަކީ ބުރަ މަސައްކަތަކަށް ނުވާ ކަމަށް އޭނާ ގަބޫލުކުރާ ސަބަބަކީ ހިނގާ ކޮންމެ މަގަކުން އަދި އިވޭ ކޮންމެ އަޑަކުން ރައީސް ޔާމިންގެ ކެމްޕެއިންގެ އަޑު އިވޭތީ ކަމަށެވެ.
"އެއީ ރަށެއްގެ ބަނދަރުމައްޗަށް ކައިރިކޮށްލިޔަސް ރަށެއްގެ މަގަކުން ދުއްވާލިޔަސް އަދި ރަށެއްގެ އެތެރެއަށް އަރާ ހިނގާލިޔަސް އަޅުގަނޑުމެނަށް ފެންނަނީ ރައީސް ޔާމިންގެ ކެމްޕެއިން ހަރަކާތްތައް އެއީ މާލޭގެ މާފަންނު ކޮޅުންވިއަސް، ރާޅުގަނޑުކޮޅުން ވިއަސް މާލޭގެ މޫނުމަތިން ކަމަށްވިއަސް ފާޅުކަން ބޮޑު ގޮތެއްގައި މި ދަނީ ފެންނަމުން،" އަބްދުއް ރަހީމް ވިދާޅުވި އެވެ.
އަބްދުއް ރަހީމް ވިދާޅުވީ ކެމްޕެއިންތަކުގައި ދައްކާނެ ބައިވަރު ވާހަކަތައް އެބަ ހުރި ކަމަށާއި އެހެން ނަމަވެސް އިދިކޮޅު މީހުނަށް ވިއްކާނެ އެއްޗެއް ނެތް ކަމަށެވެ.
"އަޅުގަނޑުމެންނާ ވާދަވެރިންނަށް ވިއްކާނެ އެއްޗެއް ނެތް. ދައްކާނެ މަންޒެއް ނެތް. ކިޔާނެ ލަވައެއް ނެތް. ޖަހާނެ ބެރެއް ނެތް. އޮތިއްޔާ އޮތީ ދޮގުވެރިކަން، ހީލަތްތެރިކަން، މަކަރުވެރިކަން އޮޅުވާލުން، މި ނޫން އެއްޗެއް އެމީހުންގެ އަތުގައި ނެތް،" އަބްދުއްރަހީމް ވިދާޅުވި އެވެ.
އޭގެ އިތުރުން އަބްދުއްރަހީމް ވަނީ ރައީސް ޔާމިން ވެރިކަމުގެ ދެ ވަނަ ދައުރަށް ހޮވުމަށް ކުރާ މަސައްކަކީ ދީނީ މަސައްކަތެއް ކަމަށް ވިދާޅުވެފަ އެވެ.