މިސްރުގެ އަސްކަރިއްޔާގެ އިސް ވެރިޔަކަށް އެގައުމުގެ ދިފާއީ ވުޒާރާގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު ފަރީދު ހެގާޒީ ހަމަޖައްސަވައިފި އެވެ.
އަސްކަރިއްޔާގެ ވެރިޔަކަށް ޖެނެރަލް ފަރީދު ހެގާޒީ އައްޔަން ކުރެއްވުމަށް، ރައީސް އަބްދުލް ފައްތާހް އަލް ސިސީ ނިންމެވިކަން ހާމަކޮށްފައިވަނީ، އެގައުމުގެ ރިޔާސީ ގަނޑުވަރުން ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައެވެ.
އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފަކަށް ފަރީދު ހެގާޒީ ހަމަޖެއްސެވިކަން ހާމަ ކުރިނަމަވެސް، އަސްކަރިއްޔާގެ އިސް ވެރިޔާގެ މަގާމަށް ބަދަލު ގެންނެވި ސަބަބު ހާމަކޮށްފައެއްނުވެ އެވެ.
އަސްކަރިއްޔާގެ އިސްވެރިޔަކަށް ފަރީދު ހެގާޒީ ހަމަޖެއްސެވުމަށްފަހު، 2014 ވަނަ އަހަރުގެ މާޗް މަހުން ފެށިގެން އެމަގާމުގައި ހުންނެވި މަހްމޫދު ހެގާޒީ ވަނީ ރައީސް ސިސީ އަށް ލަފާދޭ މުޝީރަކަށް ބަދަލު ކުރައްވާފައެވެ.
މިސްރުގެ ރައީސް މުރްސީގެ އަރިސް ބޭފުޅެއް ކަމަށްވާ މަހްމޫދު ހެގާޒީ، އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފްގެ މަގާމުން ރިޔާސީ މުޝީރަކަށް ބަދަލު ކުރެއްވީ، ޓެރަރިޒަމާއި ދެކޮޅަށް ކުރާ ހަނގުރާމައިގެ މަޝްވަރާތަކުގައި ބައިވެރިވުމަށް އެމެރިކާގެ ވެރިރަށް ވޮޝިންޓަނަށް ކުރެއްވި ދަތުރުފުޅަށްފަހު އެނބުރި ވަޑައިގެންނެވިތާ ދުވަސްކޮޅެއް ނުވަނީހެވެ.
އަސްކަރިއްޔާގެ އިސްވެރިޔާގެ މަގާމަށް މުޙައްމަދު ފަރީދު ހެގާޒީ ހަމަޖެއްސެވުމަކީ އަސްކަރިއްޔާ އަށް ގެނައި ބޮޑު ބަދަލެއްގެ ފެށުމުގެ ގޮތުގައި ބޭރުގެ މީޑިއާތަކުން ސިފަކުރެއެވެ.
2013 ވަނަ އަހަރު މިސްރުގައި އޮތް ރައީސް މުޙައްމަދު މުރްސީގެ ވެރިކަން ވައްޓާލުމަށްފަހު އެގައުމުގެ ވެރިކަމާއި ހަވާލުވެވަޑައިގެންނެވިއިރު، ސިސީ ހުންނެވީ މުރްސީގެ ސަރުކާރުގެ ދިފާއީ ވަޒީރުގެ މަގާމުގައެވެ.
މުރްސީގެ ވެރިކަން ވައްޓާލިފަހުން މިސްރުގެ ސަލާމަތީ ބާރުތަކަށް އިސްލާމިކް ސްޓޭޓްގެ ހަނގުރާމަވެރިންގެ ހަމަލާތައް އަމާޒުވުން ވަނީ އާއްމުވެފައެވެ. އެހަމަލާތަކުގައި މިސްރުގެ ފުލުހުންނާއި ސިފައިންގެ ގިނަ އަދަދެއްގެ ބަޔަކު މަރުވެފައިވެއެވެ.
މިސްރުގެ އުތުރުގެ ސައިނާ ޕްރޮވިންސްގައި ގިނަ އަދަދެއްގެ ހަނގުރާމަވެރިން ހަރަކާތްތެރިވާއިރު، އެސަރަޙައްދަކީ މިސްރުގެ ސަލާމަތީ ބާރުތަކަށް އަމާޒުކޮށް ހަނގުރާމަވެރިން ދޭ ހަމަލާތައް އެންމެ އާއްމު ސަރަޙައްދެވެ.