ރިޔާސީ އިންތިޚާބުގައި އެންމެ ގިނައިން ވޯޓް ލިބޭ މީހަކަށް ރައީސް ކަން ލިބޭ ގޮތަށް ޤާނޫނު އަސާސީ ބަދަލު ކުރަން ޖެހިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ވިދާޅުވެއްޖެއެވެ.
މިހާރު މިއޮތް ޤާނޫނު އަސާސީ އެކުލަވާލި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގައިވެސް އިންނެވި ޝަރީފް، ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި ހޮނިހިރު ދުވަހުގެރޭ ވިދާޅުވީ ރާއްޖޭގައި ބޭއްވި ރިޔާސީ ދެ އިންތިޚާބުންވެސް އެނގިގެން ދިޔައީ އެއް ބޭފުޅަކަށް 51 ޕަސެންޓަށް ވުރެ މަތިން ވޯޓު ލިބިފައި ނުވުން ކަމަށެވެ. އެއީ ޤާނޫން އަސާސީގައި ހެދިފައިވާ ގޯސް ގޮތެއް ކަމަށާއި އެކަމުގެ ސަބަބުން އެންމެ ގިނަ ބަޔަކު ވޯޓު ދޭ މީހަކު ވެރިކަމަށް ނާދެވޭ ކަމަށް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ ރާއްޖޭގައި މިއޮތީ ބަރުލަމާނީ ނިޒާމެއް ނޫންނަމަވެސް އެކަން ކުރެވިފައި ވަނީ ޤާނޫނު އަސާސީ ހެދިއިރު ދިރާސާ ކުރަންވާވަރަށް ދިރާސާ ނުކުރެވި ކަމަށެވެ. އެގޮތް ބަދަލު ކުރުމުން މިހާރު މިދިމާވާ ސިޔާސީ ހަލަބޮލިކަން ދިމާވެ ގައުމު ބައިބައިވުން ކުޑަވެގެންދާނެ ކަމަށާއި އެކަމަކީ ރާއްޖޭގެ ޤާނޫނުއަސާސީއަށް މިހާރު ގެންނަން ޖެހިފައިވާ ބަދަލެއް ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
"ރައްޔިތުންގެ އެންމެ ގިނަ މީހުން ފަސްޓް ޕްރެފަރެންސްގެ ގޮތުގައި ހޮވި މީހާ ވެރިކަމަށް ގެންނަން ޖެހޭ. އެހެން ކަމަށް ނުވުމުން ކުދިކުދި ޕާޓީތަކުން ބޮޑެތި ޕާޓީތައް ހައިޖެކް ކުރެވޭގޮތް ވަމުންދޭ" ޝަރީފް ވިދާޅުވިއެވެ.
ރާއްޖޭގެ ޤާނޫން އަސާސީގައި ކަނޑައަޅާފައިވާ ގޮތުގައި ރައީސުލް ޖުމްހޫރިއްޔާކަމަށް ވަޑައިގެންނެވޭނީ ރައްޔިތުންގެ މެދުގައި ނެގޭ ވޯޓަކުން 50 ޕަސެންޓަށްވުރެ މަތިން ވޯޓްލިބިވަޑައިގަތުމުންނެވެ. މި ޤާނޫނު އަސާސީގެ ދަށުން ބޭއްވި ރިޔާސީ ދެ އިންތިޚާބުގައިވެސް ފުރަތަމަ ބުރުގައި އެންމެ ގިނައިން ވޯޓު ލިބިވަޑައިގެންނެވި ރިޔާސީ ކެނޑިޑޭޓަށް ދެވަނަ ބުރު ކާމިޔާބު ކުރައްވައިގެން ރައީސް ކަމަށް ވަޑައިގެންނެވިފައެއް ނުވެއެވެ.