ރާއްޖޭގެ ސިޔާސީ ޙާލަތާ ގުޅޭ ކަންކަން ބެލުމަށް ވިލާތުގެ އިއްތިޙާދުގެ ވަފުދެއް މާދަމާ ރާއްޖެ އަންނަން ނިންމައިފި އެވެ.
އީޔޫ ޕާލަމެންޓްގެ ދެކުނު އޭޝިއާގެ ކަންތައްތަކާ ގުޅޭ ވަފުދުގެ މިބޭފުޅުން ރާއްޖެ މިވަޑައިގަންނަވަނީ ރާއްޖޭގެ ޙާލަތާއި މެދު ކަންބޮޑުވެ، ދާދިފަހުން އީޔޫ ޕާލަމެންޓުން ރާއްޖެއާ ދެކޮޅަށް ފާސްކުރި ޤަރާރުގައި، ރާއްޖެއަށް ވަފުދެއް ފޮނުވަން ގޮވާލާފައިވަނިކޮށެވެ.
ލަންކާއަށާއި ރާއްޖެއަށް މިވަފުދު ކުރައްވާ ޒިޔާރަތުގައި މާދަމައިން ފެށިގެން އަންނަ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއާއި ލަންކާގައި ވަފުދު މަސައްކަތްކުރައްވާނެއެވެ. އަދި ސިޔާސީ ފަރާތްތަކާއިއެކު މަޝްވަރާކޮށް، އަންނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބާއި ބެހޭ ކަންކަން މިވަފުދުން އޮޅުން ފިލުވާނެއެވެ. ހަތަރު މެމްބަރުންގެ މައްޗަށް އެކުލެވޭ މިވަފުދު ރާއްޖެއަށް ވަޑައިގަތުމުގެ ކުރިން މިމަހުގެ 19ވަނަ ދުވަހު މެންދުރުފަހު އެބޭފުޅުން ވަނީ ކޮމިޓީގެ އެހެން މެމްބަރުންނާއި އަދި އީޔޫގެ ޚާރިޖީ ގުޅުންތަކާއި ބެހޭ ބޭފުޅުންނާއެކު ބެލްޖިއަމްގެ ބްރަސަލްސްގައި ބައްދަލުކުރައްވައި، ރާއްޖޭގެ ޙާލަތާބެހޭ ގޮތުން މަޝްވަރާކުރައްވާފައެވެ.
އީޔޫގެ ވަފުދު ރާއްޖެ އާއި ލަންކާއަށް ވަޑައިގަންނަވާއިރު، ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު މުހައްމަދު ނަޝީދު ވަނީ ދާދިފަހުން ލަންކާއަށް ވަޑައިގެން ލަންގާއި ޤާއިމްކޮށްފައިވާ އީޔޫގެ މިޝަންގެ ބޭފުޅުންނާއި ބައްދަލުކުރައްވާފައެވެ.
ރާއްޖެއާއި ދެކޮޅަށް ނެރުނު ޤަރާރުގައި ރާއްޖޭގެ ސިޔާސީ ހާލަތާއި މެދު ކަންބޮޑުވުން ފާޅުކޮށް، ރާއްޖޭގެ އިންސާނީ ހައްޤުތަކާއި ފަރުދުންގެ އަމިއްލަ އަދި ޚިޔާލު ފާޅުކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަން ގެއްލެމުންދާތީ ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. ރާއްޖެއިން ވަނީ މި ޤަރާރު ބަލައިނުގަންނާނެކަމަށް ބުނެފައެވެ.