ހދ. ކުޅުދުއްފުށީ އެއާޕޯޓް އެޅުމަށް 18 ގޯއްޗެއް ނަގަން ނިންމާފައި އޮތަސް، އެއީ ކޮން ގޯތިތަކެއް ކަން ހައުސިން މިނިސްޓްރީން އަންގާފައި ނުވާ ކަމަށް ކުޅުދުއްފުށީ ކައުންސިލުން ބުނެފި އެވެ.
ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބްދުއް ލަތީފް ހަސަން ވިދާޅުވީ އެރަށު ކުޅިން ބައެއް ހިއްކުމަށް ފަހު، އެއާޕޯޓް އަޅާއިރު ނަގަންޖެހޭ 18 ގޯތީގެ ބަދަލުގައި، އުތުރު އަވަށުން ގޯތި ދިނުމަށް ހަމަޖައްސާފައިވާ ކަމަށެވެ.
އެއާޕޯޓް އެޅުމަށް ނަގާ ގޯތިތަކަކީ ކޮން ގޯތިތަކެއްކަން ނޭނގޭއިރު، ބަދަލު ދިނުމަށް ކަނޑައަޅައިވާ ގޮތެއް ވެސް ހައުސިން މިނިސްޓްރީން ކައުންސިލަށް އަންގާފައިނުވާ ކަމަށް އަބްދުއް ލަތީފް ވިދާޅުވި އެވެ.
ހައުސިން މިނިސްޓްރީން އަންގާފައިވާ ގޮތުގައި އެއާޕޯޓް އަޅާ ސަރަހައްދުން މީހުން ދިރިއުޅޭ ނުވަ ގޯއްޗަކާއި މީހުން ދިރި ނޫޅޭ ނުވަ ގޯއްޗެއް ނަގަންޖެހެ އެވެ. މިއިން ކޮންމެ ގޯއްޗެއްގެ ބޮޑުމިނަކީ 3200 އަކަފޫޓެވެ.
އެއާޕޯޓް އެޅުމަށް ކުޅުދުއްފުށީގެ ކުޅި ހިއްކާނީ އެމްޓީސީސީން އަލަށް ގެނައި ޑްރެޖަރު (މަހާ ޖައްރާފު) އިންނެވެ. މަހާ ޖައްފާރުން ފުރަތަމަ ކުރާ މި މައްސައްކަތް ފެށުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 17 ވަނަ ދުވަހުގައެވެ. އެއީ ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވިތާ ހަތަރު އަހަރު ފުރޭ ދުވަހެވެ.