ރައީސް އަބްދުﷲ ޔާމީން ރ. އަތޮޅު މީދޫން ވޯޓް ބޭނުންނަމަ ތޫނު ހަތިޔާރު ބޭނުންކޮށްގެން ހަމަލާދީ މަރާލާފައިވާ އެރަށު ފެންފިޔާޒުގޭ، މުހައްމަދު އަނަސްގެ ގާތިލުން އިންސާފްގެ ކުރިމައްޗަށް ގެންނަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީއަށް މައުލޫމާތު ދެއްވަމުން އަމީތު ވިދާޅުވީ އަނަސްގެ މަރާލި މީހުން އިންސާފްގެ ކުރިމައްޗަށް ގެނެއުމަށް އެރަށުގެ ރައްޔިތުން ރައީސް ޔާމީންގެ ސަރުކާރަށް ޑިމާންޑްކުރަމުންދާ ކަމަށެވެ. މި މައްސަލައާ ގުޅިގެން ބަޔަކު ހައްޔަރުކުރި ނަމަވެސް، އަނަސް އަށް އިންސާފްލިބުނުކަމަށް މީދޫގެ ރައްޔިތުން ގަބޫލުނުކުރާ ކަމަށް ވެސް އަމީތު ވިދާޅުވިއެވެ.
އަމީތު ވިދާޅުވީ މީދޫގެ ރައްޔިތުން މި މައްސަލާގައި އެދޭ އިންސާފަކީ މަރަށް މަރު ހިފުން ކަމަށެވެ.
"މީދޫގެ ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް އެއީ، އަނިޔާވެރިގޮތަކަށް މަރާލެވުނު މީދޫގެ ޒުވާނެންގެ މައްސަލާގައި އިންސާފް ލިބުން، އެ އާއިލާއިން ރަށުގެ ރައްޔިތުން އެބަ ޑިމާންޑްކުރޭ އިންސާފް ހޯދަދިނުމަށް، ރައީސް ޔާމީންގެ އަނބިކަބަލުން ފާތިމަތު އިބްރާހިމް ދީދީ އެރަށް ވަޑައިގެންނެވި ދުވަހު، މި ބޭފުޅާއަށް މިކަމާއި ގުޅޭގޮތުން އެއްވެސް ވިސްނުމެއް ނެތް، ކުއްލިއަކަށް މި ފެނިވަޑައިގަތީ އިޙްތިޖާޖް ކުރިތަން ، ދެން ހީވެއްޖެ އިންސާފް ނުލިބިއްޖެނަމަ، ނުވަތަ މީހުން ހައްޔަރުނުކުރެވޭނަމަ ވޯޓެއް ނުލިބޭނޭ، ދެން މީހާރު ބަޔަކު ހައްޔަރުކޮށްފި، އެހެންނަމަވެސް މި މައްސަލާގައި މީދޫގެ ރައްޔިތުން އެދޭ އިންސާފަކީ މަރަށް މަރު ހިފުން," އަމީތު ވިދާޅުވިއެވެ.
އަނަސްގެ މަރުގެ މައްސަލައިގައި ދައުވާ ލިބޭ ފަސް މީހުން ޝަރީއަތް ނިމެންދެން ފުލުހުންގެ ބަންދުގައި ބައިތިއްބަން ކްރިމިނަލް ކޯޓުން އަމުރު ކޮށްފިއެވެ. ޝަރީއަތް ނިމެންދެން ބަންދުގައި ބޭތިއްބުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވަނީ، ޅ. ކުރެންދޫ އަސުރުމާގޭ އަހުމަދު ޒަޔާނާއި، މ. ދިމިޝްގް އުސްމާން ޝަރީފާއި، ލ. ގަން، ތުނޑި، ނަންނާރިގޭ ޖުނައިހު އަބްދުﷲ އާއި، ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހުފޫޒްގެ އިތުރުން މާލޭ ދަފްތަރު ނަމްބަރު 1746 ސިމާހު މޫސާގެ މައްޗަށެވެ.
ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ރޭ އަނަސް މަރާލާފައިވަނީ އޭނާ ފަހާ ދުވަމުން ގޮސް، ލިޓަސް ސަރވިސް ސެންޓަރު ތެރެއަށް އޭނާ ވަނުމުން، ފަހަތުން ގޮސް ހަމަލާދީގެންނެވެ. ތޫނު ހަތިޔާރު ބޭނުންކޮށްގެން އަނަސްގެ ހަށިގަނޑުގެ އެކި ތަންތަނަކަށް ހަމަލާދީފައިވާއިރު، ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޭނާ އޮތީ މަރުވެފައެވެ.
އަނަސްގެ މަރާ ގުޅިގެން، އޯގަސްޓް 3 ވަނަ ދުވަހު ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައިވަނީ އަނަސް މަރާލީ އޭނާގެ ކުށަކުން ނޫން ކަމަށާއި އޮޅިގެން އޭނާ ލައިގެން ހުރި ޓީޝާޓްގެ ސަބަބުން ކަމަށެވެ.