އަންނަ އަހަރު މާލެއިން 4000 އަކަފޫޓުގެ ގޯއްޗެއް ގަންނާނެ ކަމަށް، ދާދި ފަހުން މާލެއިން 1000 އަކަފޫޓުގެ ގޯއްޗެއް ބައްލަވައިގެންނެވި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.
ފަލާހު ވިދާޅުވީ މާލެއިން ގޯއްޗެއް ގަތުމުން ބަޔަކު އަޖައިބުވެގެން އުޅުނަސް، އޭނާ އަކީ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވުމުގެ ކުރިން ފެށިގެން މަސައްކަތް ކުރަމުންދާ މީހެއް ކަމަށެވެ.
"މަށަކީ ކާކުކަން ނޭނގޭ މީހުން އަޖައިބުވެގެން އުޅެނީ މާލެއިން ގޯއްޗެއް ގަނެގެން، ރަނގަޅަށް މަ އެނގޭ މީހުން ބުނާނެ އެ ސޮރަކީ މަސައްކަތް ކޮށްގެން ލާރި ހޯދާ ސޮރެކޭ،" ފަލާހު ވިދާޅުވި އެވެ.
ފަލާހު ވިދާޅުވީ އޭނާގެ މިލްކިއްޔާތުގައި މަޖިލީހަށް އިންތިހާބު ވުމުގެ ކުރިން ވެސް 1.5 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 23 މިލިއަން ރުފިޔާ) ގެ ސަފާރީއަކާއި، ދެ މިލިއަން ޑޮލަރު(30.8 މިލިއަން ރުފިޔާ) ގެ ސަފާރީއެއް އޮންނަ ކަމަށެވެ. އަދި އަމިއްލަ ރަށުގައި، ރ. އިންނަމާދޫގައި 4000 އަކަފޫޓުގެ ގޯއްޗެއް ވެސް އޮންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ފަލާހު ވިދާޅުވީ އުމުރުން 16 އަހަރުން ފެށިގެން މަސައްކަތް ކުރަމުން އަންނަ ކަމަށާއި ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅުން މަސައްކަތްތެރިކަމުގެ ގައުމީ އިނާމު ވެސް ލިބިފައިވާ ކަމަށެވެ.
މީގެ އިތުރުން ފަލާހު ވިދާޅުވީ އޭނާގެ ނަން މައްޗަށް މާލެއިން ގަތް 1000 އަކަފޫޓުގެ ގޯތި ރަޖިސްޓްރީ ކޮށްދިނީ ބުރާސްފަތި ދުވަހު ކަމަށާއި ހޮނިހިރު ދުވަހު އިމާރާތް ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
"ގޯތި ގަތް ވާހަކައަކީ ތެދެއް، މަގޭ ނަން މައްޗަށް ބުރާސްފަތި ދުވަހު ރަޖިސްޓްރީ ކޮށްދިނީ، ހޮނިހިރު ދުވަހު މަސައްކަތް ފަށައިފިން. މިހާރު ވިސްނަމުން މިދަނީ އަންނަ އަހަރު މާލެއިން 4000 އަކަފޫޓުގެ ގޯއްޗެއް ގަންނަން،" ފަލާހު ވިދާޅުވި އެވެ.
ހަތަރު މިލިއަން ރުފިޔާ އަށް ފަލާހު މާލެއިން ބައްލަވައިގެންނެވީ މ. އަލްހަދީދު ކިޔާ ގޯތީގެ 1000 އަކަފޫޓެވެ.
ފަލާހަކީ ރާއްޖޭގެ އެންމެ މަޝްހޫރު އަދި އެންމެ ބޮޑު އެއް ބޯޓް ބިލްޑިންގ ކުންފުނި ކަމަށްވާ މެރިން ޑިޒައިން މޯލްޑިވްސްގެ ވެރިޔާ އެވެ.